އިނގިރޭސިވިލާތާއި ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ވަކިވަކިން ބޭއްވި މި ބައްދަލުކުރެއްވުންތައް އޮތީ އެ ދެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތަށްފަހު، ފޮރިން މިނިސްޓްރީގައި އެވެ. އެދެބޭފުޅުން ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައިވެސް އަދި އޭގެ ފަހުން ރައީސްއާއެކު އެބޭފުޅުން ބޭއްވެވި ބައްދަލުވުމުގައިވެސް ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ޝާހިދު މިއަދު އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ ލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކޮހޮނަ ވަލަވޭ ނިމާލް ދަރްމަކީރްތި ކަރުނަރަތުނައާ އެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
އެއަށްފަހު ޝާހިދު ބައްދަލުކުރައްވާފައިވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކެރޮން ރޮސްލާއާއެވެ. ރޮސްލާއަކީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓް އެމްބެސެޑަރެވެ.
މީގެ ކުރިން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރެވެ. މިނިސްޓަރު ވަނީ ރާއްޖޭގައި އަލަށް އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވާކަމަށްޓަކައި އެކަމަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ދެގައުއުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ޝާހިދު މިއަދު ވަނީ ކިއުބާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުއާނާ އެލީނާ ރާމޯސް ރޮޑްރިގޭޒް އާއިވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެގައުމުން ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފަ އެވެ.