ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓަށް މަހާޒް އައްޔަނުކުރަން މަޖިލީހުން ރުހުންދީފިި

Oct 30, 2019
14

ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރަން ޑުރަގް ކޯޓުގެ ގާޒީ، މަހާޒް އަލީ ޒާހިރަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

މަހާޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ނަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ދިރާސާކޮށްފަ އެވެ.

މަހާޒް އާއި ދިޔާނާގެ ނަން ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓްގައި ވަކި ބޭފުޅަކު އައްޔަން ކުރުމަށް ލަފާ ދީފައެއް ނުވެ އެވެ. އެހެން ކަމުން އަލުން އެ ކޮމިޓީއަށް ރިޕޯޓް ފޮނުވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން ނިންމެވި އެވެ.

ނަމަވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުން އިންޓަވިއު ކުރުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޖުރާއަތްތައް ފުރިހަމަ ކުރިތޯ ބެލުން ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ފާހަގަ ކުރެއްވުމުން ރައީސް ނަޝީދު ފަހުން ވަނީ ނިންމުން ބަދަލު ކުރައްވައި އެ ރިޕޯޓް އެޖެންޑާ ކުރުމަށް ނިންމަވައިފަ އެވެ.

މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓަށް މަހާޒް އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ. މަހާޒްގެ ނަން ފާސްވުމުން ދިޔާނާގެ ނަމަށް ވޯޓަށް އަހާފައެއްނުވެ އެވެ.

މަހާޒް އައްޔަނުކުރަން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރުނުކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ކުރައްވައިފަ އެވެ. ކޮމިޓީގެ ރިޕޯޓު އިއްވަމުން ދިޔަ އިރު، ނިޒާމީ މައްސަލަތައް ނަންގަވަމުން ދިޔާނާގެ ފިރިކަލުން ޖާބިރު ވިދާޅުވީ ކޯޓުތަކަށް އައްޔަނުކުރާ ފަނޑިޔާރުންގެ ނަންތައް ނިންމާނީ އެމްޑީޕީގެ ހަރުގެއަކުން ނޫން ކަމަށެވެ. އަދި އެ ގޮތަށް އެމްޑީޕީން އަމަލުކުރާނަމަ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ފަނޑިޔާރުގެއެއް ކަށަވަރު ކުރެވޭނީ ކިހިނެއްތޯ ޖާބިރު ވަރަށް ކޯފާއިސްކުރައްވައި ސުވާލުކުރެއްވި އެވެ.

މެލޭޝިޔާއިން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ މަހާޒް ވަނީ މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ވަޒީފާ އަދާކުރައްވައިފަ އެވެ. ޑްރަގް ކޯޓުގެ ގާޒީކަމަށް މަހާޒް އައްޔަނުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ސުޕްރީމް ކޯޓުން އައްޔަން ކުރަން ދެ ނަމެއް ފޮނުވާފައިވީ ނަމަވެސް އެ ކޯޓުގައި ހުސްވެފައި ވަނީ އެއް ޖާގަ އެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު ކަަމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމާ ގުޅިގެން ހުސްވި މަގާމެވެ. އެހެންކަމުން ދިރާސާ ކުރުމަށް ފަހު މަަޖިލީހުން ރުހުން ދޭނީ ވެސް އެއް ބޭފުޅަކަށެވެ.

ކުރީ ސަރުކާރު އޮތް އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ވަނީ ފަހަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ނަވާރަވަނަ މަޖިލީހުން އަނެއްކާ ވެސް ވަނީ ވަނީ އެ އަދަދު ހަތަކަށް ބަދަލުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރުވި ދެ މަގާމަށް ޑރ. އަޒްމިލަދާ ޒާހިރާއި އައިޝާ ޝުޖޫން ވަނީ އައްޔަން ކުރައްވައިފަ އެވެ.

ފަހުން އައްޔަން ކުރެއްވި އަންހެން ދެ ފަނޑިޔާރުން ފިޔަވައި ސުޕްރީމް ކޯޓުގެ ބެންޗުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުންގެ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.