ހަބަރު

ކުޅުދުއްފުށި އަފީފުއްދީން ސްކޫލުގެ ވަށާފާރު ރާނަން ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސް ބީ ކިޔާ ރާއްޖޭގެ އަމިއްލަ ކުންފުންޏަކާ އެވެ. 45 ދުވަހުގެ ތެރޭ ނިންމަން އެއްބަސްވި މި މަސައްކަތަކަށް ސަރުކާރުން ހަތަރު ލައްކަ ރުފިޔާ ޚަރަދު ކުރެއެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް ސޮއި ކުރި އިރު ޕްލަސް ބީގެ ފަރާތުން ސޮއި ކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.

މިއީ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އަހަރު ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން 20 ޕްރޮޖެކްޓެއްގައި ސޮއި ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.