ޓޫރިސްޓް އެރައިވަލް

މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު 9.3 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 9.3 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް 117,619 މީހުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރު ރާއްޖެ އައި 107,620 މީހުނާ އަޅާބަލާއިރު 9.3 ޕަސެންޓުގެ އިތުރު ވުމެކެވެ.

އަދި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން މީހުން ވަނީ އައިސްފަ އެވެ. އެ އަަދަދަކީ މިދިޔަ އަހަރުގެ ޖެނުއަރީއިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އައި އެއް މިލިއަން މީހުނާ އަޅާބަލާއިރު 15.8 ޕަސެންޓުގެ އިތުރު ވުމެކެވެ.

މިދިޔަ މަހު ވެސް އެންމެ ގިނަ މީހުން އައިސްފައިވާ ގައުމަކީ ޗައިނާ އެވެ. އެ ގައުމުން 24,758 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރު އައި 27,997 މީހުންނާ އަޅާބަލާއިރު 11 ޕަސެންޓް ދަށްވުމެކެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ޗައިނާއިން އައި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 230,349 މީހުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރު އައި 222,108 މީހުންނާ އަޅާބަލާއިރު 18.4 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ މީހުން އަންނަ އިންޑިއާއިން މިދިޔަ މަހު 11,265 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 5,244 މީހުންނާ އަޅާ ބަލާއިރު 114.8 ޕަސެންޓުގެ އިތުރުވުމެކެވެ.

މި އަހަރުގެ މިހާތަނަށް ޔޫރަޕުން އައި މީހުންގެ އަދަދު ވަނީ 15 ޕަސެންޓް އިތުރުވެފަ އެވެ. އެ ގައުމުން މިދިޔަ މަހުގެ ނިޔަލަށް 594,657 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައިސްފައިވަނީ 516,496 މީހުންނެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ނިޔަލަށް 1.5 މިލިއަން މީހުން ރާއްޖެ އަންނާނެ އެވެ. އަދި އެ އަމާޒަށް ވާސިލްވާން މާކެޓިންގެ ގިނަ ހަރަކާތްތަކެއް ވެސް ގެންދަނީ ހިންގަމުންނެވެ.