އައިލެންޑް އޭވިއޭޝަން

ބަނގުރޫޓު ނުވެ އައިއޭއެސް ހިފެހެއްޓޭނެ!؟

ގައުމީ އެއާލައިނަކީ ރާއްޖޭގެ ހުރިހާ މަންޒިލް ތަކަށް ދަތުރުކުރާ ހަމައެކަނި އެއާލައިނެވެ. ނަމަވެސް އެ ކުންފުނީގެ އާމްދަނީ ވަނީ ދެވަނަ ކްއާޓަރުގައި އެތެރޭގެ އުދުހުން ތަކުން ދަށަށް ގޮސްފަ އެވެ.

ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ޒިންމާ އަދާކުރާ ޕީސީބީ އިން، އެސްއޯއީތަކުގެ މާލީ ހާލަތު ދިރާސާ ކުރުމަށް ފަހު ނެރެފައިވާ ކްއާޓާލީ ރިވިއު ރިޕޯޓްގައިވާ ގޮތުގައި މި އަހަރުގެ ދެވަނަ ކްއާޓަރުގައި އައިއޭއެސްއަށް 10.75 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވި އެވެ. އަދި ހަރަދުތައް 12 ޕަސެންޓަށް މައްޗަށް ގޮސްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

މި ކަމާ ގުޅޭގޮތުން އަައިއޭއެސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެވަނަ ކްއާޓަރުގައި ވެއްޓުމަކާ ކުރިމަތިިލާން ޖެހުނު ސަބަބުތައް އެ ކުންފުނިން ވަނީ ކިޔައިދީފަ އެވެ.

އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވި ގޮތުގައި، މައިގަނޑު ތިން ސަބަބަކާ ހުރެ ދެވަނަ ކްއާޓަރުގައި ގެއްލުންވެ އާއްމު ގޮތެއްގައި ދެވަނަ ކްއާޓަރުގައި ދަތުރުތައް މަދުވުމާއެކު ކުންފުންޏަށް ގެއްލުންވާނެ އެވެ. އަދި ސަރުކާރުގެ ވައުދުތަކާއެކު އަގު ހެޔޮ ކުރުމުން އެ ބަދަލު ވެސް ދައްކާނެ ކަމަށް ކުރިންވެސް ލަފާ ކުރެވުނެވެ.

""ކޭޝް ޑިސްކައުންޓެއްގެ ގޮތުގައި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އަހަރުމެންގެ ޕްރޮފިޓުން މި ދޫކޮށްލީ އަގު ހެޔޮ ކުރަން ވެގެން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ މި އަަހަރުގެ ޖެނުއަރީ މަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދާ އެއްގޮތަށް އައިލެންޑް އޭވިއޭޝަންގެ އެތެރޭގެ އުދުހުންތަކުގެ އަގު 25 ޕަސެންޓަށް ކުޑަކޮށްފަ އެވެ.

ރިޒްވީ އިތުރަށް ވިދާޅުވީ، މި އަހަރުގެ ރޯދަމަސް ވެސް ދިމާވީ ދެވަނަ ކްއާޓަރުގައި ކަމަށްވުމުން ޖުމްލަކޮށް ދަތުރުކުރާ މީހުންގެ އަދަދު މަދުވި ކަމަށާއި ރޯދަމަކީ މުޅި ރާއްޖޭގައި ވެސް ޓްރެވަލް ލޯ ޕީރިއަޑެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ހަމައެކަނި މި އަހަރު ދިމާވި ކަމަކަށް ނުވާއިރު ތިން ވަނަ ކަމަކަށް ޗައިނީޒް ޓޫރިޒަމް މާކެޓު ދަށްވި ކަމަށެވެ.

"މިއީ މިފަހަރު ދިމާވި ކަމެއް ނޫން. ފެށުނީއްސުރެ... އަޅުގަނޑަށް ހީވަނީ މިހާރު 15 އަހަރު ވެދާނެހެން އޭރުއްސުރެ ރޯދަ މަހަކީ އަބަދުވެސް އައިލޭންޑް އެވިއޭޝަނަށް ގެއްލުން ވަމުން އަންނަ މަހެއް." ރިޒްވީ ވިދާޅުވި އެވެ.

"މަންޓާއަކީ ކޮމްޕެޓިޓާއެއް ނޫން"

ޕީސީބީ އިން ބުނެފައިވާ ގޮތުގައި އެތެރޭގެ އުދުހުން ތަކުން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބެއް ކަމަށް ބެލެވެނީ، މަންޓާ އެއާ އިން ދަތުރު ފެށުމުން ވާދަވެރިކަން ބޮޑުވުމެވެ.

މަޝްހޫރު ޓޫރިޒަމް ކުންފުނި ޔުނިވާސަލްގެ ހިއްސާ އޮންނަ މަންޓާ އިން ސީޕްލޭން އާއި އެތެރޭގެ ދަތުރުތައް ފެށުމާއެކު، ޔުނިވާސަލްއިން ހިންގާ ރިސޯޓު ތަކަށް ކުރިން މޯލްޑިވިއަންއިން ގެންދާ ޓޫރިސްޓުން މިހާރު އުފުލަނީ މަންޓާ އިންނެވެ. އެނިގިފައިވާ ގޮތުގައި އޭގެ ސަބަބުން ދަރަވަންދޫން މޯލްޑިވިއަނަށް ކުރިން ލިބުނު ވަރަށް މިހާރު ދަތުރެއް ނުލިބެ އެވެ.

މަންޓާ އެއާ އައުމާއެކު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަން އެނގޭކަން ފާހަގަކޮށް ރިޒްވީ ވިދާޅުވީ، މާކެެޓަށް އިތުރު ކޮމްޕެޓިޓަރުން އައުމާއެކު ސްޓާފުންގެ މުސާރަ ވެސް ބޮޑުކޮށްފައިވާ ކަަމަށެވެ. އަދި މަންޓާގެ ސީޕްލޭންތައް ފެށުމާއެކު ކޮންމެވެސް ބަދަލެއް އައި ނަމަވެސް މަންޓާ އެއާ އަކީ އައިއޭއެސްއާ ވާދަކުރާ ކުންފުންޏެއް ކަމަށް ނުދެކޭ ކަމަށެވެ.

އަދި އެ ކުންފުނީގެ ސަބަބުން އައިއޭއެސްގެ ގެއްލުން ދައްކާނީ ނިސްބަތުން ކުޑަ މިންވަރެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ޕްރައިވެޓް އެއާލައިންތައް މި އަންނަނީ އެބޭފުޅުންގެ މާކެޓަށް ކޭޓާ ކުރަން. ޕަބްލިކަށް ކޭޓާ ކުރަން އަޅުގަނޑުމެން މި ތިބީ އަދިވެސް ހަމަ އެ ގޮތުގައި ދިވެހިންނަށް ހިދުމަތް ކުރަން އަޅުގަނޑުމެން މި ތިބީ. އެހެން ނަމަވެސް އަދި އަޅުގަނޑުމެންނަކަށް ފޯސީއެއް ނުކުރެވޭ މަންޓާއަކީ ކޮމްޕެޓިޓާއެއް ކަމަކަަށް" ރިޒްވީ ވިދާޅުވި އެވެ.

ބަނގުރޫޓު ވުމުގެ މަންޒަރެއް ނުފެނޭ

މިއަހަރުގެ ދެވަނަ ކްއާޓާގައި ކުންފުންޏަށް ލިބުނު ގެއްލުމާއެކު ސޯޝަލް މީޑިއާގައި އައިއޭއެސް އާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ އާއްމުންގެ މެދުގައިި ކުންފުނީގެ އަގު ވައްޓާ ނުތަނަވަސްކަން އުފަައްދަން ދައްކާ ވާހަކައެއް ކަމަށް އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ މިއަދު ވިދާޅުވި އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޖެނިފާ ވިދާޅުވީ، ކުންފުނި ބަނގުރޫޓުވަނީ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ނުތަނަވަސްކަން އުފައްދަން ބަޔަކު ރާވައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ. އެއީ ކޮބައެއް ކަމެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ހިންގަވަން އިސްކޮށް ތިއްބެވީ އެތައް އަހަރަކު އެ ކުންފުނީގައި މަސައްކަތް ކުރައްވާފައި ތިއްބެވި ފަރާތްތައް ކަމަށާއި އެއީ އާ ބައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އައިއޭއެސްގައި ހުރިހާ މަސައްކަތްތަކެއް ކުރަނީ ބަޖެޓުކޮށް އެ ބަޖެޓުގެ ތެރެއިން ކަމަށް ވުމުން ބަނގުރޫޓުވުމުގެ މަންޒަރު ނުފެންނަ ކަމަށެވެ.

މީގެ އިތުރަށް، މާލީ ގޮތުން މައްސަލަތަކެއް ދިމާވިޔަސް ކުރިއަށް އޮތް މަހަކީ ޕީކް ސީޒަންކަން ކަމަށާއި މިދިޔަ އަހަރަށް ވުރެ ބޮޑު ފައިދާއެއް މި އަހަރު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އައިއޭއެސް އިން ބުންޏެވެ.