މެސީ

ލަނޑު ޖެހުމުގައި މެސީއަށް އިތުރު ފާހަގައެއް

ރެއާލް ވަޔަޑޮލިޑްގެ މައްޗަށް 5-1 ގެ ނަތީޖާ އަކުން މޮޅުވެ، އެފްސީ ބާސެލޯނާއިން ތާވަލުގެ އެއް ވަނައަށް އަލުން ޖެހިލި މެޗުގައި ލަނޑު ޖެހުމުގެ އާ ލޭންޑްމާކެއް ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ހާސިލު ކޮށްފި އެވެ.

ރޭ މެޗުގައި މެސީ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެސީ ކާމިޔާބު ކުރި ފުރަތަމަ ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކުރި މޮޅު ލަނޑެކެވެ. އެ ލަނޑާއެކު މެސީގެ ކެރިއަރުގައި އޭނާ ވަނީ ހިލެ ޖެހުމުން ޖެހި ލަނޑުގެ އަދަދު 50 ޖައްސާފަ އެވެ. އެއީ ބާސާއަށް ޖަހައިދިން 44 ލަނޑާއި އާޖެންޓީނާގެ ގައުމީ ޓީމަށް ޖަހައިދިން ހަ ލެނޑެވެ.

އޭގެ ފަހުންވެސް މެސީ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބިފަ އެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ވަޔަޑޮލިޑްގެ ކީޕަރު ޖޯޑީ މާސިޕް ވަނީ ދިފާއު ކޮށްފަ އެވެ.

ބާސާގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑިފެންޑަރު ލެންގްލެޓް އެވެ. އޭގެ ފަހުން މެޗުގެ 15 ވަނަ މިނެޓްގައި ކިކޯ އޮލިވާސް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ބާސާއަށް ލީޑް ނަގައިދިނީ އާޓޫރޯ ވިޑާލް އެވެ. އޭނާ ލަނޑު ޖެހީ މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ދެ ވަނަ ހާފުގައި މެސީ ވަނީ، ވަނީ އީވާން ރަކިޓިޗް ތަބަވަސްކޮށްދިން ފުރސަތަކުން އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ބާސާގެ ފަސް ވަނަ ލަނޑު ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް އެވެ.

ރޭ އެތުލެޓިކޯ މެޑްރިޑް، ޑިޕޯޓިވޯ އަލަވޭޒް އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.