ދުނިޔެ

ބަޣުދާދީ މަރުވެއްޖެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

Oct 27, 2019

ވޮޝިންގްޓަން (އޮކްޓޯބަރު 27) - ލައިގެން ހުރި ޖެކެޓްގައި ހަރުކޮށްފައިވާ ބޮންތަކެއް ގޮއްވާލައިގެން އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ މަރުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފި އެވެ.

ޓީވީ މެދުވެރިކުރައްވާ ދެއްވި ބަޔާނެއްގައި ޓްރަމްޕް މިރޭ ވިދާޅުވީ އެމެރިކާ ސިފައިންގެ އަތު ނުވާންވެގެން ބަޣުދާދީ މަރުވެފައިވަނީ ލައިގެން ހުރި ޖެކެޓްގައި ހަރުކޮށްފައިވާ ބޮންތަކެއް ގޮއްވާލައިގެން ކަމަށެވެ. އޭނާ މަރުވެފައިވަނީ ތިން ދަރިންނާއެކު ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އެއީ ބަޣުދާދީކަން ކަށަވަރު ކުރުމަށް ވަގުތުން ޓެސްޓްތައް ހަދާފައިވާ ކަމަށެވެ. އަދި އެއީ ބަޣުދާދީކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

"ބާރުގަދަ އެ ގޮވުމުގެ ސަބަބުން އޭނާ [ބަޣުދާދީ] ގެ ހަށިގަނޑު މުޅިން ކުދިކުދިވި. ނަމަވެސް އެއީ އޭނާކަން ޓެސްޓްތަކުން ވަނީ ކަށަވަރުކޮށްފައި." ޓްރަމްޕް ވިދާޅުވި އެވެ.

މީގެ ފަސް އަހަރުކުރިން، ސީރިއާ އާއި އިރާގުގެ ބައެއް ސަރަހައްދުތަކުގައި އައިއެސްގެ ހިލާފަތު އިއުލާންކުރި ފަހުން ބަޣުދާދީ ވީތަނެއް ނޭނގި ތިއްބާ، އައިއެސްގެ އަލް ފުރްގާން ނެޓްވޯކް މެދުވެރިކޮށް އޭނާކަމަށް ބެލެވޭ މީހަކު ވަނީ 18 މިނެޓުގެ ވީޑިއޯއެއް ނެރެފަ އެވެ.

އެ ވީޑިއޯގައި ބަޣުދާދީ ބުނެފައި ލަންކާގައި ދިން ބޮމުގެ ހަމަލާތަައް ދިނީ ސީރިއާގެ ބާޣޫޒް ސަރަހައްދު އައިއެސްގެ އަތްދަށުން ހިފުމުން އެކަމުގެ ބަދަލު ހިފަން ކަމަށެވެ. ބަޣުދާދީގެ ވީޑިއޯގައި ވަނީ ބުރްކިނާ ފަސޯ އާއި މާލީގެ ހަނގުރާމަވެރިން ވެސް އައިއެސް އަށް ބައިއަތު ހިފާފައިވާ ކަމަށް ބުނެފަ އެވެ. އަދި ސޫދާން އާއި އަލްޖީރިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ވެސް އޭނާ ވަނީ ވާހަކަ ދައްކަައިފަ އެވެ.

އިރާގުގައި ހަރަކާތްތެރިވަމުން ދިޔަ އައިއެސްގެ ލީޑަރުކަމާ ބަޣުދާދީ ހަވާލުވީ 2010 ވަނަ އަހަރު އެވެ. އޭގެ ތިން އަހަރު ފަހުން ސީރިއާގައި ހަރަކާތްތެރިވަމުންދިޔަ އަލް ގައިދާގެ ބައެއް އައިއެސްގެ ތެރެއަށް ވައްދާ އައިސިލްގެ ނަމަށް ބަދަލުކޮށްފައިވާކަމަށް އޭނާ ވަނީ އިއުލާނުކޮށްފަ އެވެ.