ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވެއްޖެ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޖެންޑާ މިނިސްޓްރީން މަަހުން މަހަށް ނެރޭ ތަފާސް ހިސާބުތަކުގެ މިދިއަ މަހުގެ ރިޕޯޓަށް ބަލާއިރު ކުޑަ ކުދިނަށް ކުރާ އަނިޔާއާ ގުޅިގެން މިދިޔަ މަހު ހުށަހަޅާފައި ވަނީ 125 މައްސަލައެކެވެ. އެއީ އޯގަސްޓު މަހު ހުށަހެޅި މައްސަލަތަކަށް ވުރެ 23 ޕަސެންޓުގެ އިތުރު ވުމުކެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، ޖިންސީ ހާނީއްކައިގެ 24 މައްސަލައަކާއި ޖިސްމާނީ ހާނީއްކައިގެ 27 މައްސަލަ އެއް ރިޕޯޓު ކޮށްފައި ވެއެވެ. އަދި ކުޑަކުދިންނަށް އިހުމާލު ވުމުގެ 37 މައްސަލައެއް ވަނީ ހުށަހަޅާފައި ވެއެވެ.
އެހެން ކުދިންގެ ފަރާތުން ބުލީ ކުރި ހަތަރު މައްސަލައަކާއި، އިންޓަނެޓް މެދުވެރިކޮށް ބުލީ ކުރި ތިން މައްސަލަަ އެއް ރިޕޯޓު ކޮށްފައިވާއިރު ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމުގެ ތިން މައްސަލައެއް ވެސް ހުށަހަޅާފައި ވެއެވެ.
އާއިލީ 26 މައްސަލައެއް މިދިއަ މަހު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭ ކުދިންނާ ބައްދަލު ނުކުރެވޭތީ ހުށަހެޅި އަށް މައްސަލަ އަކާއި ކުދިން ބެލުމާ ގުޅޭ 12 މައްސަލައަކާއި ދަރިންގެ ހަރަދު ދިނުމުގައި ދިމާވާ ހަ މައްސަލައެއް ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 41 މައްސަލަ ހުށަހަޅާފައިވާއިރު އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަ އެވެ. އޭގެ 12 މައްސަލަ އެއް މި މުއްދަތުގެ ތެރޭ ހުށަހަޅާފައިވެ އެވެ.
ނަފްސާނީ އަނިޔާގެ ނުވަތަ އަނގަ ބަހުން ކުރާ އަނިޔާގެ ނުވަ މައްސަލައަކާއި ޖިންސީ ހާނީއްކަ ކުރުމުގެ ފަސް މައްސަލަ އެއްވެސް ހިމެނެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން 16 މައްސަލައެއް ހުށަހަޅާފައިވާއިރު އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން ހަތް މައްސަލަ ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ނުވަ މައްސަލަ އެއްވެސް މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށްފައި ވެއެވެ.