މިދިޔަ ހަފުތާގައި ދިވެހިންގެ ސޯޝަލް މީޑިއާ އެއްކޮށް ކަހަލަ ގޮތަކަށް ހިސޯރުކޮށްގެން އުޅުނީ "އެކްސްގާލް ބޭންޑް" އޭ ކިޔުނު ކުޑަ އަންހެން ކުއްޖަކާއި އެ ކުއްޖާ އަށް އަމާޒުކުރެވުނު ފުރައްސާރަ އާއި މަލާމާތެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ ކުޑަކުޑަ އަންހެން ކުއްޖަކު ލަވައެއް ކިޔާލީމަ ދެން ތިބި ބަޔަކު ނުކުމެ އެ ކުއްޖާ ފަކީރު ރޮލައި ކާލީ އެވެ.
ވެގެން އުޅޭ ގޮތެއް ހޯދައި ބަލައި މި ކުއްޖާގެ އާއިލާ އަށް "އަވަސް" އިން ގުޅާލިއިރު އަދި މި މައްސަލަ އޮތީ މާ ގޯސްކޮށެވެ. ޝަމީ ނަމަކަށް ކިޔާ އުމުރުން 13 އަހަރުގެ މި އަންހެން ކުއްޖާ އަކީ ބުލީންގެ މުސީބާތުން އަރައިނުގަނެވިފައިވާ ކުއްޖެކެވެ.
ޏ. ފުވައްމުލަކުގެ ހާފިޒު އަހުމަދު ސްކޫލްގެ ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ މި ދަރިވަރަކީ ކޮންމެ ދުވަހަކު ވެސް ބުލީންގެ ފުރައްސާރަ އާއި އަނިޔާއާ ކުރިމަތިލާންޖެހިފައިވާ ކުއްޖެކެވެ.
ސްކޫލަށް ދިޔައީމަ ކްލާހުގައި ތިބޭ ކުދިން ވެސް އޭނާ އަށް ބުލީކުރަނީ އެވެ. ލަވައެއް ރިކޯޑްކޮށް ފޭސްބުކަށް ލީ އެ ހިތާމައަކުން އަރައިގަނެވޭތޯ ބަލާށެވެ. ނަމަވެސް ބަންޑުންވީ އިތުރު ހިތްދަތިކަމެކެވެ.
ސޯޝަލް މީޑިއާގައި ވެސް އޭނާ އަށް މީހުން ބުލީކުރަން ފެށީ އެވެ.
"ވަރަށް ދެރަވޭ މީހުން އެގޮތަށް އެއްޗެހި ކިޔާތީ. ގެއަށް އައިސް ވެސް މި ހުރެވެނީ ހިތްހަމަނުޖެހިފައި. އެކަންތަކާ އަބަދު ވިސްނަން ޖެހިފައި،" ރަށުގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ޝަމީ ކިޔައިދިނެވެ.
"އަޅުގަނޑު ބުނެލަން ބޭނުންވަނީ އެގޮތަށް އެއްވެސް ކުއްޖަކު ބުލީނުކުރާށޭ. އަޅުގަނޑަށް ތިޔަހެން އުނދަގޫ ނުކުރާށޭ. އަޅުގަނޑުގެ އެއްވެސް ކުށެއް ވެސް ނެތޭ."
ފުވައްމުލަކުގައި ޝަމީ ދިރިއުޅެމުން ދަނީ އޭނާގެ މަންމަ ޝިފާނާ އަލީ އާއި 16 އަހަރުގެ ދައްތަ އަކާއި ދޮން ބައްޕައަކާ އެކުގަ އެވެ. ޝަމީގެ ބައްޕަ ވަނީ ނިޔާވެފަ އެވެ.
"ބައްޕަ ނިޔާވުމަކީ ވެސް ދަރިފުޅަށް އިތުރު ހިތްދަތިކަމެއް ލިބުނު ކަމެއް. ދެން މިގޮތަށް ކުދިން އޭނާ އަށް ބުލީކުރާތީ އަދި ހުންނަނީ ވަކިން ބޮޑަށް ބޯގޮވާފައި،" ޝަމީގެ މަންމަ ޝިފާނާ ކިޔައިދިނެވެ.
"އަބަދުވެސް ގެއަށް އައިސް ބުނާނެ އެހެން ކުދިން ތިމަންނަ ބުލީކުރަނީއޭ. ހުތުރު އެއްޗެހި ގޮވަނީއޭ. ބައްޕައާ ދިމާލަށް ވެސް ހުތުރު އެއްޗެހި ގޮވަނީއޭ. މަންމައާ ވެސް ބެހެނީއޭ."
ޝިފާނާ ބުނީ އޭނާގެ ދަރިފުޅު ލަވަކިޔަން ފެށީ ބުލީކުރުމުގެ ސަބަބުން ލިބޭ ނަފުސާނީ އަނިޔާތަކުން ސަލާމަތްވުމަށް ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ގޭ ތެރޭގައި އުޅޭއިރު އޭނާ ވަރަށް ލަވަކިޔާނެ. ދެން ލަވަކިޔަން ފެށީމަ އަޅުގަނޑު އެއް ދުވަހަކު ބުނިން ދަރިފުޅު ލަވަކިޔާ ގޮތް މަންމަ އަށް ވަރަށް ރީއްޗޭ. އެހެން ބުނީމަ ބުނީ އެހެންވިއްޔާ ލަވަތައް ފޭސްބުކަށް ލާން ބޭނުމޭ،" ޝިފާނާ ކިޔައިދިނެވެ.
"އޭނަ ވަރަށް ކުރާ ހިތުން ކުރާ ކަމެއް އެއީ. އެއްވެސް މީހަކު ކޮޕީކުރަން ނުވަތަ ބަޔަކަށް ދައްކަން ކުރާ ކަމެއް ނޫން އެއީ އެއްގޮތަކަށް ވެސް."
ޝިފާނާ ބުނީ ދަރިފުޅުގެ ހުރި މައްސަލަތައް އެނގޭއިރުގަ އާއި ދަރިފުޅުގެ އުމުރަށް ބަލާއިރު އޭނާ އަށް ސޯޝަލް މީޑިއާގެ ދޮރު ހުޅުވައި ދެނީ އަބަދުވެސް އިސް މީހެއްގެ ހާޒިރުގައި ކަމަށެވެ. އެގޮތުން އާންމުކޮށް ފޭސްބުކަށް ވަންނަނީ ވެސް ހުއްދަ ހޯދައިގެން ޝިފާނާގެ ހާޒިރުގައި އޭނާގެ ފޯނުން ކަމަށް ވެސް ބުންޏެވެ.
"އަބަދުވެސް ހުންނާނީ ވަރަށް ދެރަވެފައި. އެހެން މީހުންނާ ވަރަށް އެކަހެރިވެގެން އުޅޭނީ ވެސް. ދެން މިހެން އުޅޭ ކުއްޖަކު ހިތްހަމަޖައްސާލަން އަމިއްލަ އަށް ކަމެއް ކުރަން ފެށީމަ އަޅުގަނޑު ވެސް ބޭނުންވީ ދަރިފުޅަށް ހިއްވަރު ދޭން،" ޝިފާމާ ކިޔައިދިނެވެ.
އޭނާ ބުނީ ދަރިފުޅު ބުލީކުރުމަށް ފަހު އޭނާގެ ސިކުނޑީގެ މައްސަލައެއް އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކައިގައި ވެސް ހަގީގަތެއް ނެތް ކަމަށެވެ.
"ދަރިފުޅުގެ ސިކުނޑީގެ އެއްވެސް މައްސަލައެއް ނުހުންނާނެ،" ޝިފާނާ ބުންޏެވެ.
"ކުޑައިރު ޖެހުނު ޓޮންސިލްގެ މައްސަލައެއް. އެންމެ ކުޑައިރު ރަނގަޅަކަށް ވާހަކައެއް ވެސް ނުދެއްކޭނެ. ރަނގަޅަކަށް އަޑެއް ނާދޭ. ދެން ކިރިޔާ ވެސް ރަނގަޅަށް ވާހަކަ ދެއްކެން ފެށީ އިންޑިއާ އަށް ގޮސް ޓޮންސިލްގެ އޮޕަރޭޝަނެއް ކުރި ފަހުން،" ޝިފާނާ ބުނީ ދަރިފުޅު ލަވަކިޔާއިރު ވެސް އަޑު އެގޮތަށް ފާހަގަކުރެވެނީ ވާހަކަ ދައްކަން އެހާ ފަރިތަނުވާތީ ކަމަށެވެ.
"އަދިވެސް ވާހަކަ ދައްކަން އެހާ ފަރިތައެއް ނުވާނެ އަޅުގަނޑުގެ ދަރިފުޅު. ވެދާނެ ރަނގަޅަށް ވާހަކަ ނުދެއްކޭތީ އާއި ކަޅުކޮށް ހުންނާތީ ކަމަށް ވެސް ކުދިން އޭނާ އަށް މަލާމާތްކޮށް ބުލީކުރަނީ."
ޝިފާނާ ބުނީ ކުރިން ދެ ކައިވެނިކޮށް އެ ދެ ކައިވެނިން އޭނާ އަށް ލިބުނު މި ދެ އަންހެން ކުދިންގެ ތެރެއިން އެކަކު ކަޅުކޮށް ހުންނައިރު ދޮށީ އަންހެން ކުއްޖާ ހުންނަނީ ފުދޭވަރަކަށް ދޮންކޮށް ކަމަށެވެ.
"މީނަ ކުޑަކޮށް ކަޅުކޮށް ހުންނާތީ ވެސް ބައެއް ފަހަރަށް ކުދިން ދިމާކޮށް ރޮއްވާލާ،" ޝިފާނާ ކިޔައިދިނެވެ.
ޝިފާނާ ބުނީ ފޭސްބުކަށް ލަވަތައް އަޕްލޯޑްކޮށްގެން މީހުންގެ މަލާމާތައި ފުރައްސާރަ އަމާޒުވުމުން ވެސް އެންމެ ފުރަތަމަ އެ ކޮމެންޓްތައް ދެއްކީ އޭނާ އަށް ކަމަށެވެ.
"ދައްކާފަ ބުނީ މަންމާއޭ މިކަމާ އެއްވެސް ވަރަކަށް ދެރަ ނުވައްޗޭ. މީހުން ކިތަންމެ އެއްޗެހިތަކެއް ގޮވިޔަސް ދެރަނުވައްޗޭ،" ޝިފާނާ ބުންޏެވެ.
ތިން ވަނަ ދަރިފުޅާއެކު ބަލިވެ އިން ޝިފާނާ ބުނީ ހަގު ދަރިފުޅު އެހެން ބުނީ އޭނާ އަށް ބުލީކުރާ މައްސަލާގައި ޝިފާނާ އިތުރު ކަންބޮޑުވުމެއްގެ ތެރެއަށް ވެއްޓިދާނެހެން ހީވެގެން ކަމަށެވެ.
ޝިފާނާ ބުނީ އޭނާގެ ދަރިފުޅަކީ ހުނަރުވެރި ކުއްޖެއް ކަމަށާއި ލަވަ ވެސް ކިޔޭނެ ކުއްޖެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ ދަރިފުޅުގެ އެބަހުރި ޓެލެންޓް. މީހުން ކޮންމެ ގޮތަކަށް ހީކުރިޔަސް. އަޅުގަނޑުގެ ދަރިފުޅަށް ލަވަ ކިޔޭނެ،" ޝިފާނާ ބުންޏެވެ.
"މިހާރު މިގޮތަށް މިކަންތައް ދިމާވީމަ އަދި ބޭނުމެއް ނުވޭ ދަރިފުޅުގެ ލަވަކިޔުން ހުއްޓުވާކަށް ވެސް. މިހާރު ބޭނުން ވަނީ އިތުރަށް ހިތްވަރު ދީގެން ދަރިފުޅު ލައްވައި ލަވަކިޔުއްވަން."
"މާލޭގައި ތިބި ނަމަ ދަރިފުޅަށް އިތުރު ތަމްރީނު ހޯދައިދޭން ވެސް މަސައްކަތްކުރާނަން."
ޝަމީ ވެސް ބުނީ ބަޔަކު މީހުން ކިތަންމެ ވަރަކަށް ދިމާކުރިޔަސް ލަވަކިޔުން ހުއްޓާލުމެއް ނެތް ކަމަށެވެ.
ސޯޝަލް މީޑިއާގައި މި އަންހެން ކުއްޖާ ބުލީކުރަމުން ދިޔަ ފަރާތްތަކަށް އެއް ބައެއްގެ ފާޑުކިޔުން އަމާޒުވިއިރު ފަހުން ގިނަ ބައެއްގެ ރާގު ބަދަލުކޮށް ޝަމީ އަށް ތައުރީފުކުރަން ފަށާފައިވާކަން ފާހަގަކޮށްލެވެ އެވެ.
ޝަމީ އަށް ބުލީކުރަމުން ދިޔަ މީހުންގެ މައްސަލަ ސޯޝަލް މީޑިއާގައި ބޮޑުވެގެން ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިން ވެސް އެކަމާ ދެކޮޅަށް އަޑުއުފުލި އެވެ. އެގޮތުން މަޝްހޫރު ރޮކް ބޭންޑް އީމާންސް ކޮންސްޕިރެސީގެ ލަވަކިޔުންތެރިޔާ އީމާން ތައުފީގު އާއި ޕޮޕް ލަވަކިޔުންތެރިޔާ މާއިން ފާޅުކޮށްފައިވާ ހިޔާލުތައް ފާހަގަކޮށްލެވެ އެވެ.