ހަބަރު

ނައްތާލާފައިވާ ބަލިތައް ރާއްޖެއަށް ހިޖުރަ ކޮށްފާނެ: އަމީން

ރާއްޖޭގެ މަސައްކަތު އާބާދީ ބޮޑުވެ އެހެން ގައުމުތަކުން ހިޖުރަ ކުރާ މީހުންގެ ސަބަބުން ނައްތާލެވިފައިވާ ބަލިތައް އަލުން ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ހެލްތު ފޯރަމްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެއްގައުމުން އަނެއް ގައުމަށް މީހުން ދަތުރު ކުރުން އިތުރުވެ ބިދޭސީން ވަޒީފާ އަދާ ކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އެ ގައުމުތަކުން ހާސިލުކޮށްފައި ހުރި ސިއްހީ ކާމިޔާބީތަކަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

ރާއްޖޭގައި ވެސް ބިދޭސީ މަސައްކަތު އާބާދީ އިތުރުވަމުން އަންނަ އިރު ސިއްހީ ދާއިރާ އިން ރާއްޖެއިން ހޯދާފައިވާ މަތީ ކާމިޔާބީތަކަށް ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށް އަމީން ވިދާޅުވި އެވެ. އަދި އެހެން ގައުމުތަކުގައި ހުރި ސިއްހީ މައްސަލަތައް ރާއްޖެއަށް ހިޖުރަ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިސާލަކަށް ދަންނަވާ ކަމަށްވާނަމަ ނައްތާލެވިފައިވާ ބަލިތަކާއި އަޅުގަނޑުމެން ހޯދާފައިވާ ކާމިޔާބީތަކަށް ގޮންޖެހުން އެބަ ކުރިމަތިވޭ އަޅުގަނޑުމެން ސަރަހައްދުގައި ހުރި މައްސަލަތަކުގެ ސަބަބުން ވެސް. އެ މައްސަލަތައް އަޅުގަނޑުމެންގެ ތެރެއަށް ހިޖުރަ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ނައްތާލާފައިވާ އެއްވެސް ބައްޔެއް އަލުން ފެތުރެން ފަށާފައި ނުވާ ކަމަށާއި ވަކި ބައްޔެއް ފެތުރުމުގެ ބިރު ވެސް އުފެދިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެކަންކަމުގެ ސަބަބުން ދިމާވާނެ ގޮންޖެހުންތަކަށް ތައްޔާރުވާން ޖެހޭ ކަމަށާއި އެ ނޫން ނަމަ ކުރިޔަށް އޮތް އަހަރުތަކުގައި އާންމު ސިއްހަތުގެ މައްސަލަތައް ބޮޑުވެދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"ރާއްޖޭގައި ނައްތާލެވިފައިވާ ބަލިތައް ނައްތާލުމަށް ފަހު މޮނިޓާ ކުރެވޭނެ ނިޒާމްތައް އެބަހުރި އެ ނިޒާމްތައް ވަރަށް ހަރުދަނާ ކަމާ އެކީ އެބަ ހިނގާ،" އަމީން ވިދާޅުވި އެވެ.

ދާދި ފަހުން ވަނީ ރާއްޖޭގައި ވަރަށް ބޮޑަށް މަދުކޮށް، 2030 ވަނަ އަހަރަށް ނައްތާލަން އަމާޒު ހިފާފައިވާ ލެޕްރެސީ ގދ. ފަރެސްމާތޮޑާ ފެތުރެން ފަށާފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފަ އެވެ. ނަމަވެސް އެ މައްސަލަ ބޮޑުވުމާއެކު އެތަނުން ވަނީ "އިބާރާތް ކުރުމުގެ ކުށެއް" ކަމަށް ބުނެ އިއުލާން އަނބުރާ ގެންގޮސްފަ އެވެ. އެއަށް ފަހު ހެލްތު މިނިސްޓްރީ އިން ވެސް ވަނީ އެ ބަލި ނުފެތުރެ ކަމަށް ބުނެފަ އެވެ.