ވިޔަފާރި

ޞުކޫކް ގަންނަން ޖެހޭ ހަތަރު ސަބަބު

Oct 30, 2019
1

ރާއްޖޭގެ ހައުސިން ބާޒާރުގައި އެންމެ ފުޅާކޮށް ވިންވެސްޓްކޮށްފައިވާ އެއް ކުންފުނި ކަމަށްވާ އެޗްޑީއެފްސީއިން މިވަނީ މުޟާރަބާ ޞުކޫކް (އިސްލާމިކް ބޮންޑް) އެއް ވިއްކަން ފަށާފަ އެވެ. މި މިފަހަރު ޞުކޫކް ވިއްކަނީ 1،000ރ. އަށެވެ. އަދި ވިއްކަނީ 200،000 ޞުކޫކް އެވެ. އެ ކުންފުނިން ޓާގެޓް ކޮށްފައިވަނީ މި އަދަދަށް ޞުކޫކް ވިއްކައިގެން 200 މިލިއަން ރުފިޔާ ހޯދުމަށެވެ. ޞުކޫކް ވިއްކުން ބަންދު ކުރާ ތާރީހަކީ އަންނަ މަހުގެ 12 ވަނަ ދުވަހެވެ. ތިރީގައި އެ ވަނީ ޞުކޫކް ގަންނަން ޖެހޭ ބައެއް ސަބަބު ތަކެވެ.

1
 

އެންމެ ރިސްކް ކުޑަ

ފައިސާ ހުރި މީހުން އެ ބޮޑު ފޮށީގައި ފޮރުވައިގެން ހުރުމަކީ ފައިދާ ހުރި ކަމެއް ނޫންނެވެ. އެހެންވެ، އެ ފައިސާ ކޮންމެވެސް ކަމެއްގައި އިންވެސްޓް ކޮށްގެންނެވެ. އަދި އެ ފައިސާ ވިއްސައި ގިނަ ކޮށްގެންނެވެ. ރާއްޖޭގައި އެކަމަށް އެހާ ގިނަ ވަސީލަތް ތަކެއް ނެތެވެ. އެހެންވެ ގިނަ ބަޔަކު ފައިސާ ރައްކާކޮށްފައި ބޭންކުގައި ބަހައްޓަނީ އެވެ. ބޭންކުގައި ފައިސާ ބަހައްޓައިފިނަމަ އިންޓްރެސްޓުގެ ގޮތުގައި ލިބެނީ އެންމެ ގިނަ ވެގެން ވެސް އަހަރަކު ގާތްގަނޑަކަށް ދެ ޕަސެންޓެވެ. ދެން އޮތީ ފައިސާ އިން ވިޔަފާރި ކުރުމެވެ. ވިޔަފާރިކުރުމަކީ ވެސް އޭގައި ރިސްކް އޮތް ކަމެކެވެ. ބައެއް ފަހަރު އަތުގައި އޮތް ފައިސާ ކޮޅު އިންވެސްޓް ކޮށްލައިގެން ސަތޭކަ ޕަސެންޓް ގެއްލުންވުމުގެ ފުރުސަތު ވެސް ކުޑަ އެއް ނޫނެވެ. މިއީ ވެސް ރިސްކް ބޮޑު ކަމެކެވެ. އެހެންވީމަ ދެން އޮތް ރަނގަޅު އޮޕްޝަނަކީ ކޮބައި ހެއްޔެވެ ؟ މި ވިސްނުމުން ބަލާއިރު ވެސް އެޗްޑީއެފްސީގެ "ޞުކޫކް" އަކީ އިންވެސްޓްކޮށްގެން ބޭނުންވާ ނަފާ ހޯދިދާނެ ފަސޭހަ ގޮތެކެވެ. އާއްމު މީހާއަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

2
 

ޞުކޫކް ފައިދާ ބޮޑު

ޞުކޫކް ގަންނަ ފަރާތަކަށް ޖުމްލަ އިންވެސްޓްމެންޓްގެ 65 ޕަސެންޓް ފައިދާގެ ގޮތުގައި ލިބޭނެ އެވެ. އެޗްޑީއެފްސީ ޞުކޫކް އަށް އޮތް ޔަގީން ކަމަކީ ކޮބައި ހެއްޔެވެ؟ ސުވާލަކީ މި އެވެ. އެޗްޑީއެފްސީ އިން މީގެ ކުރިން ދެ ބުރެއްގެ މަތިން ޞުކޫކް ވިއްކާފައިވެ އެވެ. އަދި ފައިދާ ބަރާބަރަށް އިންވެސްޓް ކުރި ފަރާތް ތަކަށް ދޫކޮށްފައިވެ އެވެ. އެ ކުންފުނިން އެންމެ ފުރަތަމަ "ޞުކޫކް" ވިއްކީ 2013 ވަނަ އަހަރު އެވެ. އެ ފަހަރު 467 ފަރާތަކަށް 45،132 ޞުކޫކް ވިއްކި އެވެ. އަދި 2017 ވަނަ އަހަރު 207 ފަރާތަކަށް 89،036 ޞުކޫކް ވިއްކާފައިވެ އެވެ.

3
 

ރަށު ތަރައްގީ އަށް ފައިސާ ހޯދަން ވަސީލަތެއް

ރާއްޖޭގައި ވެސް ތަފާތު ނަންނަމުގައި ފަންޑުތައް އެބަހުއްޓެވެ. އެ ފަންޑުތަކުން ޞުކޫކް ފަދަ އިންސްޓްރޫމަންޓްތަކުގައި އިންވެސްޓްކޮށްފިނަމަ ރަނގަޅު ނަފާއެއް ނެގިދާނެ އެވެ. ހަގީގަތުގައި ފަންޑު ރަނގަޅަށް މެނޭޖު ކުރުމާއި ފަންޑުން ނަފާ ވާނެ ގޮތް ތަކެއް ހޯދައި ފުރުސަތުތަކުގެ ބޭނުން ހިފުން މުހިންމެވެ. ލާމަރުޒީ ނިޒާމުގެ ދަށުން، ސަރުކާރުން ދަނީ ކައުންސިލް ތަކަށް ބޮޑު ބާރު ތަކެއް ދެމުންނެވެ. މިއާއެކު ކައުންސިލްތައް މާލީ ގޮތުން ވެސް ބާރު ގަދަ ކުރާނެ އެވެ. އެހެންވެ، މި ވަގުތަކީ ރަށު އަދި އަތޮޅު ކައުންސިލް ތަކުން ރަށް ތަރައްގީ އަށް ރަނގަޅު އިންވެސްޓްމަންޓެއް ކުރަން އޮތް ފުރުސަތެކެވެ. މިގޮތުން އެޗްޑީއެފްސީގެ ޞުކޫކްގައި އިންވެސްޓްކޮށްގެން ކައުންސިލް ތަކަށް ވެސް ރަށް ތަރައްގީ އަށް ބޭނުންވާނެ ފައިސާ ހޯދުމުގެ މަގު އޮތީ ތަނަވަސްވެފަ އެވެ. މިއީ ކައުންސިލް ތަކަށް ދިގު މުއްދަތަށް ރަނގަޅު އިންވެސްޓްމަންޓެކެވެ. ޞުކޫކްގެ ފައިދާ އަހަރަކު ދެ ފަހަރު ބަހާނެ އެވެ.

4
 

ސެކަންޑްރީ މާކެޓުގައި ވިއްކާލެވޭނެ

ހިއްސާ ގަނެގެން "ޖީބުގައި ފޮރުވައިގެން" ތިބެގެން ފައިދާއެއް ނެެތެވެ. ހިއްސާގެ ބާޒާރަށް ވަދެ، ރަނގަޅު ވަގުތުގައި ވިއްކާލަންވީއެވެ. ހިއްސާގެ ބާޒާރުގެ ހަގީގީ ފައިދާއަކީ މި އެވެ. އެޗްޑީއެފްސީގެ ޞުކޫކްއަކީ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ އިންސްޓްރޫމަންޓެވެ. އެހެންވެ ހިއްސާގެ ބާޒާރަށް އަންނަ ބަދަލު ބަލައި ވިއްކާލައިގެން ފައިދާ ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ. މިއީ ދިގު މުއްދަތަށް ބަލާއިރު ރަނގަޅު ފުރުސަތެއް އޮތް ރަނގަޅު ވިޔަފާރިއެކެވެ. އެހެންވެ މިއީ ޒުވާނުންނަށް އިންވެސްޓް ކުރަން ރަނުގެ ފުރުސަތެކެވެ. މި ފަހަރުގެ ޞުކޫކް ވެސް ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިންފިނިޓީ ޕޯޓަލްގައި ލިސްޓުކޮށްފަ އެވެ.