ކުޅިވަރު

ޕުލިސިކްއަށް ހެޓްރިކް، ސިޓީ އަލުން ދެ ވަނައަށް

ޕްރިމިއާ ލީގްގައި ކްރިސްޓިއަން ޕުލިސިކް ހެދި ފުރަތަމަ ހެޓްރިކާއެކު ބާންލީގެ މައްޗަށް 4-2 އިން މޮޅުވެ، ފުރޭންކު ލަމްޕާޑްގެ ކޯޗް ކަމުގައި ޗެލްސީން މޮޅު ވަމުން އަންނަ ޓްރެކް ހަތް މެޗަށް އިތުރު ކޮށްފި އެވެ.

ލަމްޕާޑްގެ ކޯޗް ކަމުގައި، ޗެލްސީ އެންމެ ފަހުން ބަލިވީ، މިދިޔަ މަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން ކުޅުނު ހުރިހާ މެޗަކުންވެސް އެ ޓީމު ދަނީ މޮޅުވަމުންނެވެ. ސީޒަން ފަށައިގެން ވޭތުވެދިޔަ ދެ މަހުގައި ޕުލިސިކް ގިނައިން އިންނަން ޖެހުނީ ބެންޗުގަ އެވެ. ބައެއް ފަހަރު މެޗުގެ ސްކޮޑުގައިވެސް އޭނާ ނުހިމެނެ އެވެ.

ޗެލްސީން އޭނާއަށް ކުރި ހޭދައާ އެއްވަރުގެ ކުޅުމެއް އެ ދެ މަހުގައި ފެނިފައި ނުވުމުން އޭނާއަށްވެސް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެހެންނަމަވެސް ރޭ ހެޓްރިކު ހެދުމުން އޭނާއަށް ސަޕޯޓް ކުރުމުގެ ގޮތުން ޗެލްސީގެ ސަޕޯޓަރުން ގޮވަމުން ދިޔައީ "ޔޫއެސްއޭ, ޔޫއެސްއޭ" އެވެ.

ޕުލުސިކްގެ ލަނޑުތައް އޭނާ ވަނީ ދެ ފައިން އަދި ބޮލުންވެސް ކާމިޔާބު ކޮށްފަ އެވެ. ރޭ ގެ ހެޓްރިކާއެކު އޭނާ ވެފައި ވަނީ ޕްރިމިއާ ލީގްގައި ޗެލްސީއަށް ހެޓްރިކު ހެދި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ލަމްޕާޑް ބުނީ ޕްލިސިކް އަކީ ފުރިހަމަ ފުޓްބޯޅަ ކުޅުންތެރިޔެއް ކަމަށެވެ.

ޗެލްސީގެ އަނެއް ލަނޑު ކާމިޔާބު ކުރީ ވިލިއަން އެވެ. ބާންލީގެ ލަނޑުތައް ކާމިޔާބު ކުރީ ޖޭ ރޮޑްރިގޭޒް އަދި މެކްނީލް އެވެ.

މެންޗެސްޓާ ސިޓީ ވަނީ އެސްޓަންވިލާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ތާވަލުގެ ދެ ވަނަ މަގާމަށް ޖެހިލާފަ އެވެ. ސިތީގެ ލަނޑުތައް ކާމިޔާބު ކުރީ ރަހީމް ސްޓާލިން، ޑޭވިޑް ސިލްވާ އަދި ގުންޑޯގަން އެވެ.