މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވަން އެފްއޭއެމުން ތާވަލު ކުރި ގައުމީ ފުޓްބޯޅަ ސުކޫލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އަންނަ ފެބުރެއަރީގައި ހުޅުވަން އެފްއޭއެމުން ތާވަލު ކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ އެކެޑެމީ ޕްރޮޖެކްޓް އެފްއޭއެމުން އިއުލާން ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އިންޓަނޭޝަނަލް ސްޓޭންޑަށް ފެތޭނެ ކަމަށް އޭރު ބުނި ފުޓްބޯޅަ ސުކޫލްގެ މަސައްކަތް ނުފެށި ދިގުލައިގެން ގޮސް އެފްއޭއެމުން އެކި ތާރީހްތައް ދިނެވެ. އަދި މި އަހަރު ފެބްރުއަރީގައި ހުޅުވަން އެފްއޭއެމުން ތާވަލު ކުރި އެވެ.
ފުޓްބޯޅަ ސުކޫލްގެ މަސައްކަތް މިހާ ދިގުލައިގެން ދިޔައީ، ސަރުކާރު ބަދަލުވެ، އެފްއޭއެމް އާއި ސަރުކާރާ ދެމެދު ހިނގި ތޮޅާ ފޮޅުން ތަކާ ހެދި އެވެ. އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް ބައެއް ކުލަބުތަކުން ކުރި މަސައްކަތުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްވެސް ބައިވެރިވެ އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް މަހްލޫފްވެސް ގަދަ އަޅައި މަސައްކަތް ކުރި އެވެ.
މިހާރު "ތަޅާފޮޅުން ނިމިއްޖެ" ކަމަށާއި ފުޓްބޯޅައިގެ ކަންކަމުގައި އެކުގައި މަސައްކަތް ކުރައް ތައްޔާރަށް ހުންނެވި ކަމަށް މިނިސްޓަރި އަހްމަދު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން އެފްއޭއެމް އާއި ސްޕޯޓްސް މިނިސްޓްރީން ދަނީ އެކުގައި މަސައްކަތް ކުރައްވަމުންނެވެ. އޯގަސްޓް މަހު ބައްސާމް ވިދާޅުވީ، ފުޓްބޯޅަ ސުކޫލްގެ މަސައްކަތަކީ މިނިސްޓަރު މަހްލޫފްގެ ވެސް ވަރަށް ބޮޑު ހުވަފެނަކަށް ވެފައިވާ ކަމަށެވެ.
"ހާއްސަކޮށް އައްޑޫގައި ބޭއްވި ޔޫއެފާ އެސިސްޓް މުބާރާތުގައި ބޫޓާން ޓީމުގެ މަސައްކަތް ބަލައި އޭގެއިން އެބައެނގިގެންދޭ އެއް ޓިމެއް އެއްތަނެއްގައި ކޭމްޕްކޮށްގެން ޓްރެއިން ކުރުމާ ސްކޫލަށް ދިއުމާ މިހުރިހާ ކަމެއް ކުރީމަ ވަރަށް ސަޕްރައޒިން ނަތީޖާތަކެއް ބޫޓާން ޓީމުން މިފަހަރު ނެރެފި،" އައްޑޫގައި ބޭއްވި ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތުގައި ފައިނަލަށް ދަތުރު ކުރި ބޫޓާން ޓީމުގެ މަސައްކަތަށް އިޝާރާތް ކޮށް ބައްސާމް ވިދާޅުވެފައި ވެއެވެ. "އެ ކަންކަން ހިއްސާ ކުރުމުން މިނިސްޓަރުވެސް ފާހަގަ ކުރެއްވި ރާއްޖޭގައި އެ ފެސިލިޓީސް ހުރުމުގެ މުހިންމުކަން،" ހުޅުމާލޭ ސްކޫލަކީ މިނިސްޓަރު މަހްލޫފްގެވެސް ވަރަށް ބޮޑު ޑްރީމަކަށް ވެފަ މިއޮތީ."
ރާއްޖޭގެ ފުޓްބޯޅައިގެ ހުނަރު އެންމެ ބޮޑަށް އުފެދިގެން އަންނަނީ ރާއްޖޭތެރޭގެ ރަށްރަށުންނެވެ. އެހެންނަމަވެސް ގައުމީ ޓީމުތައް މާލޭގައި ބޭސްވެފައި ވުމުން އަތޮޅު ތެރޭގެ ކުޅުންތެރިންނަށް މާލެ އައިސް ގައުމީ ޓީމުތަކުގައި ބައިވެރިވުން އޮންނަނީ އުނދަގޫ ކަމަކަށް ވެފަ އެވެ. މިގޮންޖެހުން އެންމެ ބޮޑަށް ކުރިމަތި ވަނީ އުމުރުފުރާތަކުގެ ގައުމީ ޓީމަށެވެ.
އެކެޑެމީގެ ގާއިމު ކުރާނީ 100 ކުދިންނަށް ތަމްރީން ފޯރުކޮށްދެވޭ ގޮތަށް ކަމަށް ކުރިން އެފްއޭއެމުން ބުންޏެވެ. އެކެޑެމީ ކުރިއަށް ދާނީ ބޯޑިން ކޮލެޖެއް ހިންގާ ގޮތަށް ކުދިންނަށް އެތަނުގައި ދިރިއުޅެވޭނެ ގޮތަށެވެ. މި ސުލޫލްގެ ތަމްރީންތައް އަމާޒު ކުރަނީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށެވެ.
އިއްޔަ ބައްސާމް ވަނީ، ފުޓްބޯޅަ ސުކޫލްގެ އިމާރާތް ކުރިއަށް ދާ ހުޅުމާލޭގެ ސައިޓަށް ވަޑައިގެން މަސައްކަތް ބައްލާވާލައްވާފަ އެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އެކޮމެޑޭޝަން ބުލޮކަކާއި ޓާފދަނޑެއްގެ އިތުރުން އޮފީހެކެވެ.