ޓެކްނޯލޮޖީ

ސިއްރު މިޝަނަށްފަހު އެކްސް 37ބީ ދުނިޔެއަށް!

Oct 30, 2019

ޖައްވުގައި ސިއްރު މިޝަންތަކެއް ހިންގަން އުޅުނަސް ގިނަ ފަހަރާ ކޮންމެވެސް ނާކާމިޔާބެއް ވެއެވެ. އެއީ ގައުމުތަކުން ޖައްވުގައި ހަރަކާތްތެެރިވާ އުޅަނދުތައް މޮނީޓާ ކުރުމުގެ ގޮތުން ރާޑަރުތަކާއި ސެޓްލައިޓުތައް ހަރުކޮށްފައި ހުރުމުންނެވެ. އެތަކެއް ޕްލެނެޓުތަކާއި އެތަކެއް ސަތޭކެ މިލިއަން އަލި އަހަރުގެ ދުރު ރާސްތާ ސަރަހައްދުތަށް މޮނީޓާ ކުރުމުގެ ގާބިލްކަން މި ރާޑަރުތަކާއި ސެޓްލައިޓުތަކަށް ވަނީ ލިބިފަ އެވެ. ރަޝިއާއިން ޖައްވަށް ފޮނުވާލި ޖައްވީ ޖާސޫސް "ސްކައިބޮޓް" ހުރިހާ ފީޗާސްތަކެއް ސެޓްލައިޓުގެ ސެންސަރުތަކަށް ލިބުމުން ސްކައިބޮޓް ވަނީ ޖައްވުގައިވާ ބައިނަލްއަގްވާމީ ޖައްވީ އިދާރާގެ ބަނޑަހަގޭގައި ބާއްވާފަ އެވެ. ރަޝިއާއިން ސްކައިބޮޓް ޖައްވަށް ފޮނުވީ އެހެން ގައުމުތަކުގެ ސެޓްލައިޓުތަކުންނާއި ރާޑަރުތަކުން އެއްކޮށްފައިވާ މައުލޫމާތު ހޯދާށެވެ.

މިހާ ބާރުގަދަ ސެޓްލައިޓުތަކާއި ރާޑަރުތައް ޖައްވުގައި އަތުރާފައި ހުރުމުގެ ސަބަބުން، ޖައްވުގައި ސިއްރު މިޝަންތައް ހިންގުމަށް ގައުމުތަކުން ފަސް ޖެހެ އެވެ. ސަބަބަކީ ޖައްވީގެ ގާނޫނުގެ ދަށުން އެއީ މަނާ ކަމަކަށް ވެފައި އދ. ގެ ހުއްދަ ނެތި މިޝަންތަށް ކުރިއަށް ގެންދާނަމަ އެ ގައުމެއް ޖައްވީ ހޯދުންތަކުން ވަކި މުއްދަތަކަށް ސަސްޕެންޑް ކުރުމުގެ ބާރު އދ. އަށް ލިބޭތީ އެވެ. މިކަމަށް ގޮން ޖަހާލަން މިހާތަނަށް ކެރިވެފައި ވަނީ އެމެރިކާ އާއި ރަޝިއާށެވެ. އެއީ ބާރުގަދަ ދެ ގައުމަށްވެފައި ޖައްވީ ހޯދުންތަކުގައި އެ ދެ ގައުމުގެ ނުފޫޒު މާ ބޮޑުވުމުން ފިޔަވަޅެއް އެޅޭ ގޮތް ނޯންނަނީ އެވެ. އެ ވާހަކަ ނުވެސް ދައްކަނީ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އެމެރިކާއިން ޖައްވުގައި ކުރިއަށް ގެންދިޔަ ސިއްރު މިޝަނެއްގެ ވާހަކަ މިހާރު ވަނީ ދެކެވެން ފަށައިފަ އެވެ. އެ އަހަރު އަމިއްލަ ސްޕޭސް ކުންފުންޏެއް ކަމަށްވާ ސްޕޭސް އެކްސް އިން ވަނީ އެމެރިކާގެ އެއާ ފޯސްގެ ބޭނުމަށް "އެކްސް 37ބީ" ގެ ނަމުގައި އުޅަނދެއް ބަނދެ ޖައްވަށް ފޮނުވާފަ އެވެ. އެ މައުލޫމާތު އެގެނީ ސްޕޭސް އެކެސް އާއި އެމެރިކާގެ ދިފާއި ވުޒާރާގެ އިސްވެރިންގެ އިތުރުން ނާސާގެ އިސްވެރިންނަށެވެ. މި މިޝަނުގެ މައުލޫމާތު އެހެން އެއްވެސް ގައުމަކަށް ނޭގުމުން ހައިރާކަން އިތުރުވި އެވެ. ދުނިޔެއާ ކައިރީގައި ވެސް އެތަކެއް ސެޓްލައިޓުތަކެއް ހުރެ އެވެ.

އެމެރިކާގެ އެއާ ފޯސްއިން ޖައްވުގައި ސިއްރު މިޝަނެއް ކުރިއަށް ގެންދިޔަކަން މިހާރު އެނގިފައި މިވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުންން އެ ޖައްވީ އުޅަނދު ނާސާގެ ސްޕޭސް ސެންޓަރަކަށް ލޭންޑް ކުރުމުންނެވެ. ވަގަށް އެކްސް 37ބީ ޖައްވަށް ފޮނުވި ކަމުގައި ވިޔަސް އަނބުރާ ދުނިޔެއަށް ގެނެސްފައި ވަނީ ވަގަކަށް ނޫނެވެ. ހާމައަށެވެ. މިކަން އަދި އެއްވެސް ގައުމަކުން ރަސްމީ ގޮތެއްގައި ކުށްވެރިއެއް ވެސް ނުކުރެ އެވެ. އެހެން ގައުމުތަކުގެ ބައެއް ސައިންސްވެރިން ހަމައެކަނި އެމެރިކާގެ ދިފާއި ވުޒާރާއަށް ފާޑެއް ކިޔާފައި ފަރުޖައްސާލީ އެވެ.

މި މިޝަނުގެ މައުލޫމާތު ދޭން ސްޕޭސް އެކްސް އާއި އެއާ ފޯސް އަދި ނާސާއަކުން ވެސް ބޭނުމެއް ނުވެ އެވެ. އެތަންތަނުގެ އިސްވެރިން ބުނާ ގޮތުންނަމަ އެކްސް 37ބީ ޖައްވަށް ފޮނުވި މަގްސަދު މިހާރު ވަނީ ހާސިލްވެފަ އެވެ.

އެކްސް 37ބީ ދަތުރު ކޮށްފައިވަނީ ހަމައެކަނި ދުނިޔެ ވަށައެވެ. އެގޮތުން 780 ދުވަސް ވަންދެން އެ އުޅަނދު ވަނީ ދުނިޔެ ވަށައި ދަތުރު ކޮށްފަ އެވެ. އުޅަނދުގެ ދިގުމިނަކީ 29 ފޫޓެވެ. އުޅަނދު ޖައްވަށް ފޮނުވާލުމުގެ ދެ މަސް ކުރިން ނާސާއިން ވަނީ ޖައްވުގައި އެމީހުންގެ ސިއްރުވި އެއާ ފޯސް ރިސާޗް ލެބޯޓަރީ އެއްވެސް ގާއިމްކޮށްފަ އެވެ. އެ ލެބޯޓަރީގެ ވާހަކަ ދެކެވުނު ކަމުގައި ވިޔަސް އެކަން ސާބިތެއް ނުކުރެވެ އެވެ. ނަމަވެސް އެކްސް 37ބީ ދުނިޔެއަށް އައުމުން މިހާރު ނާސާއިން ޖައްވުގައި ސިއްރުވެރި ލެބޯޓަރީއެއް އުފެއްދިކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.

ދެން އޮތީ މިކަމާ ގުޅިގެން ފެތުރިފައިވާ ވާހަކަތަކެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމެރިކާއިން މި ޖައްވީ އުޅަނދު ބޭނުންކުރީ ދުނިޔެއަށް ފާރަލާށެވެ. ހާއްސަކޮށް އެއީ މެދު އިރުމައްޗަށް ފާރަލުމުގެ މަސައްކަތެއް ކަމަށް ބައެއް ފަރާތްކުން ބުނެ އެވެ. އެ މީހުން ސަބަބެއްގެ ގޮތުގައި ގުޅުވާލަނީ 2017 ވަނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ ހޯދަން ވަރުގަދަ މިޝަނެއް ތައްޔާރު ކޮށްފައިވާ ކަމަށް ވިދާޅުވެފައި އޮންނަ އޮތުމެވެ. އެކަމަކު މިއީ އެއްވެސް ވަރަކަށް ބުރަދަނެއް އޮތް ވާހަކަތެއް ނޫނެވެ.