ކެމިކަލް ގުދަނުގައި ރޯވުން

ހެންވޭރު އަލިފާން: ގެއްލުމުގެ އަގު 36 މިލިއަން

ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ގެއްލުން 36 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އުމަރު ފިކުރީ ވިދާޅުވީ ހެންވޭރު ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކާއެކު ލިބުނު ގެއްލުންތައް ބެލުމަށް އެސެސްމަންޓެއް ހަދާފައިވާ ކަމަށެވެ.

އެސެސްމަންޓް ކުރިއަށް ގެންގޮސްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމާ، އިމާރާތްތަކަށް ލިބުނު ގެއްލުންތައް ބެލުމަށް ކުރިއަށް ގެންދިޔަ އެސެސްމަންޓެކެވެ.

ފިކުރީ ވިދާޅުވީ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތައް ބެލުމަށް 90 ގޭބީސީއެއްގެ އެސެސްމަންޓް ހަދާފައިވާ ކަމަށާ 1.1 މިލިއަން ރުފިޔާ ގެއްލުން ލިބިފައިވާ ކަމަށެވެ.

އަދި އިމާރާތާ ގެދޮރަށް ލިބިފައިވާ ގެއްލުން ބެލުމުގެ ގޮތުން 30 ގެއެއްގެ އެސެސްމަންޓް ހަދާފައިވާ ކަމަށާ އެގެތަކަށް ލިބުނު ގެއްލުން 35 މިލިއަން ރުފިޔާއަށްވުރެ ބޮޑުު ކަމަށެވެ.

"އެހެންވީމަ ޖުމްލަ 36.1 މިލިއަން ރުފިޔާގެ ގެއްލުން މިވަނީ ލިިބިފައި." އުމަރު ފިކުރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހާލުގައި ޖެހުނު އާއިލާތަކަށް ޒަރޫރީ ގޮތުން ވެދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ވެދެމުން ގެންދާއިރު، އާންމުންނާ، ކުންފުނިތަކުން ފަންޑަށް ޖަމާކުރި ފައިސާ ބެހުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް ފެށޭ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށެވެ.

"އެއްވެސް ހާދިސާއެއްގައި ލިބޭ ގެއްލުމުގެ ސަތޭކަ ޕަސެންޓް އަޅުގަނޑުމެންނަށް ކަވާއެއް ނުކޮށްދެވޭނެ." އުމަރު ވިދާޅުވިއެވެ.

އާންމު ރައްކާތެރިކަމަށް ތަޅާލަން ޖެހުނު ގެތައް

  • ހ. ތިލަފުށި (ގުދަނެއް)
  • ހ. މާޓިން (ގުދަނެއް)
  • ހ. އަހްމީން (ގުދަނެއް)
  • ހ. ކަޅުހުރާގެ (ގުދަނެއް)
  • ހ. ކަޅުހުރާއާގެ (ގުދަނެއް)
  • ހ. އަލްހުރާ (ގުދަނެއް)
  • ހ. ކިޔެވް
  • ހ. ނެއިބަރ
  • ހ. ނިގާރަން

މީހުންނަށް ދިރިނޫޅެވޭވަރަށް ގެއްލުން ލިބުނު ގެތައް

  • ހ. އިވާއު
  • ހ. ރަދުވާނިއާގެ
  • ހ. އީރާނުގެ
  • ހ. ކަޅުހުރާ ގާޑަން
  • ހ. ކަޅުހުރާ
  • ހ. އަލްފާ

ދިރިއުޅުމަށް ރައްކާތެރި ނަމަވެސް ބައެއް މަރާމާތަށް ބޭނުންވާ ގެތައް

  • ހ. އަދޫ
  • ހ. ނިޝާން ޕްލަޒާ
  • ހ. ކީލް
  • ހ. އިމޯޝަން
  • ހ. ގަސްވާ

ވަގުތީގޮތުން މީހުން ބަދަލުކުރެވި، މިހާރު ދިރިއުޅުމަށް ހުއްދަދީފައިވާ ގެތައް

  • ހ. ރަސްމާ
  • ހ. ރަސްމާދޫގެ
  • ހ. ގަދަގެ
  • ހ. ގަދަގޭ ހުޅަނގުބައި
  • ހ. ހޮޅިކޮށީގެ
  • ހ. ހޮޅިކޮށީއާގެ
  • ހ. ފެހިއާބާދު
  • ހ. ގަޒްވިން (ކެފޭ)
  • ހ. ކިނޮޅަސް
  • ހ. ސޯފާ
  • ހ. ޖީމާ

އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު މަރުވެފައިވެއެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު އަދި އެންމެ ގިނަ ގެއްލުންތައް ވެސް ލިބުނު ހާދިސާ އެވެ. އޭގެ ކުރީގެ އެފަދަ ދެ ހާދިސާއަކީ މޯރީ ގަރާޖާއި ކޯސްޓްލައިން އަލިފާނާއި ހ، އޯކިޑްގައި ރޯވި ހުޅެވެ.