ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖަޒީރާ ރާއްޖެ ތަރައްގީކުރަން ބޭނުންވާ ފަންޑްތައް ކެޕިޓަލް މާކެޓުން ހޯދޭނެ: ރައީސް

ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުސޫލުން ތަރައްގީކޮށް، ސަރުކާރުން ތަސައްވަރު ކުރާ ޖަޒީރާ ރާއްޖެއެއް ތަރައްގީ ކުރުމަށް ރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އިތުރު ފަންޑްތައް ގާއިމު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް ފޯރަމް ހުޅުވުމުގެ ގޮތުން ބަނޑޮން އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމުގައި މަޝްރޫއުތައް ހިންގަން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އާދާބީ ކުޑަވެފައި ކުދި އެތައް ރަށަށް އާބާދީ ފެތުރިފައި އޮތުން ކަމަށެވެ.

ކުޑަ އާބާދީއެއްގައި ކެޕިޓަލް މާކެޓް މެދުވެރިކޮށް، ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަކީ ވަކީން ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކެޕިޓަލް މާކެޓް މެދުވެރިކޮށް މާލީ އިދާރާތައް ގުޅިގެން މަސައްކަތް ކޮށްފިނަމަ އެ ކަމަށް އެދެވޭ ހައްލެއް ހޯދިދާނެ އެވެ.

އެ ގޮތުން އިންވެސްޓްމަންޓް ބޭންކިން ތައާރަފްކޮށް، ސަރުކާރާއި ބޭންކްތަކާއި، އެހެނިހެން އިންސްޓިޓިއުޝަނަލް އިންވެސްޓަރުންގެ ބައިވެރިވުމާއެކު، ކެޕިޓަލް މާކެޓުގައި މަޝްރޫއުތަކަށް ބޭނުންވާ ފަންޑުތައް ގާއިމު ކުރެވިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން އިންވެސްޓްމަންޓްތައް ބައްޓަންކޮށްގެން ކެޕިޓަލް މާކެޓު މެދުވެރިކޮށް އެ ފަންޑު ފޯރުކޮށްދެވި ދާނެ ކަން ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ކެޕިޓަލް މާކެޓްގެ ތެރެއިން ވަކި އިންތިޒާމެއް ހަމަޖައްސައިގެން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިނަމަ ސަރުކާރާއި ރައްޔިތުން ހާސިލު ކުރަން ބޭނުންވާ ތަރައްގީގެ ލަނޑުދަނޑި ހާސިލު ކުރަން އިތުރަށް ފަސޭހަވެގެން ދާނެ އެވެ.

"ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީ ކުރުމަށްޓަކައި، ކެޕިޓަލް މާކެޓުގެ ތެރެއިން ވަކި އިންތިޒާމެއް ހަމަޖައްސައި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީގެން، ރަށްތައް ތަރައްގީ ކުރުމުގެ މަޝްރޫތައް ހަލުވި ދުވެއްޔެއްގައި ހިންގިދާނެ. އޭރުން ޖަޒީރާ ރާއްޖޭގެ ތަސައްވުރު ހަގީގަތަކަށް ހެދުން ވަރަށް ފަސޭހަވާނެ." ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދުމުގެ މަގްސަދަކީ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި، ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓާ އިންވެސްޓްމަންޓްތައް އިތުރުން ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ދަނީ ރާއްޖޭގެ އިގްތިސާދުން ބޭރަށެވެ. އެހެން ވަނީ އެ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ރާއްޖޭގައި އިތުރަށް އިންވެސްޓް ކުރެވޭނެ ވަސީލަތްތައް ހަމަޖެހިފައި ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ފައިސާ އިންވެސްޓް ކުރެވޭނެ ވަސީލަތްތައް ތައާރަފުކޮށްގެން ރާއްޖޭގެ މާރުކެޓުން ފަންޑު އިތުރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް، ކްރޮސް ބޯޑާ ފްރޭމްވޯކްތައް ތައާރަފްކޮށްގެން، ބޭރުގެ އިންވެސްޓަރުންނަށް މި ފަދަ ފަންޑުތައް ހުޅުވާލައި، ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ފަންޑު ލިބޭނެ ގޮތްތައް ހޯދިދާނެ." ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޝްރޫއުތައް ހިންގުމުގައި ތިމާވެއްޓަށް ކުރާ އަސަރަށް ބަލަން ޖެހޭނެ ކަމަށެވެ. އެ ގޮތުން ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އަދި މޫސުމީ ބަދަލުތަކަށް މާލީ ދާއިރާއިން ގިނަ މަސައްކަތްތައް ކުރަން ޖެހޭނެ ކަމަށާއި އެ ކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކޮންމެހެން ވެސް މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަރައްގީ ހާސިލުކުރަން ބޭނުން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި. އެކަން ކުރެވޭނީ، ވަގުތީ ހައްލުތައް ލިބިދޭ ކުރު ރާސްތާގެ ރޭވުންތަކުގެ ބަދަލުގައި، ދާއިމީ ހައްލަށް އަމާޒުކުރެވޭ ދުރު ރާސްތާގެ ރޭވުންތަކަށް އިސްކަން ދީގެން. މި ފޯރަމްގައި މަޝްވަރާކުރާއިރު ވެސް، ވިސްނުން އަމާޒުކުރަންވީ ހަމައެކަނި މިއަދުގެ މައްސަލަތަކަކަށް ނޫން." ރައީސް ވިދާޅުވި އެވެ.