ވިޔަފާރި

ގަލްފް އެއާ އިން ރާއްޖެއަށް ދަތުރު ފަށައިފި

Oct 27, 2019

ބަހްރެއިންގެ ގައުމީ އެއާލައިން، ގަލްފް އެއާ އިން ރާއްޖެއަށް މިއަދު ދަތުރު ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހެނދު ބޭއްވި ރަސްމިއްޔާތުގައި އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިސް އޮފިޝަލުންނާއި ގަލްފް އެއާގެ ސީއީއޯ ކްރެސިމާ ކޫކޯ އަދި މި އެއާލައިންގެ ރާއްޖޭގެ އެޖެންޓް ވިލާ އެއާގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އިސް އޮފިޝަލުން ބައިވެރިވި އެވެ.

ބަހްރެއިންގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށާނެކަން އިއުލާނު ކޮށްފައިވަނީ މި އަހަރު ސަރުކާރުން ބޭއްވި "މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައި" ބަހްރެއިނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުއްރަހުމާން މުހައްމަދު އަލް ގައުދު އެވެ.

ރާއްޖެއަށް ފެށި މި ދަތުރުތަކާބެހޭ ގޮތުން، ގަލްފް އެއާގެ ސީއީއޯ ކްރެސިމާ ކޫކޯ ވިދާޅުވި ގޮތުގައި ބަހްރެއިންގެ ގައުމީ އެއާލައިންގެ ފްލީޓަށް އިތުރު ބޯޓުތައް ގެނެސް އާ މަންޒިލް ތަކަށް ދަތުރު ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ރާއްޖެ ފަދަ ދުނިޔެ އަށް މަޝްހޫރު މަންޒިލަކަށް ދަތުރުތައް ފަށައި މަތީ ފަންތީގެ ޓޫރިޒަމަށް މަޝްހޫރު މަންޒިލް ތަކަށް ހިދުމަތް ދިނުމަކީ އެ ކުންފުނީގެ ޕްލޭނުގެ މުހިންމު ބައެކެވެ.

ޓޫރިޒަމްގެ މައި ސީޒަނާ ދިމާކޮށް މި އެއާލައިނުން ހަފުތާއަކު ހަތަރު ފްލައިޓް ރާއްޖެއަށް ބާއްވާނެ އެވެ.

ފްލައިޓް ބަހްރެއިން އިންޓަނޭޝަލް އެއާޕޯޓުން ފުރާނީ އެ ގައުމުގެ ގަޑިން ރޭގަނޑު 11:20 ގައެވެ. ވެލާނާ އިންޓަނޭޝަނަލްގައި ޖައްސާނީ ރާއްޖެ ގަޑިން ހެނދުނު 6:25 ގައެވެ. ރާއްޖެ އިން މީހުން ގޮވައިގެން ރާއްޖެ ގަޑިން ހެނދުނު 7:25 ގައި ދާނީ ކޮލަމްބޯ އަށެވެ. އަދި ކޮލަމްބޯ އިން ބަހްރެއިން އަށް ފުރާނީ ހަވީރު 4:55 އެވެ.

ގަލްފް އެއާއަކީ 69 އަހަރުވީ އެއާލައިން އެކެވެ. މި އެއާލައިނުން ދުނިޔޭގެ 28 ގައުމެއްގެ 50 މަންޒިލަކަށް އުދުހުންތައް ބާއްވަ އެވެ.