ރީކޯ މޫސާ މަނިކު

ދައުވަތު ނުލިބުމުން ރީކޯ މޫސަ ހިތު ޖެހިއްޖެ

މިރޭ ނިންމާލި ނުވަ ވަނަ ފިލްމު އެވޯޑްސް ހަފުލާއަށް ދައުވަތު ދީފައި ނުވާތީ ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެވާހަކަ ދައްކައިފި އެވެ.

މިހާރުގެ ފިލްމީ ތަރިންނާއި، ކުރީގެ ފިލްމީ ތަރިން ވެސް ބައިވެރިވި ނުވަ ވަނަ ފިލްމު އެވޯޑްސް ހަފުލާ ބާއްވާފައި ވަނީ އޮލިންޕަހުގަ އެވެ.

މޫސަ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ 15 އަހަރު ވަންދެން ފިލްމު ކުޅުމަށްފަހު، މިހާރު އެ ދާއިރާއާއި ދުރުގައި ހުންނެވި ނަމަވެސް އެވޯޑް ނައިޓަށް ދައުވަތު ދެއްވި ނަމަ ވަޑައިގަންނަވާނެ ކަމަށެވެ. އަދި "ޒާތީ" ކަމެއްނެތި މިފަދަ ކަންކަން އިންތިޒާމު ކުރުމަށް މޫސަ އެދި ވަޑައިގެންފައި ވެއެވެ.

"ފަނަރަ ވަރަކަށް އަހަރު ފިލްމު ކުޅެފައި މިހާރު ދުރުގައި ހުރިކަމަށް ވިޔަސް، އެވޯޑް ޖަލްސާއަށް ދައުވަތު ދިން ނަމަ ރީތި ގަމީހެއް ލައިގެން އެތާ އިނދެލަން އަދިވެސް ކަމުދާނެ. މާބޮޑަށް ޒާތީ ނުވެ މި ކަހަލަ ކަންކަމަށް ގޮވާލާ ނަމަ." މޫސަގެ ޓްވީޓްގައި ވިދާޅުވި އެވެ.

ނުވަ ވަނަ ފިލްމު އެވޯޑްސް ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ދައުލަތުގެ ވަޒީރުން އަދި ރައްޔިތުންގެ މަޖިލީސް މެންބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވި އެވެ.