ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ކޮޅަށް ކެޕްޓަން އަސަދުﷲ އަބްދުﷲ ވައްދާލި ހަމައެކަނި ލަނޑާއެކު 1-0 ން މޮޅުވެ ތާވަލުގެ އެއް ވަނާގައި އަށް ޕޮއިންޓްގެ ލީޑްގައި މާޒިޔާ އެވެ، ދިގު މުއްދަތަކަށް ލީގް މެދުކަނޑާލައިފި އެވެ.
މާޒިޔާއިން އަށް ޕޮއިންޓަށް ލީޑް ފުޅާ ކޮށްލީ ދެ ވަނައިގައި އޮތް ކުލަބު އީގަލްސްއަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ. މިރޭގެ މެޗަށް ފަހު ލީގް 46 ދުވަހަށް މެދުކަނޑާލީ، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ފިލިޕީންސް އަދި ގުއާމް އާ ދެކޮޅަށް މާލޭގައި ކުޅޭ ދެ މެޗަށް ތައްޔާރު ވުމަށް ގައުމީ ޓީމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ޓްރެއިނިން ކޭމްޕްގައި މެލޭޝިއާއަށް ދިއުމަށް މާދަމާ ރޭ ގައުމީ ޓީމު ފުރާނެ އެވެ.
މިރޭެގ މެޗުގެ ފުރަތަމަ ހާފުގައި ގުރާންޑޭއިން އެ ޓީމުގެ މެޗު ޓެމްޕޯ ހަލުވި ކޮށް ކުޅެ ނުރައްކާތެރި ބޯޅަތަކެއް މާޒިޔާގެ ގޯލާ އަމާޒުކޮށް ފޮނުވާލި އެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ދަ ގުރާންޑޭގެ އަހްމަދު ހުޝާމް އަށެވެ. ދަ ގުރާންޑޭގެ ޓީމުގައި ހިމެނުނު ނަމަވެސް ކުރިން އޭނާ އަށް މެޗުތަކުން ފުރުސަތެއް ނުދެ އެވެ. އެހެންނަމަވެސް އަންޑާ 19 ގައުމީ ޓީމުގައި އޭނާ މެޗުތައް ކުޅުނު ފަހުން އޭނާއަށް ލީގް މެޗުތަކުން ފުރުސަތު ދޭން ވަނީ ފަށާފަ އެވެ.
ފުރަތަމަ ހާފުގައި އޭނާ ފޮނުވާލީ ހަމަލާ އަމާޒުވީ މާޒިޔާގެ ހުރަސް ދަނޑިއަށެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ދަ ގުރާންޑޭގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) ވަނީ ހުޝާމް ދެއްކި ކުޅުމަށް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ހުޝާމް އަކީ ފުޓްބޯޅައިގެ ކުރިމަގު އޮތް ކުޅުންތެރިޔެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައިވެސް އޭނާއަށް ފުރުސަތު ދޭނެ ކަމަށެވެ.
ފުރަތަމަ ހާފުގައި މާޒިޔާއިން ވެސް ދަ ގުރާންޑޭގެ ގޯލަށް ފުލުފުލުގައި ބާރު ބޮޑު ކުރި އެވެ. އެ ޓީމުގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އޭރިއާގެ އަރިމަތިން ނަގައިދިން ހުރަސްތަކުން މާޒިޔާއިން ވަނީ ދަ ގުރާންޑޭ އަށް ނުރައްކާ ކޮށްފަ އެވެ. އެގޮތަށް ނެގި ހުރަހެއް ދަ ގުރާންޑޭގެ ކުޅުންތެރިން ދިފާއު ކުރުމުން އޭރިއާ ބޭރަށް ނުކުތް ބޯޅަ މާޒިޔާގެ މޫސާ ޔާމީން ފޮނުވާލުމުން އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ދެ ވަނަ ހާފަށް މާޒިޔާގެ ކުޅުންތެރިން ދަނޑަށް ނުކުތީ، ދެ ވަނަ ހާފު ފަށަން ހަމަޖެހިފައި އޮތް ގަޑިއަށްވުރެ ހަތަރު މިނެޓް ލަހުންނެވެ. އޭރު ގުރާންޑޭގެ ކުޅުންތެރިން ދެ ވަނަ ހާފަށް ނުކުމެ ޓީމު ޓޯކްސްއަށް ފަހު ޓީމު އެތުރިލައިގެން ތިބިތަންވެސް އިރު ކޮޅެއް ވެއްޖެ އެވެ. މާޒިޔާގެ ކުޅުންތެރިން ދަނޑަށް އެރުމަށް ފަހުވެސް ރެފްރީ ވަނީ އެ ޓީމު ދެ ވަނަ ހާފަށް ތައްޔާރުވުން އަވަސް ކުރުމަށް އަނގައި ކަށިގަނޑުވެސް ފުމެފަ އެވެ.
ދަ ގުރާންޑޭއިން ދެ ވަނަ ހާފުގެ ކުޅުން ފެށިނަމަވެސް އެ ޓީމުން މެޗުގެ ތެރެއަށް ވަދެވުނީ ލަހުންނެވެ. ފުރަތަމަ ހާފު ފަށައިގެން ފުރަތަމަ 10 މިނެޓްތެރޭގައި ދަ ގުރާންޑޭގެ ފަރާތުން އެ ޓީމުން ފުރަތަމަ ހާފުގައި ދެއްކި ހަލުވި ގޭމްގެ ކުޅުމެއް ނުފެނުނެވެ. މާޒިޔާގެ ލަނޑު އަސަދުﷲ ކާމިޔާބު ކުރީ ދަ ގުރާންޑޭގެ ކުޅުންތެރިން މަޑުގިނީގައި މެޗު ކުޅެމުން ދަނީކޮށް ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓްގަ އެވެ. މާޒިޔާއިން ނަގައިދިން ހުރަސް ގޯލް ކުރިމަތީގައި ހުރެ އަސަދުﷲ ފޮނުވާލިއިރު ދަ ގުރާންޑޭގެ ޑިފެންޑަރަށް ހުރެވުނީ އޭނާ ރަނގަޅަށް މާކު ކޮށްގެން ނޫނެވެ. ނެގި ހުރަސް ފަސޭހަ ކަމާއެކު އަސަދުﷲ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ.
ފަހުން ގެނައި ބަދަލުތަކާއެކު ދަ ގުރާންޑޭގެ ކުޅުންތެރިން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް ފުރަތަމަ ހާފުގައި ތަނަވަސް ކުރެވުނު ކަހަލަ ފަހި ފުރުސަތުތަކެއް ނުއުފެއްދުނެވެ. އިންމަ ބުނީ ކުޅުމާމެދު މާބޮޑު ހިތްހަމަ ޖެހުމެއް ނެތް ކަމަށާއި އެހެންނަމަވެސް ގޯލް ޖެހޭ ކަހަލަ ފުރުސަތުތަކެއް ތަނަވަސް ކުރެވުނު ކަމަށެވެ. "މެޗުން ބަލިވި ކަމުގައިވިޔަސް ބުރޭކަށް ފަހު މިއަށްވުރެ ރަނގަޅަށް ނުކުންނާނަން." އިންމަ ބުންޏެވެ.
މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނީ، އީގަލްސް އާ ދެކޮޅަށް ދަ ގުރާންޑޭ ކުޅުނު މެޗުގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައި އެ ޓީމު ކޮޅަށް ހަތަރު ލަނޑު ވަން ކަމަށެވެ. އެހެންނަމަވެސް މާޒިޔާއާ ކުޅެން ޖެހުމުން އެ ޓީމުން ތިބީ ވަރަށް ބޮޑަށް މޯޓިވޭޓްވެފައި ކަމަށެވެ.
"އީގަލްސް މެޗުގައި އެ ޓީމު [ދަ ގުރާންޑޭ] ކޮޅަށް ފުރަތަމަ 30 މިނެޓްގެ ތެރޭގައި ހަތަރު ގޯލް ވަން، މިއަދު އަހަންނަށް ފެނުނީ އެ ޓީމު ވަރަށް ބޮޑަށް މޯޓިވޭޓް ވެފައިވާތަން،" ސެކްލޮވްސްކީ ބުންޏެވެ. "އަހަންނަކަށް ނޭންގެ މިއަދު މާޒިޔާ އާ ދެކޮޅަށް އެ ޓީމުގެ ފަރާތުން އާދަޔާ ހިލާފް ކުޅުމެއްފެނުނީ ކޮންގޮތަކުން ކަމެއް."
މި މެޗަށް ފަހު، ދެން ލީގް ފަށާ މެޗުގައި ޑިސެމްބަރު 13 ވަނަ ދުވަހު މާޒިޔާ ނުކުންނާނީ ކުލަބު ގުރީން ސްޓްރީޓާ ދެކޮޅަށެވެ. އެ ރޭ ކުޅޭ މެޗުގައި ގުރާންޑޭ ނުކުންނާނީ ވިކްޓަރީ އާ ދެކޮޅަށެވެ.