ވިޔަފާރި

ބްލަންކްގެ ޝޯރޫމްއެއް ހުޅުމާލޭގައި ހުޅުވައިފި

Nov 1, 2019
1

"ވެލިގާ" އިން ތައިލެންޑުގެ މަޝްހޫރު ފާހަނާ ސާމާނާއި ތަފާތު ލައިޓުގެ ބްރޭންޑުތަކަށް ހާއްސަކޮށްފައިވާ "ބްލަންކް" ގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި އެވެ. ބްލަންކްގެ ހުޅުމާލެ ބްރާންޗް ހުޅުވީ ނިރޮޅުމަގުގެ ލޮޓް 10069 ގައެވެ.

ބްލަންކްގެ އާ ޝޯރޫމް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ފިހާރަ ރަސްމީކޮށް ހުޅުވާ ދެއްވީ ވެލިގާ ހާޑްވެއާގެ ޗެއާމަން މުހައްމަދު އަބޫބަކުރާއި މެޑްކާ ސެނިޓްރީގެ ސީއީއޯ ލެންސަން އަދި ވީއާރްއެޗްގެ ޗެއާމަން ޗަނީދާ އެވެ. މީގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވެސް ފިހާރަ ހުޅުވުމުގެ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ވެލިގާ ހާޑްވެއާގެ ޑިރެކްޓާ ހަދީޖާ މުހައްމަދު ވިދާޅުވީ އެ ކުންފުނީގެ ފުރަތަމަ ފިހާރަ 2008 ވަނަ އަހަރު ހުޅުވި ފަހުން މިއަދާ ހަމައަށް އާދެވުނު އިރު ކާމިޔާބުގެ ވަރަށް ދިގު ދަތުރެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ބްލަންކްއަކީ ހާޑްވެއާގެ މާކެޓުގައި 10 އަހަރު ހޭދަ ކުރުމަށް ފަހު ހޯމް އަދި ހޮސްޕިޓަލިޓީގެ މާކެޓަށް ފޯކަސް ކޮށްގެން ކޮލިޓީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ނެރުނު އާ ބްރޭންޑެއް ކަމަށް ހަދީޖާ ވިދާޅުވި އެވެ.

ބްލެންކްގެ ފިހާރައެއް މާލޭގައި ވެސް ހުރެއެވެ. ދެވަނަ ފިހާރަ ހުޅުމާލޭގައި ހުޅުވުމުގެ މައިގަނޑު ބޭނުމަކީ އެންމެ އަވަހަށް ތަރައްގީވެ މީހުން އާބާދުވާ ތަނަކީ ހުޅުމާލެއަށް ވެފައި ކަސްޓަމަރުންނާ އެންމެ ގާތުން ހިދުމަތް ދެވޭނީ ހުޅުމާލޭގައި ވިޔަފާރި އިތުރަށް ފުޅާކޮށްގެން ކަން ގަބޫލު ކުރާތީ ކަމަށް ވެސް ހަދީޖާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމީ މި ސިޓީގައި ރައްޔިތުންނަށް ފަސޭހަ އަދި ރަނގަޅު ކޮލިޓީ ހިދުމަތްތަކެއް ފޯރުކޮށްދޭން،" ހަދީޖާ ވިދާޅުވި އެވެ.

ހާޑްވެއާގައި މިހާރު އެންމެ މަޝްހޫރު އެއް ވިޔަފާރި ކަމަށްވާ ވެލިގާއިން ތައިލެންޑުގެ ޕްރޮޑަކްޓްތަކަށް ހާއްސަ ބްލެންކްގެ ފުރަތަމަ ފިހާރަ ހުޅުވީ މާލޭގައި މިދިޔަ އަހަރު އޭޕްރިލް މަހުގަ އެވެ. ވެލިގާގެ ބްލަންކް ފިހާރާގައި ބާތް ޓަބުން ފެށިގެން ފެން އިސްކުރާއި ޑޯމެޓް އަދި ތުވާއްޔާއި ގްލާސް ޝަވާ ކޮޓަރި ފަދަ ތަކެތި ވެސް ލިބެން ހުރެ އެވެ.