އަމީތާބް ބައްޗަން ބޭއްވި ދިވާލީ ޕާޓީގައި ހިންދީ ފިލްމު އިންޑަސްޓްރީގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވެފައި ވެއެވެ. މި ފަންނާންގެ ތެރޭގައި ޝާހްރުކް ޚާން ފަދަ ވަރަށް ގިނަ ތަރިން ހިމެނުނެވެ. މި ޕާޓީގައި ވަރަށް އާދަޔާޚިލާފު އެކްސިޑެންޓެއް ވެސް ހިނގި އެވެ.
އައިޝްވަރިޔާ ރާއީގެ މެނޭޖަރު އަރްޗަނާ ސަދާނަންދްގެ ދޯޕައްޓާގައި އަލިފާން ރޯވީ އެވެ. މި މަންޒަރު ޝާހްރުކަށް ފެނުމާއެކު ދުވެފައި އައިސް އޭނާ ލައިގެން ހުރި ޖެކެޓް ބާލާފައި އެއިން ދޯޕައްޓާގައި ރޯވެފައިވާ އަލިފާން ނިއްވާލައިދިނެވެ.
މި ހާދިސާގައި އަރްޗަނާގެ ގައިން 15 ޕަސެންޓް ފިހި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުނުއިރު ޝާހްރުކް ގައިން ވެސް ކޮންމެވެސް މިންވަރެއް ފިހުނު ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. މި ޚަބަރު ސޯޝަލް މީޑިއާ އިން ފެނިގެން އެންމެ އަވަހަކަށް ޝާހްރުކަށް ތައުރީފު ކޮށްފައި ވަނީ އޭނާގެ ބެސްޓް ފްރެންޑް ސަލްމާން ޚާނެވެ.
ސަލްމާން އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ޝާހްރުކްގެ ހިތްވަރުގަދަ ކަމަށް ތައުރީފުކޮށް އޭނާ އަކީ "ހީރޯ" އެއް ކަމަށް ސިފަ ކޮށްފައި ވެއެވެ. ސަލްމާންގެ ޕޯސްޓުން ގިނަ ބަޔަކު އެންމެ އަޅައިގަތީ އޭނާ ލާފައި އިން ވީޑިއޯ އެވެ. އެއީ "ހެޕީ ނިއު އިޔާ" ގައި ޝާހްރުކްގެ ޖެކެޓުގައި އަލިފާން ރޯވާ މަންޒަރެއް ހިމެނޭ ވީޑިއޯ އެކެވެ. މި ވީޑިއޯ އަށް ސަލްމާންގެ އަޑުން އަޑުވެސް އަޅާފައި ވެއެވެ. ސަލްމާން ބުނަނީ އަލިފާނަށް ފުންމާލައިގެން އަލިފާން ނިއްވާލައިގެން ފުރާނަ ސަލާމަތް ކުރާ މީހުންނަކީ ހަގީގީ ހީރޯ އިން ކަމަށެވެ.
ސަލްމާން ނޫނަސް ވަރަށް ގިނަ އަދަދެއްގެ ޝާހްރުކް ފޭނުން ވެސް ދަނީ ޝާހްރުކްގެ މި ހިތްވަރުގަދަކަމަށް ތައުރީފުކޮށްފަ އެވެ.