ދެއަހަރު ތެރޭގައި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ލިބުނު ސާފު ފައިދާ 25 މިލިއަން ރުފިޔާ އަށްވުރެ މަތިވެއްޖެ އެވެ.
ސީބީއެމްއަކީ ޗަމްޕާ އާއިލާގެ ކުންފުންޏެއް ކަމަށްވާ ޓްރީ ޓޮޕް އިންވެސްޓްމަންޓާއި ސްރީލަންކާގެ ކޮމާޝަލް ބޭންކް ގުޅިގެން ސެޕްޓެމްބަރު 2016 ގައި ހުޅުވި ބޭންކެކެވެ.
އެ ބޭންކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ސީބީއެމަށް މިދިޔަ އަހަރު ޓެކްހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ވަނީ 40 މމިލިއަން ރުފިޔާ ލިބިފައި ވެއެވެ. ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު 14.7 މިލިއަން ރުފިޔާ ދެއްކިއިރު، ސާފު ފައިދާގެ ގޮތުގައި 25.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ލޯނު އިންޓަރެސްޓާއި އެހެނިހެން ފީގެ ގޮތުގައި މިދިޔަ އަހަރު އެ ބޭންކް އަށް 19.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިއަ އަހަރު ލިބުނު އާމްދަނީ އަކީ 31.7 މިލިއަން ރުފިޔާ އެވެ.
ސީބީއެމްގެ ހިސާބުތައް ދައްކާ ގޮތުގައި ބޭންކްތަކަށް ފޯރުކޮށްދިން ހިދުމަތް ތަކަށް ދެއްކި ފީ އާއި ޖަމާކުރި ފައިސާއިން ނެގި ފީން މިދިޔަ އަހަރު 20.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ބޭންކް ހިންގުމުގެ ތެރެއިންނާއި އެހެނިހެން ގޮތްގޮތުން ވެސް 24.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ސީބީއެމް އިން މިދިޔަ އަހަރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ދިނުމަށް 9.1 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.