މޯލްޑިވްސް ޕޮލިސް ސާވިސް

ގާނޫނާ ހިލާފު އެއްވުންތަކަށް ފުރުސަތެއް ނެތް: ފުލުހުން

ގާނޫނާ ޚިލާފު އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށާ އެފަދަ އަމަލުތައް ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން އިންޒާރުކޮށްފި އެވެ. ފުލުހުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ފަހަކަށް އައިސް "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ" ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް އިންތިޒާމުކޮށް އެފަދަ އެއްވުންތަކުގައި ގާނޫނާ ހިލާފު ކަންކަން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި ބުނީ "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަ" ަށް ނެގެސްފައިވާ އިސްލާހުތަކުގެ ދަށުން އެއްވެ އުޅުމާ، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ އިމުން ބޭރުން، އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާ، ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާ، އުޅަނދު ފަހަރުގައި އަޑުގަދަ ކުރާ ބޭނުން ކޮށްގެން ހިނގާލުމަކީ ގާނޫނުން މަނާ ކަންކަން ކަމަށެވެ.

"ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަ"ށް އިސްލާހު ގެނެސްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރުއެވެ. އެ ބަދަލު ގެނެސްގެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔާފައި ވެއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެއްވުންތައް ގާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއް ނެތި ބާއްވަމުންދާ ކަމަށެވެ.

ގާނޫނީ އިމުގެ ތެރެއިން ބާއްވަމުންދާ އެއްވުންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ، އެއްވުން ކުރިއަށްދާ ސަރަހައްދުގެ ތަކުގެ މަގުތަކުގެ ސަލާމަތީ ރައްކާތެރިކަން ބަލަހައްޓައިދީ ދޭންޖެހޭ އެހީތެރިކަން ދޭން ފުލުހުން އިސްކަންދޭ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ނޫނީ އެއްވެސް ފަރާތަކުން އެއްވުމެއް ކުރިއަށް ނުގެންދަން އެދޭ ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި އިލްތިމާސް ކުރި އިރު ގާނޫނާ ޚިލާފު އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށާ އެފަދަ އަމަލުތައް ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުވެސް އަޅާނެ ކަމަށް އެ ބަޔާނުގައި އިންޒާރުކޮށްފައި ވެއެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރެފައި ވަނީ އިސްލާމްދީނާ މާތް ﷲ ގެ ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލާގައި ފިޔަވަޅު އެޅުމަށް ގޮވާލާ އިދިކޮޅު ޕާޓީތަކާއި ރަށްރަށުގެ އާންމުން ސިލްސިލާ އެއްވުންތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގަ އެވެ.

އިއްޔެ ހަވީރު ރަސްފަންނު ސަރަހައްދުގައި ވެސް ވަނީ އެއްވުމެއް ބާއްވާފަ އެވެ. އަދި ވެލާނާގޭ ކައިރީގައި ވެސް ބުރާސްފަތި ދުވަހު ވަނީ އެއްވުމެއް ބާއްވާފައެވެ. މި ދެ އެއްވުމަށްވެސް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ.

މީގެ އިތުރުން ޕީޕީއެމް އޮފީސް ކުރިމަތީވެސް ބައެއް ރޭރޭ ދަނީ އެމްޑީއެންއާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މި އެއްވުންތައް ކުރިއަށް ގެންދަނީ މަގުގެ ދެ އަރިމަތީ ޕޭމަންޓްގައި ތިބެންނެވެ.