ތުރުކީ

ތުރުކީގެ ބްލެކްލިސްޓަށް 134 ދިވެހިން

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާއި ގުޅިގެން ތުރުކީ ސަރުކާރުން 134 ދިވެއްސަކު ބްލެކްލިސްޓް ކޮށްފި އެވެ.

ތުރުކީ ސަރުކާރުގެ އެ ނިންމުން ހާމަ ކޮށްފައި ވަނީ އަލްޖަޒީރާ އިން ރޭ އާންމުކުރި ޑޮކިއުމަންޓްރީއެއްގަ އެވެ. ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައެޅުން އޮތް މިންވަރުގެ މައްޗަށް ތައްޔާރު ކޮށްފައިވާ އެ ޑޮކިއުމަންޓްރީގައި ބުނެފައިވަނީ ސީރިއާގައި ހިނގަމުންދާ ހަނގުރާމާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ގޮސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މީގެ ކުރިން ބޮޑެތި ކުށްތަކުގައި ޝާމިލްވެފައިވާ މީހުން ކަމަށާ އެ މީހުން ސީރިއާގެ ހަނގުރާމައަށް ދަނީ ޖިހާދު ކުރުމުގެ ނަމުގައި ކަމަށެވެ. އަދި ސީރިއާ ހަނގުރާމާގައި އެ ފަދަ މީހުން ބައިވެރިވަނީ ކުރެވުނު ކުށްތަކުގެ ތައުބާއަކަށް ކަމަށްވެސް ބުނެފައި ވެއެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާގެ ޑޮކިއުމަންޓްރީގައި ބުނެފައިވަނީ ސީރިއާ ހަނގުރާމާގައި ބައިވެރިވާން ދިޔަ ދިވެހިންގެ ތެރެއިން 25 ވުރެ ގިނަ މީހުުން ތުރުކީއިން ހިފަހައްޓާ ޑީޕޯޓް ކޮށްފައިވާ ކަމަށެވެ. -- ދިވެހިން އާންމު ގޮތެއްގައި ސީރިއާއަށް އެތެރެވަނީ ތުރުކީ ބޯޑަރު ހުރަސްކޮށެވެ.

މީގެ އިތުރުން ސީރިއާގެ ހަނގުރާމައާ ގުޅިގެން ތުރުކީ ސަރުކާރުން 134 ދިވެއްސަކު ބްލެކްލިސްޓް ކޮށްފައިވާ ކަމަށްވެސް އެ ޑޮކިއުމަންޓްރީގައި ބުނެފައި ވެއެވެ. އަދި މިހާރު ވެސް ސީރިއާގެ ހަނގުރާމާގައި ބައިވެރިވުމަށް ގޮސް ސީރިއާގައި ދިވެހިން ތިބި ކަމަށް ވަނީ ބުނެފައެވެ. އެ އަދަދު 30 ވުރެ މަދު ނުވާނެ ކަމަށް ވެސް ބުނެއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މުޅި ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ކަނޑައަޅުއްވާގައެވެ. މީގެ އިތުރުން ރައީސް ވަނީ ޓެރަރިސްޓު ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓަށް ވެސް އިތުރު ދެ ޖަމާއަތެއްގެ ނަން އިތުރު ކުރައްވާފަ އެވެ.

ޓެރަރިޒަމާބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވާއިރު، އެ އިސްލާހުތަކާއެކު ރާއްޖޭގައި ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ގޮސް ޓެރަރިސްޓު ހަނގުރާމަތަކުގައި ބައިވެރިވާ ފަރާތްތައް ހޯދައި ދެނެގަނެ އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބަލާ ލިސްޓް

  • އިސްލާމިކް ސްޓޭޓް
  • އަލް ގައިދާ
  • ޖަބްހަތުއް ނުސްރާ (ޖަބްހަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
  • ލަޝްކަރޭ ތައިބާ
  • އަލް ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
  • އަލް ގައިދާ އިން ދި އިސްލާމިކް މަގްރިބް
  • އަބޫ ސައްޔާފް ގްރޫޕް
  • ބޮކޮ ހަރަމް / ބޯކޯ ހަރަމް
  • އަލް ޝަބާބް
  • އަލް ގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  • ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ)
  • ހަރަކާތުލް ޖިހާދު އަލް އިސްލާމީ
  • ޖައިޝޭ މުހައްމަދު
  • އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
  • ނޭޝަނަލް ތައުހީދް ޖަމާއަތް
  • ޖަމާއަތު މިއްލަތޭ އިބްރާހީމް
  • ވިލާޔަތް އަލް ސޭލާނީ
  • ހައިއަތު ތަހްރީރް އަލް ޝާމް
  • ހުއްރާސް އައް ދީން