އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ލިސްޓުގައި ހިމެނިފައިވާތީ، ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެވަޑައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ފައިސާ ލިބުނު ގޮތް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސާފު ކޮށްދެއްވައިފި އެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެންބަރަކާއި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ހިމެނޭ ކަމަށް ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކޮށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އޭގެ ތެރޭގައި ކެންދޫ ދާއިރާާގެ މެންބަރު އަލީ ހުސައިން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ކުރީގެ ނައިބު ރައީސްގެ އަތުން އޭނާއަށް އެކި އިރު ފައިސާ ލިބިވަޑައިގެންފައިވާތީ އެ ފައިސާ ލިބިވަޑައިގެންނެވި ގޮތް ސާފު ކޮށްދެއްވުމަށް އަލީ ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެވަޑައިގެންފަ އެވެ.
އަލީ ހުސައިން "އަވަސް"އާ މިއަދު ވާހަކަ ދައްކަވަމުން ވިދާޅުވީ އަދީބުގެ އަތުން އޭނާއަށް ލިބުނު ފައިސާއަކީ އޭނާ ކުރި ހަލާލު މަސައްކަތަށް ލިބެން ޖެހޭ ފައިސާ ކަމަށެވެ. އެގޮތުން 2011 ވަނަ އަހަރުން ފެށިގެން އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްގެން އަދީބު އޭނާއަށް ދޭން ޖެހޭ ބައެއް ފައިސާ ހުރި ކަމަށް އަލީ ވިދާޅުވި އެވެ.
ދެހާސްއެގާރަ ވަނަ އަހަރުގެ ތެރޭގައި އަދީބުގެ ބައްޕަ، ފުލުހަށް ހާޒިރު ކުރުމުން އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ އަލީ އެވެ. އޭގެ އިތުރުން އަދީބު ހިމެނޭ ތިން ކުންފުންޏަކަށް އަލީ ވަކީލުކަން ކޮށްދެއްވިއިރު، އަދީބު އެދިވަޑައިގަތުމުގެ މަތިން ވިޔަފާރިވެރިންގެ ޖަމިއްޔާއަށް ވެސް އަލީ ވަނީ ވަކީލުކަން ކޮށްދެއްވައިފަ އެވެ.
އަލީ ވިދާޅުވި ގޮތުގައި އަދީބަށް ވަކީލުކަން ކޮށްދިން ކޭސްތަކަށް އޭނާއަށް ދޭން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 500،000 ރުފިޔާ އޭނާއަށް ލިބިފައިވާ ކަމަށެވެ. އަދިވެސް ބައެއް ފައިސާ ލިބިފައި ނުވާ ކަން ވެސް ފާހަގަ ކުރެއްވި އެވެ. ފުލުހަށް ހާޒިރުވެވަޑައިގެން އެ ފައިސާ ލިބުނު ގޮތާއި ވަކީލުކަން ކޮށްދެއްވި ކޭސްތަކާ ގުޅުން ހުރި ލިޔެކިޔުންތައް ހިއްސާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަކީލުކަން ކޮށްދިން ކޭސްތަކަށް ހުރީ ފައިސާ ނުދީ. ދެން އެހެންވެ އަޅުގަނޑު އެކި ފަހަރު މަތިން ބުނަމުން ބުނަމުން އައި. އެ ޕޭމަންޓްތައް ސެޓަލް ކޮށްފައި ވަނީ. އެއީ އެމްއެމްޕީއާރުސީ އާ ގުޅުން ހުރި ފައިސާއެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑު ކުރި މަސައްކަތަށް ލިބިފައިވާ ފައިސާ އެއް އެއީ." އަލީ ވިދާޅުވި އެވެ.
އަދީބު އަތުން ލިބުނީ އަޅުގަނޑު ކުރި ހަލާލު މަސައްކަތުގެ ފައިސާ. އެއީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ގަބޫލެއް ނުކުރަންއަލީ ހުސައިން | ކެންދޫ ދާއިރާގެ މެންބަރު
އަލީ ވިދާޅުވީ އެމްއެމްޕީއާރުސީ ފައިސާ ލިބުނު ބައެއްގެ ލިސްޓުގައި އޭނާ ހިމެނިގެން ނުވާނެ ކަމަށެވެ. އަދި އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށް މިހާރު ހަދައިގެން އެ އުޅޭ ލިސްޓަކީ އަދީބުގެ އަތުން އެކި ގޮތް ގޮތުން ފައިސާ ލިބުނު މީހުންގެ ނަންތައް ހިމަނައިގެން، ސިޔާސީ ބޭނުމަކަށް ހަދައިގެން އުޅޭ ލިސްޓެކެވެ.
"އަޅުގަނޑަށް ލިބުނީ 500،000 ރުފިޔާ. އެއީ މަޖިލިސް މެންބަރަކަށް ވެސް ވުމުގެ ކުރިން. އަދި މަޖިލިސް އިންތިހާބަށް ވާދަ ކުރަން އިއުލާން ކުރުމުގެ ވެސް ކުރިން. އަދި ދައުލަތުގެ މަގާމެއްގައެއް ވެސް ނުހުންނާނެ. އަދީބު އަޅުގަނޑަށް ފައިސާ ދޭން ޖެހޭ އެހެން އެއްވެސް ސަބަބެއް ނޯންނާނެ،" އަލީ ހުސައިން ވިދާޅުވި އެވެ.