ސައިންސް

އެއްފަހަރާ 35 މިލިއަން ގެލެކްސީ!

ދުނިޔެއިން ބޭރުގައި އެތަކެއް ސިއްރުތައް ފޮރުވިފައި އެބަހުއްޓެވެ. އެފަދަ ސިއްރުތައް ހޯދައި ދިރާސާ ކުރުމުގެ ބޭނުމުގައި ސައިންސްވެރިންނާއި ސްޕޭސް އެޖެންސީތަކުގެ އިދާރީ މަސައްކަތްތަކާއި ސައިންސް އެކުވެގެން ދަނީ ހުއްޓުމެއްނެތި ކޮންމެ ދުވަހަކު މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ފެނިފައި ނުވާ ޕްލެނެޓުތައް ހޯދުމާއި، އެސްޓްރޮއިޑް ބެލްޓުތަކާއި ގެލްކްސީގެ އިތުރުން ބްލެކްހޯލް ހޯދުމަކީ ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތެވެ. މިއީ ޖައްވުގައި ފޮރުވިފައިވާ ސިއްރު ތަކެވެ. މިފަދަ ތަންތަން ހޯދަން އާންމު ގޮތެއްގައި ބޭނުން ކުރާނީ ބާރުގަދަ ޓެލެސްކޯޕްތަކާއި ޖައްވީ އުޅަނދުތަކެވެ.

ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔެއިން ބޭރުގައި 200 ބިލިއަނަށްވުރެ ގެލްކްސީ ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ވައްތަރެކެވެ. ފުރަތަމަ ވައްތަރަކީ ސްޕައިރަލް އެވެ. ދެވަނަ އަދި ތިންވަނަ ވައްތަރުގެ ގެލްކްސީއަކީ ބަރެޑް އާއި ސްޕައިރަލް އެވެ. ހަތަރު ވަނަ ގެލެކްސީ އަށް ކިޔަނީ އިރެގިއުލާ އެވެ. ގެލެކްސީ އަކީ ޖައްވުގައި ހުންނަ ގޭހާއި ހިރަފުސް އަދި މިލިއަނަކަށްވުރެ ގިނަ ތަރިތައް އެކުލެވޭ ގޮތަށް އުފެދިފައިވާ ބޮޑެތި ތަންތަނެވެ. މިތަން ސިފަވާނީ ސެޓްލައިޓް ފޮޓޯއަކުން ތޫފާނެއް ފެންނަ ގޮތަށެވެ. ގެލްކްސީތަކުގައި ބްލެކްހޯލް ހުންނަ ކަމަށް ވެސް ބައެއް ދިރާސާތަކުން ވަނީ ދައްކާފަ އެވެ.

ގެލްކްސީތައް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ސައިންންވެރިން މިވަނީ ޑާކް އެނާޖީ އެކުލެވޭ ޓެލެސްކޯޕެއް ބޭނުން ކޮށްގެން މުޅިން އާ 35 މިލިއަން ގެލެކްސީ ހޯދާފަ އެވެ. މިއީ ރިކޯޑް އަދަދެކެވެ. މިހާ ގިނަ އަދަދެއްގެ ގެލްކްސީތައް ހޯދާފައިވަނީ އެއްފަހަރާ އެވެ. މިއީ ފަސް އަހަރުގެ މަސައްކަތުން ތައްޔާރުކޮށް ނިންމި ޓެލެސްކޯޕެކެވެ. ޓެލެސްކޯޕް އުފައްދާފައިވަނީ ދުނިޔޭގައި ބަހައްޓައިގެން ޖައްވުގެ އެތަކެއް މިލިއަން އަލި އަހަރުތަކުގެ ދިގު ރަސްތާ ބަލައިލެވޭ ގޮތަށެވެ.

ޓެލެސްކޯޕް ތައްޔާރުކުރީ މެޝިން ލާނިން އާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން ކަމަށްވުމުން ކޮންމެހެން މީޙހަކު ޓެލެސްކޯޕުގައި ލޯ ޖައްސައިގެން ނުވަތަ ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލަހައްޓައިގެން ހުންނާކަށް ނުޖެހެ އެވެ.

އަލަށް ހޯދި ގެލެކްސީތަކުގެ މައުލޫމާތު އަދި އާންމެއް ނުކުރެ އެވެ. އަދި ގެލެކްސީތައް ފެނިފައިވާ ސަރަހައްދުގެ ސީދާ މައުލޫމާތު ވެސް އާންމެ ނުކުރެ އެވެ. އިނިގިރޭސިވިލާތުގެ ޖައްވީ އިދާރާގެ މި ހޯދުމުގެ މައުލޫމާތު މިހާރު ވަނީ ނާސާއަށް ދީފަ އެވެ. އެކަމަކު ނާސާއިން ވެސް އެ މައުލޫމާތެއް އަދި އާންމެ ނުކުރެ އެވެ. އާ ގެލެކްސީތަކެއް އިނގިރޭސިވިލާތުން ހޯދިކަން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.