ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ގެއްލުންވި އާއިލާތަކުގެ ތެރެއިން އަދިވެސް 31 އާއިލާއެއްގެ މީހުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނީ 31 އާއިލާގެ ތެރެއިން 24 އާއިލާއެއްގެ މީހުނަށް ތިން މަސްދުވަހުގެ ކުލި ޖަމާކޮށްދީ އެހެން ތަންތަނަށް ބަދަލުވާން އަންގާފައިވާ ކަމަށާއި މްޑީއެމްއޭ ގެ ބެލުމުގެ ދަށުގައި ތިބި 31 އާއިލާގެ ތެރެއިން 24 އާއިލާއަކީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތަކުގައި ކުއްޔަށް ދިރިއުޅެމުންދިޔަ އާއިލާތައް ކަމަށެވެ.
އެ އާއިލާތައް މަގުމަތި ކޮށްލާފައިވާ ކަމަށް ބުނާ އަޑުތަކެއް ފެތުރިފައި ވެއެވެ. އެކަން ދޮގު ކޮށް އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން 31 އާއިލާއެއްގެ 145 މީހުުން ބަލަހައްޓަމުން ގެންދާއިރު އޭގެ ތެރެއިން ހަތް އާއިލާއެއްގެ 31 މީހަކީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތަކުގެ ވެރިން ކަމަށެވެ.
ދެން ތިބި 24 އާއިލާ މިއަދާހަމަށް ވެސް ބަލަހައްޓަމުން ގެންދިޔައީ އެ އޮތޯރިޓީން ކަމަށާ ނަމަވެސް ވީހާވެސް އަވަހަށް އާންމު ހާލަތަށް އެ އާއިލާތައް ގެންދިއުމަށް ތަންތަން ކުއްޔަށް ހިފައިގެން އެ ތަންތަނަށް ބަދަލްވާން އަންގާފައިވާ ކަމަށެވެ.
އެ އާއިލާތައް ކުރިން ދިރިއުޅެމުންދިޔަ ތަންތަނަށް ދައްކަމުންދިޔަ ފައިސާގެ އަދަދުން ބަލާ ތިން މަސްދުވަހަށްވާ ކުލީގެ ފައިސާ މިދިޔަ މަހު ޖަމާކޮށްދީ އޮކްޓޫބަރު 31 ގެ ނިޔަލަށް ތަންތަން ކުއްޔަށް ހިފައިގެން ބަދަލުވުމަށް އަންގާފައިވާނެ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ އާއިލާތަކަށް ޖުމްލަ 1.1 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ.
"ބައެއް އާއިލާތަކަށް 75،000 ރުފިޔާ ވާނީ ޖަމާ ކޮށްދީފައި." ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް އާއިލާއެއް މަގުމަތިކޮށް ނުލާނެ ކަމަށެވެ. އެެ އޮތޯރިޓީން ހަމަޖައްސައިިިދިން އިންތިޒާމްތަކާއެކު މިހާރުވެސް ހަތަރު އާއިލާއެއް އެހެން ތަންތަނަކަށް ކުއްްޔަށް ބަދަލުވެފައިވާ ކަމަށެވެ. އެ އުސޫލުން ހުރިހާ ފަރާތްތަކުންވެސް ވީހާވެސް އަވަހަށް އެހެން ތަންތަނަށް ބަދަލުވުމަކީ އެ އޮތޯރިޓީން ބޭނުންވާ ގޮތް ކަމަށެވެ.
"އެބަދެކެވޭ ބައެއް އާއިލާތައް މިހާރު ދިރިއުޅޭ ގާކޮށި ނުވަތަ މޫކައިއިން ނުކުންނަން އަޅުގަނޑުމެން އަންގާ ވާހަކަ. އަޅުގަނޑުމެން އެ އާއިލާތަކާއި ގުޅިގެން މަސައްކަތް މި ކުރަނީ އެ ފަރާތްތަކަށް ފައިސާ ވެސް ޖަމާކޮށްފައިވާތީ ވީހާވެސް އަވަހަކަށް ތަންތަނަށް ބަދަލުވުމަށް. އަދި ތަންތަން ނުލިބޭ ފަރާތްތައް ވެސް މީގެ ތެރޭގައި ހިމެނޭ. އެހެންވީމަ އެއްވެސް ފަރާތެއް ގަދަބާރުން އަޅުގަނޑުމެން އަންގައިގެން ތަންތަނުން ނެރެލާ، މަގުމައްޗަށް ނެރުމަކަށް އަޅުގަނޑުމެން އެ ފަރާތަކަށް ނާންގަން." ހިސާން ވިދާޅުވި އެވެ.
ހެންވޭރު އަލިފާން
- 31 އާއިލާއެއްގެ 145 މީހުން އެމްޑީއެމްއޭގެ ބެލުމުގައި އެބަތިބި
- 7 އާއިލާއެއްގެ 31 މީހުންނަކީ ގެއްލުންވި ގޭގޭގެ ވެރިން
- 24 އާއިލާއަކީ އެ ގޭގައި ކުއްޔަށް އުޅެމުންދިޔަ އާއިލާތައް
- 24 އާއިލާއަށް ތިން މަހުގެ ކުލީގެ ގޮތުގައި 1.1 މިިލިއަން ރުފިޔާ
- ހާލުގައި ޖެހުނު މީހުންގެ ކެއިންބުއިމަށް 1.5 މިލިއަން ރުފިޔާ
ހިސާން ވިދާޅުވީ މަހުގެ ކުރީކޮޅު ތަންތަން ހޯދައިގެން އަވަހަށް ބަދަލުވުމަށް އެދިފައިވަނީ މި ދުވަސްވަރު ތަންތަން ހޯދަން ވެސް ފަސޭހަވާނެ ތީ ކަމަށެވެ.
މިދިއަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މިހާތަނަށް އެމްޑީއެމްއޭގެ ބެލުމުގެ ދަށުގައި ތިބި އާއިލާތަކުގެ ކެއިން ބުއިމަށް ވެސް 1.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.