އެފްއޭއެމް

އެފްއޭއާއި މަޖިލިސް މެންބަރުންގެ ފުޓްބޯޅަ މެޗު މިއަދު

ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޓީމަކާއި އެފްއޭއެމްގެ ޓީމަކާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗެއް މިއަދު ހަވީރަށް ތާވަލު ކޮށްފި އެވެ.

މިއަދު ހަވީރު 3:45 ގައި ކުޅިވަރު އެކުވެނީގެ ޓާފް ދަނޑުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ އަނެއް ބޭނުމަކީ، ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ފިލިޕީންސް އަދި ގުއާމް އާ ދެކޮޅަށް މާލޭގައި ގައުމީ ޓީމު ކުޅޭ މެޗުތަކަށް ފޯރި ގެނައުމެވެ.

މަޖިލިސް މެންބަރުގެ ޓީމު އެކުލަވަލަނީ މެންބަރުގެ ތެރެއިންނެވެ. މަޖިލިސް މެންބަރުންގެ ގޮތުގައި ރާއްޖޭގެ އެންމެ ޓޮޕް ލެވަލްގައި ފުޓްބޯޅަ ކުޅުނު ހަތަރު ބޭފުޅަކު ހިމެނެ އެވެ. އެއީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ކުރީގެ އެއް ވަނަ ޑިފެންޑަރު ބިލެއްދޫ ދާއިރާގެ އަހްމަދު ހަލީމް (ދޮން ބިލެތް) ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން (ޖޭފޯ) ކުރިން ނިއު ރޭޑިއަންޓަށް ކުޅުއްވި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.

އެ ބޭފުޅުން މަޖިލީހުގެ މެންބަރުންގެ ޓީމުގައި މިއަދުގެ މެޗުގައި ހިމެނޭ ކަމެއް ނޭންގެ އެވެ. އެފްއޭއެމް ޓީމުގައި ފުޓްބޯޅައިގެ ކުރީގެ ލެޖެންޑުންނާއި ކެބިނެޓް މިނިސްޓަރުންގެ އިތުރުން އެފްއޭމްގެ އެކްސްކޯ މެންބަރުންނާއި އެފްއޭއެމްގެ މުވައްޒަފުން ހިމެނޭނެ އެވެ.