ވިޔަފާރި

ބިދޭސީންގެ ކޯޓާ ފީއާއި އޭޑީސީ ނަގާ އުސޫލު ބަދަލު ކުރަނީ

Oct 28, 2019
2

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރަން ބިދޭސީންގެ ކޯޓާ ފީ އާއި އެއާޕޯޓް ޑިވްލޮޕްމަންޓް ފީ (އޭޑީސީ) ނަގާ އުސޫލު ބަދަލު ގެންދަން ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ 2020-2022 ގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގައިވާ ބުނެފައިވާ ގޮތުން އަންނަ އަހަރު އާމްދަނީ އިތުރު ކުރަން ހުށަހަޅާ އާ ކަންތައްތަކުގެ ތެރޭގައި ފަރުދުންގެ އާމްދަނީ އިން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސް ނެގުމާއި ރިސޯޓު ތަރައްގީ ކުރަން އާ ރަށް ތަކެއް ދޫކުރުން ހިމެނެ އެވެ. މީގެ އިތުރުން ހިމެނެނީ ބިދޭސީ މުވައްޒަފުންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީ ނަގާ އުސޫލު ތަކަށް ބަދަލު ގެނައުމާއި އޭޑީސީ ނަގާ އުސޫލު ބަދަލުކޮށް ގިންތި ކުރުމެވެ.

އޭޑީސީ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުންގެ އަތުން ނަގާ ޓެކުހެކެވެ. މި ޓެކްސް ބޭރު މީހެއްގެ އަތުން ނަގަނީ 25 ޑޮލަރެވެ. އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ. މި ޓެކްސް ނަގަން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ދިވެހިންނާއި ބޭރު މީހުންގެ އަތުން 25 ޑޮލަރެވެ. ނަމަވެސް ފަހުންވަނީ ދިވެހިންގެ އަތުން ނަގާ އަދަދު 12 ޑޮލަރަށް ދައްކޮށްފަ އެވެ.

މިކަންކަމުން އިތުރަށް ލިބޭނީ 2.5 ބިލިއަން

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަންނަ އަހަރު އާމްދަނީ އިތުރު ކުރަން ހުށަަހަޅާ އައު ކަންކަމުން ދައުލަތަށް 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

އިންކަމް ޓެކްސް ނަގަން ހުށަހަޅައި އަންނަ އަހަރުގެ ޖެނުއަރީ މަހު މި ޓެކްސް ނަގަން ފަށަން ވެސް ސަރުކާރުންވަނީ ނިންމާފަ އެވެ. ފިނޭންސް މިނިސް މި ޓެކުހުން އަންނަ އަހަރު 368 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައިދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ބޭސްލައިން އަށް ކޭޝް ގްރާންޓްގެ މިންވަރާއި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންތައްތައް އިތުރުކުރުމުން އަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 5.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެ އެވެ. އަދި މިއަދަދު ކުރިއަށް އޮތް ފަސް އަހަރު އެވްރެޖްކޮށް އަހަރަކު 9.8 ޕަސެންޓް އިތުރުވެ، 2024 ގައި 4.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެ އެވެ.