ހަބަރު

ޖަމިއްޔާއެއް އުވާލެވޭނެ ގޮތްތައް ބަޔާންކޮށް ބިލެއް ފޮނުވައިފި

Oct 27, 2019
6

ގާނޫނާއި ގަވައިދާ ހިލާފުވާ ޖަމިއްޔާތަކާ މެދު ފިޔަވަޅު އަޅާނެ އުސޫލެއް އެކުލަވާލައި، ޖަމިއްޔާތަކުގެ ބިލް ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ބަންޑާރަ ނައިބު އޮފީހުން މިއަދުު ބުނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ގާނޫނުއަސާސީއިން ކޮންމެ މީހަކަށްމެ ލިބިދޭ ޖަމްއިއްޔާތަކާއި ޖަމާއަތްތައް ހެދުމުގެ ހައްގު ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ޖަމްއިއްޔާތައް ރަޖިސްޓަރީކުރުމާއި ހިންގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކޮށް، ޖަމްއިއްޔާތަކުގެ ހަރަކާތްތަކަށް ފައިސާ ހޯދުމާއި، ދަރަންޏަށް ޒިންމާވުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ލަމަށެވެ.

އޭގެއިތުރުން ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްއިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ގާއިމުކޮށްދިނުމާއި، ޖަމްއިއްޔާގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމާއި، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޖަމްއިއްޔާތައް ހިންގަމުންދޭތޯ ބަލައި، ޖަމްއިއްޔާތައް ޒިންމާދާރުކުރެވޭނެ ހަމަތައް ބަޔާންކުރުމާއި، ޖަމްއިއްޔާއެއް އުވާލެވޭނެ ގޮތްތައް ބަޔާންކުރުމާއި، އެ ނޫންވެސް ޖަމްއިއްޔާތައް ހިންގުމާ ގުޅޭ ކަންކަން ކަނޑައަޅައި ބަޔާންކުރުމަކީ ވެސް ބިލްގެ ބޭނުމެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

މި ބިލުގައި ޖަމްއިއްޔާތައް ރަޖިސްޓަރީކުރުމާއި، ހިންގުމާގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިހާރު ޖަމްއިއްޔާތައް ރަޖިސްޓަރީކުރުމާއި ހިންގުމާ ގުޅޭގޮތުން އަމަލުކުރަމުން އަންނަ އުސޫލުތަކަށް އާ ބަދަލުތަކެއް ހުށަހަޅާފައިވެ އެވެ.

އެގޮތުން، ރާއްޖޭގައި ހިންގަން ބޭނުންވާ އެއްވެސް ބާވަތެއްގެ ޖަމްއިއްޔާއެއް ހިންގޭނީ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ކަމާއި، އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާތައްވެސް މި ބިލު ގާނޫނަކަށް ވުމާއެކު މި ގާނޫނުގެ ދަށަށް ބަދަލުވެގެންދާނެ ކަމަށެވެ. ޖަމްއިއްޔާތައް ރަޖިސްޓަރީކުރުން ފިޔަވައި، ވަކި ބާވަތެއްގެ ޖަމްއިއްޔާތައް ހިންގުމާ ގުޅޭ އުސޫލުތައް އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެފަދަ ޖަމްއިއްޔާތައް ހިންގުމާ ގުޅޭގޮތުން އަމަލުކުރާނީ އެ ގާނޫނުގައިވާ ގޮތުގެމަތިން ކަމަށް ވެސް ބިލްގައިވެ އެވެ.

ބިލްގައި ދެ ޖަމްއިއްޔާއެއް އެއްކޮށްލާނަމަ އަމަލުކުރަންޖެހޭނެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. އަދި ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއަކުން ރާއްޖޭގައި ހަރަކާތްތައް ހިންގުމަށް ބޭނުންވެއްޖެނަމަ، އަމަލުކުރަންވީ އުސޫލުތައް ވެސް ބަޔާންކޮށްފައިވެ އެވެ.

ޖަމްއިއްޔާތައް ރަޖިސްޓަރީކުރުމުގެ ޒިންމާ ހަވާލުވެފައިވާ ޖަމްއިއްޔާގެ ރަޖިސްޓްރާގެ ޝަރުތުތަކާއި، މަސްއޫލިއްޔަތުތައް ބަޔާންކުރުމުގެ އިތުރުން، ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލަން ވެސް ބިލްގައި ހިމަނާފައިވެ އެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރާ ޖަމްއިއްޔާތަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތަކާއި، މި ގާނޫނުގައި މަނާކަމެއް ކަމަށް ބަޔާކޮށްފައިވާ ކަމެއް ޖަމްއިއްޔާއަކުން ކޮށްފިނަމަ، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، އެ އަމަލެއް ހުއްޓުވުމަށް ނުވަތަ ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އެންގުމުގެ ބާރު ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ދިނުމަށް ވެސް ބިލްގައި ހިމަނާފައިވެ އެވެ.

އޭގެއިތުރުން، ޖަމްއިޔާތަކުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޖަމްއިއްޔާގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކިއެކި މުއާމަލާތް ހިންގުމާއި، ޖަމްއިއްޔާތަކުގެ ދަރަންޏާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވެ އެެވެ.

މި ބިލް ފާސްވެ ގާނޫނަކަށްވެގެންދާ ހިސާބުން މިހާރު އަމަލު ކުރަމުންދާ 2003 ވަނަ އަހަރު ފާސްކުރި ޖަމިއްޔާތަކުގެ ގާނޫނު އުވިގެންދާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

މި ބިލް ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވާފައިމިވަނީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޑިމޮކްރަޓިކް ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރުމުން އެ ޖަމިއްޔާ އުވާލުމަށް ގިނަ ބަޔަކު ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.