ރާއްޖޭގައި އީ ސިނގިރޭޓު ބޭނުން ކުރުން މަނާ ކުރުމާ މެދު ވިސްނާ އެކަމާ ބެހޭ ދިރާސާތަކެއް ހަދަންމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ޕަބްލިކް ހެލްތު ފޯރަމް ބޭއްވުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ އީ ސިނގިރޭޓު ރެގިއުލޭޓު ކުރަން ނުވަތަ އެއްކޮށް ބޭން ކުރުމާ މެދު ވިސްނާ ދިރާސާތަކެއް ހަދަމުންދާ ކަމަށެވެ. އެކަމުގައި ގޮތެއް ނިންމާ ޕޮލިސީ ލެވަލްގައި ބަދަލެއް ގެންނާނީ ދިރާސާތަކަށް ފަހުގައި ކަމަށާއި މަހެއްހާ ދުވަސް ތެރޭގައި ނަތީޖާ ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"[އީ ސިނގިރޭޓު ބޭން ކުރުން] އެކަމާ ދޭތެރޭ އަޅުގަނޑުމެން ދިރާސާތަކެއް އެބަ ކުރަން މަސައްކަތްތަކެއް އެބަ ކުރަން ހެލްތު މިނިސްޓްރީއާ ހެލްތު ސެކްޓާ ތެރޭގައި، ރެގިއުލޭޓު ކުރާނީތޯ ނުވަތަ ބޭން ކުރާނީތޯ އެކަމާ ދޭތެރޭ ވިސްނާ މަސައްކަތްތަކެއް އެބަ ކުރަން،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު މިހެން ވިދާޅުވި އިރު މި ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދެއް ހަދައި ވަކިން ސިނގިރޭޓު ވިއްކުން ވެސް މަނާކޮށްފަ އެވެ.
އީ ސިނގިރޭޓުން ސިއްހަތަށް ކުރާ ގެއްލުމުގެ ސަބަބުން ގިނަ ގައުމުތަކުން ވަނީ އެ ސިނގިރޭޓު ބޭނުން ކުރުން މަނާކޮށްފަ އެވެ.