ކުޅިވަރު

ޔުވެންޓަސް އެއްވަރު، އިންޓަ ފުރުސަތު ނަގާލައިފި

ލިއްޗޭ އާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް 1-1 އެއްވަރުވުމުން ދެން ޖެހިގެން ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ އެއް ވަނަ އަށް ދާން ލިބުނު ފުރުސަތު އިންޓަ މިލާންއިން ނަގާލައިފި އެވެ.

ލިއްޗޭ އާއި ޔުވެންޓަސްގެ މެޗަށް ފަހު، ރޭ ދެން ކުޅުނީ އިންޓަ މިލާން އާއި ޕާމާ އެވެ. އަމިއްލަ ދަނޑުގައި ކުޅެ ޕާމާ އަތުން 2-2 ން އިންޓަ ވީ އެއްވަރެވެ. ޓީމުގަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރެސްޓް ދިނުމަށް ފަހު ލިއްޗޭއަށް ދަތުރު ކުރި ޔުވެންޓަސްގެ ޓީމަށް ލީޑް ނަގައިދިނީ ޕައުލޯ ޑިބާލާ އެވެ. މެޗުގެ 50 ވަނަ މިނެޓްގައި އޭނާ ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އޭގެ ހަ މިނެޓްފަހުން ލިއްޗޭއަށް ލިބުނު ޕެނަލްޓީއެއްގައި އެ ޓީމުގެ މަޓޭއޯ މަންކޯޝޫ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އިންޓައިން ޕާމާ އާ ދެކޮޅަށް ފުރަތަމަ ލީޑް ނެގި ނަމަވެސް އެ ޓީމަށް ލީޑްގައި ހިފަހައްޓާ ނުލެވުނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންޓޯނިއޯ ކަންޑްރޭވާ އެވެ. އޭގެ ތިން މިނެޓް ފަހުން ޕާމާގެ ޔާން ކަރަމޯހް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ، މެޗުގެ 30 ވަނަ މިނެޓްގައި ޕާމާގެ ގޮވީނޯ އެ ޓީމަށް ލިޑް ނަގައިދިނެވެ. އިންޓައަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ދެ ވަނަ ހާފުގައި ރޮމެލޫ ލުކާކޫ އެވެ.

ދެ ޓީމުވެސް އެއްވަރު ވުމުން، ތާވަލަކަށް ބަދަލެއް ނާދެ އެވެ. ޔުވެންޓަސް އޮތީ އެއްވައިގަ އެވެ. ދެ ޓީމުގެ ދެމެދުގައި އޮތީ އެއް ޕޮއިންޓްގެ ފަރަގެވެ.