ހަބަރު

ޖަޕާނު ސަފީރާއި ޒަހާ ވައިއެލްޓީޕީގެ ބައިވެރިންނާ ބައްދަލު ކުރައްވައިފި

Oct 28, 2019
2

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖޭއައިސީއޭ) އިން ހިންގަމުން ގެންދާ ޔަންގް ލީޑާސް ޓްރެއިނިން ޕްރޮގްރާމް ފޯ މޯލްޑިވްސް (ވައިއެލްޓީޕީ)ގެ ބައިވެރިންނާ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އާއި ޖާޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މިސް ޔަނާއީ ބައްދަލު ކުރައްވައިފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ޖަޕާނުގައި ފެށި ވައިއެލްޓީގެ ބައިވެރިން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ވަނީ އެނބުރި މާލެ އައިސްފަ އެވެ. އެ ޕްރޮގްރާމްގައި ފުވައްމުލަކާއި، ރ. ފައިނުއާ، ތ. ކަނޑޫދޫއާ، ފ. ދަރަނބޫދޫގެ އަދު ހަނިމާދޫގައި ގާއިމްކޮށްފައިވާ އެގްރިކަލްޗާ ސެންޓަރުގެ މުވައްޒަފެއް ވަނީ ބައިވެރިވެފަ އެވެ.

ފިޝަރީޒް މިނިސްޓްރީ އިން މިއަދު ބުނީ ޖަޕާނުގައި ފުރިހަމަކުރި ތަމްރީން ޕްރޮގްރާމް އިން ދަސްވި ކަންކަމުގެ ތެރެއިން ރާއްޖޭގެ ރަށްފުށު ތަރައްގީގައި ބޭނުން ހިފޭނެ ކަންތައްތައް ދެނެގަނެ، އެކަންކަން އަމަލީގޮތުން ކުރިއަށް ގެންދިއުމަށް ކޮންމެ ބައިވެރިއަކު ވެސް އެކްޝަން ޕްލޭންއެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއަދު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި އެ އެކްޝަން ޕްލޭންތައް މިނިސްޓަރަށާއި ޖަޕާނުގެ ސަފީރަށް ހުށަހަޅާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުންޏެވެ. އަދި ބައިވެރިން ނިސްބަތްވާ ރަށްރަށުގައި ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އެދެވޭ ހައްލުތަކެއް ހޯދުމަށް ދަނޑުވެރިންނާއި ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުމާއެކު ރަށު ފެންވަރުގައި ހިންގާނެ މަޝްރޫއުތަކުގެ ޕްލޭންތައް ވެސް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.