ސައިންސް

ހަނދުން ފެން ހޯދަން ނާސާ ތައްޔާރު!

މީގެ ގަރުނުތަކެއް ކުރިން ހަނދުގައި ދުނިޔެއަށް ވުރެ ބޮޑު ފެން ކޯރެއް އޮތް ވާހަކައަކީ މިހާރު ވެސް ގިނަ ބަޔަކަށް ގަބޫލު ކުރަން ދަތި ވާހަކަ އެކެވެ. ސަބަބަކީ ސައިންވެރިންގެ ހޯދުންތަކުގައި ތަފާތުތަކެއް އުޅޭތީ އެވެ. އެގޮތުން ހަނދުގައި ފެން ނުހުންނާނެ ކަމަށް ބުނާ ސައިންވެރިން އެގޮތަށް ބުނަނީ ހަނދުގެ ބިމުގެ ސަތަހައަކީ ފެން ފަށަލަ އަށަގަންނަން އެކަށީގެންވާ ސަތަހައެއް ނޫން ކަމަށް ބުނެ އެވެ. ފެން ހުރި ކަމުގައި ވިޔަސް އިރުގެ ހޫނުގެ ސަބަބުން އެ ފެން އެވަޕަރޭޓް ވެގެންދާނެ ކަމަށް ބުނެ އެވެ. އަނެއްކޮޅުން ފެން ހުންނާނެ ކަމަށް ބުނާ ސައިންވެރިން ބުނަނީ، ގަރުނުތަކެއް ކުރިން ހަނދުގައި އޮތް ފެން ފަށަލަ މިހާރު ހިނދިފައިވާ ކަމަށެވެ.

ރަޝިއާގެ ޖައްވީ އިދާރާއިން ބުނާ ގޮތުންނަމަ ހަނދުގައި އޮތް ފެން ފަށަލަ އެވަޕަރޭޓް ވުމުގެ ބަދަލުގައި ވަނީ ހަނދުގެ ބިމުގެ އަޑިއަށް ގޮސްފަ އެވެ. ގިނަ ޖައްވީ އިދާރާތަކުން މިކަން ގަބޫލު ކުރެ އެވެ. ސަބަބަކީ ހަނދުގައި ފެން ހުރި ކަމުގެ ނިޝާންތައް ސެޓްލައިޓު ފޮޓޯ ތަކުން ފެންނަން ހުރުމުންނާއި އެހާ ބޮޑު ފެންގަނޑެއް އެވަޕަރޭޓް ވެދާނެ ކަމަށް ގަބޫލު ނުވާތީ އެވެ. މިއީ ޖައްވީ ކަންކަމުގައި އާންމުކޮށް ފަހު ބަސް ބުނާ އިދާރާ ކަމަށްވާ ނާސާއިން ވެސް ގަބޫލުކުރާ ގޮތެވެ. އެގޮތުން މިހާރު ނާސާއިން ވަނީ ހަނދުން ފެން ހޯދުމުގެ މަސައްކަތަށް ހާއްސަ ކޮށް ޖައްވީ އުޅަނދެއް ތައްޔާރުކޮށްފަ އެވެ.

ނާސާއިން ތައްޔާރުކުރި ވައިޕާ މޯބައިލް އުޅަނދު ހަނދުގެ ބިމުގެ ސަތަހަ ދިރާސާ ކުރުމުގައި 100 ދުވަސް ހޭދަ ކުރާނެ އެވެ. ދިރާސާގެ ތެރެއިން ހަނދުން ގަނޑުފެނާއި ދިޔައި ފެން ހޯދުމުގެ މަސައްކަތް ކުރާނެ އެވެ.

ވައިޕާ މޯބައިލް އުޅަނދަކީ 100 މީޓަރު އަޑިން ފެން ހޯދުމުގެ ގާބިލްކަން ލިބިގެންވާ ގޮތަށް އުފައްދާފައިވާ އުޅަނދެކެވެ. 2009 ވަނަ އަހަރު ނާސާގެ ޖައްވީ އުޅަނދެއް ކޮންޓްރޯލުން ނެއްޓި ހަނދަށް ވެއްޓެމުން ދިޔަ ވަގުތު ހަނދުގައި ގަނޑުފެން ހުރި ފޮޓޯތަކެއް ވަނީ ލިބިފަ އެވެ. އެއީ ހަނދުގައި ގަނޑުފެން ހުރި މަންޒަރު ދައްކުވައިދޭ ފުރަތަމަ ފޮޓޯ އެވެ. އެކަމަކު އެ ފޮޓޯތަކަކީ އަސްލެއް ނޫން ކަމެއް ޔޫރަޕާއި އޭޝިއާ ގައުމުތަކުގެ ޖަވީ އިދާރާތަކުން ބުނަމުން ދެއެވެ.

ވައިޕާ މޯބައިލް އުޅަނދުގެ މައުލޫމާތު ދެމުން ނާސާއިން ބުނީ އެ އުޅަނދު މަސައްކަތް ކުރަނީ ހަނދުގެ ބިމުގެ ސަތަހައިން ހައިޑްރޯޖަން ހޯދާށެވެ. އަދި ހަނދުން ހައިޑްރޯޖަން ފެނިޖެއްނަމަ އުޅަނދުގައި ހުންނަ ސެންސަރެއްގެ އެހީގައި 100 މީޓަރު އަޑި ދެނެގަނެވޭނެ ގާބިލްކަން ހުންނާނެ ކަމަށާއި އަދި އެއް މީޓަރު ފުން މިނަށް އެ ސަރަހައްދު ކޮނުމުގެ ގާބިލްކަން އުޅަނދަށް ލިބިގެންވާ ކަމަށް ނާސާއިން ބުނެ އެވެ. އެއް މީޓަރަށް ކޮނުމަށް ފަހު އެ ތަނަކުން ހައިޑްރޯޖަން ހުރި މިންވަރު އިތުރު ވެއްޖެނަމަ އަޑީގައި ފެން ގަނޑެއް އޮތުމުގެ ފުރުސަތު ބޮޑު ކަމަށް ނާސާއިން ބުނެ އެވެ.

މި އުޅަނދު ހަނދަށް ފޮނުވުާނީ 2022 ވަނަ އަހަރު އެވެ. މިއީ ފެން ހޯދުމުގެ ބޭނުމުގައި ތައްޔާރު ކޮށްގެން ހަނދަށް ފޮނުވާ ފުރަތަމަ ޖައްވީ އުޅަނދެވެ. ނާސާއިން މި މިޝަން މައުލޫމާތު ދެމުން ބުނީ، ހަނދުން ފެނުގެ އަސަރު ފެނިއްޖެނަމަ ހަނދުގައި އިންސާނުން އާބާދު ކުރުމަށް ހާއްސަ ކޮށްގެން މަސައްކަތެއް ކުރާނެ ކަމަށެވެ.