ނުވަވަނަ ފިލްމު އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކަށް ބައިސްކޯފް ހަމަޖައްސައިފި އެވެ.
އެންސީއޭއިން ބުނީ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފިލްމު އެވޯޑްސްގެ ޕާޓްނަރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރަމުން ގެންދާ ކަމަށެވެ.
ފިލްމް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކަށް ބައިސްކޯފް ހަމަޖައްސާ އެންސީއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދެވެ. އަދި ބައިސްކޯފުގެ ފަރާތުން ޑައިރެކްޓަރު އަބްދުﷲ ހާފިޒެވެ.
މީގެ އިތުުރުން ޕްރިންޓިން ޕާޓްނަރަކަށް އެމްއެކްސް ސައިން ވަނީ ހަމަޖައްސާފައެވެ. އެންސީއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަދި އެމްއެކްސް ސައިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަތީނެވެ.
އެންސީއޭއިން ބުނީ ވަރަށް އަވަހަށް މީޑިއާ ޕާޓްނަރު އަދި އޮންލައިން ޕާޓްނަރުންނާއެކު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިފަހަރުގެ ފިލްމު އެވޯޑުގައި ފިލްމުތަކަށް އިންސާފު ކުރާނީ އެ ދައިރާއިން ތައުލީމު ހާސިލް ކުރައްވާފައިވާ ހަތް ބޭފުޅެކެވެ.
އޭގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އާއި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަނާއި ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.
ނުވަ ވަނަ ފިލްމް އެވޯޑްސްގައި ވާދަ ކުރަނީ 12 ފީޗާ ފިލްމާއި ކުރު ފިލްމެކެވެ. ކުރު ފިލްމެއްގެ ގޮތުގައި ބައިވެރިކޮށްފައި ވަނީ "ކަނޑު އިބިލީސް" އެވެ.
އެވޯޑްސްގައި 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރު ނިިކުތް ބޮޑެތި ފިލްމުތައް ހިމެނެ އެވެ.
ފިލްމް އެވޯޑްސްގައި ވާދަކުރާ ފިލްމުތައް
- ނޭދެން ވަކިވާކަށް - 2017
- ވިޝްކާ - 2017
- ރޭވުމުން - 2018
- މީ ލޯތްބަކީ - 2017
- ބޮސް - 2017
- ތިޔަ - ލޯތްބާ ދުރަށް 2018
- ނޯޓީ ފޯޓީ - 2017
- އިލްނޮއިސް - 2017
- ހައްދު - 2017
- ކަނޑު - އިބިލީސް 2018
- މަލިކާ - 2017
- ދެވަންސޫރަ - 2018