ޔަމީ ގޯތަމް އާއި އަޔުޝްމާން ކުރާނާގެ "ބާލާ" ރިލީޒް ވާން ކައިރިވެފައި ވާއިރު މި ދެ ތަރިންނަށް މިހާރު ޖެހިފައިވަނީ ފިލްމު ޕްރޮމޯޓް ކުރުމަށް ކުރަން ޖެހޭ މަސައްކަތެވެ.
ނަމަވެސް މި ދުވަސްވަރަކީ އިންޑިއާގައި ދިވާލީ ފާހަގަކުރާ ދުވަސްވަރަށް ވާތީ ޔަމީ ބޮޑަށް އިސްކަން ދިނީ ފިލްމު ޕްރޮމޯޓް ކުރުމުގެ ބަދަލުގައި އާއިލާ އާ ބައްދަލުކޮށް އާއިލާގެ މީހުންނާއެކު ވަގުތު ހޭދަ ކުރުމަށް އަމިއްލަ ރަށް ޗަންދީގަޅް އަށް ދިއުމަށެވެ.
ޔަމީ ބުނީ ދިވާލީ އަކީ އާއިލާއަށް ޚާއްސަ ދުވަސްވަރެއް ކަމަށާއި ކުޑައިރުއްސުރެ އެ ދުވަސްވަރު ޚާއްސަ ކުރަނީ އާއިލާ އަށް ކަމަށެވެ. މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކުދިންނާއެކު ހޭދަކޮށްލެވޭ މަދު ދުވަސްކޮޅު ފިލްމެއް ޕްރޮމޯޓް ކުރުމަށް ވުރެ ޔަމީ އަށް މާ މުހިއްމެވެ.
އަމަރް ކޯޝިކް ޑައިރެކްޓްކޮށްފައިވާ "ބާލާ" ގައި އަޔުޝްމާން އާއި ޔަމީގެ އިތުރުން ބޫމީ ޕަޑްނެކަރް ވެސް ހަރަކާތްތެރިވެ އެވެ. މި ފިލްމުގެ ދައްކަނީ ޒުވާން އުމުރުގައި ތަލަވަމުން އަންނަ ބާލާ ނަމަކަށް ކިޔާ ފިރިހެނެއްގެ ވާހަކަ އެވެ. ޔަމީ މި ފިލްމުގައި ކުޅެނީ ޕަރީ ނަމަކަށް ކިޔާ ސޯޝަލް މީޑިއާ ތަރިއެއްގެ ރޯލެވެ.
ފިލްމުގެ ކުރޫ އާއި ކާސްޓް ބައިވެރިވެގެން ހޮނިހިރު ދުވަހު ބޭއްވި ޕާޓީ އަކުން ވެސް ޔަމީ އެއް ނުފެނުނު ކަމަށާއި ޕާޓީގައި ވެސް ބައިވެރިނުވެ ޔަމީ ފުރައިގެން އަމިއްލަ ރަށަށް ދިޔައީކަމަށް ފިލްމާ ގުޅުންހުރި މީހަކު މައުލޫމާތު ދީފައި ވެއެވެ.
އިންޑިއާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޔަމީ ބުނީ ޕާޓީގައި ބައިވެރިވާން އޭނާ ވަރަށް ބޭނުންވި ކަމަށެވެ. ސަބަބަކީ އެފަދަ ޕާޓީތަކުގައި ބައިވެރިވެ އެހެން މީހުންނަށް ވެސް ފިލްމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުން ފިލްމު ބަލަން ޝައުގުވެރިވާ މީހުން އިތުރުވާނެތީ ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު ދިމާވީ އާއިލާގެ މީހެއްގެ ކައިވެންޏެއް އޮތް ދުވަސްވަރަކާ ކަމުން އޭނާއަށް ޕާޓީގައި ބައިވެރި ނުވެވުނީ ކަމަށް ޔަމީ ބުންޏެވެ.
"ބާލާ" ރިލީޒްކުރާނީ ނޮވެމްބަރު 7 ގައެވެ. މި ފިލްމުގެ އިތުރުން ޔަމީ މިހާރު ކުޅެމުންދާ ފިލްމަކީ "ގިންނީ ވެޑްސް ސަނީ" އެވެ. މި ފިލްމުގެ ބަތަލަކީ ވިކްރާންތު މެސީ އެވެ.