ވިޔަފާރި

ހަރަދު ކުޑަކޮށް، އެސްޓީއޯގެ ފައިދާ 25 ޕަސެންޓް މަތިވެއްޖެ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އިން ކުރިން ކުރި ގިނަ ހަރަދުތަކެއް ކުޑަކޮށްލުމާއެކު، ސާފު ފައިދާ 25 ޕަސެންޓް އިތުރު ވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގެ ތިންވަނަ ކްއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 77 މިލިއަން ރުފިޔާ އެވެ. ނަމަވެސް ތިންވަނަ ކްއާޓަރުގައި ސާފު ފައިދާ ވަނީ 95 މިލިއަން ރުފިޔާއަށް އިތުރުކޮށް، 25 ޕަސެންޓް މަތި ކޮށްފަ އެވެ.

އެ ކުންފުނިން ތިން ވަނަ ކްއާޓަރުގައި އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ދެވަނަ ކްއާޓަރުގައި ލިބުނީ 2.3 ބިލިއަން ރުފިޔާ އެވެ. މި ކްއާޓަރުގައި އެ ކުންފުނިން ކުރި ވިޔަފާރީގެ މިންވަރު ވަނީ ދަށްވެފަ އެވެ.

ތިން ވަނަ ކްއާޓަރުގައި 1.9 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރިއިރު، ދެވަނަ ކްއާޓަރުގައި ދެ ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވެ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ތިންވަނަ ކްއާޓަރުގައި 112 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ. ދެވަނަ ކުއާޓަރުގައި މި އަދަދު އުޅެނީ 92 މިލިއަން ރުފިޔާގަ އެވެ.

އެސްޓީއޯއަށް ތިން ވަނަ ކްއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 340 މިލިއަން ރުފިޔާ ލިބުނުއިރު، ދެވަނަ ކްއާޓަރުގައި މި އަދަދު އުޅެނީ 326 މިލިއަން ރުފިޔާގަ އެވެ. މި ކްއާޓަރުގައި އެ ކުންފުނީގެ ހިއްސާއަކަށް 84ރ. ޖެހިފައިވެ އެވެ. ނަމަވެސް ދެވަނަ ކްއާޓަރުގައި ޖެހިފައިވަނީ 68ރ. އެވެ.

އެސްޓީއޯގެ މާލީ އުސް އަލިތައް

  • އާމްދަނީ 2.2 ބިލިއަން ރުފިޔާ (ދަށްވެފައި)
  • ކުރި ވިޔަފާރި 1.9 ބިލިއަން ރުފިޔާ (ދަށްވެފައި)
  • ސާފު ފައިދާ 95 މިލިއަން ރުފިޔާ (25 ޕަސެންޓް އިތުރު)
  • ޖުމްލަ ފައިދާ 340 (އިތުރުވުވެފައި)
  • ހިންގުމުގެ ހަރަދު 12 މިލިއަން ރުފިޔާ (ކުޑަ ކުރެވިފައި)
  • ހިއްސާ އަކަށް 84ރ. (މަތި ކުރެވިފައި)

އެސްޓީއޯގެ މާލީ ރިޕޯޓާ ބެހޭ ގޮތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިދިއަ ކްއާޓަރުގައި ކުންފުނީގެ ހިންގުމުގެ ހަރަދު 12 މިލިއަން ރުފިޔާ ކުޑަކުރެވިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތިން ކުއާޓާގެ ފައިދާ އެއްކޮށްލުމުން މިދިޔަ އަހަރުގެ ޖުމްލަ ފައިދާއަށް ވުރެ މި އަހަރުގެ ތިން ކްއާޓަރުގައި އެސްޓީއޯ އަށް ލިބުނު ފައިދާ، ގާތްގަނޑަކަށް 30 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ފައިދާ އިތުރުވިއިރު، މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް މިފްކޯއަށް މި އަހަރުގެ މިހާތަނަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ.