ހަބަރު

ޖޭއެސްސީއާ ގުޅޭ ގޮތުން ޖުޑިޝަލް ކައުންސިިލްގެ ބައްދަލުވުމެއް ބާއްވަނީ

ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ، ޖުޑިޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ. އެ ބައްދަލުވުން ތާވަލުކޮށްފައިވަނީ މިރޭ 9:00 އަށެވެ.

ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމެއް މިރޭ ބާއްވާއިރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސުޕްރީމް ކޯޓުން ހުރަސް އަޅަން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ވެސް މިރެއަށް ވަނީ ތާވަލުކޮށްފަ އެވެ.

މައުލޫމާތު އެނގޭ ފަރާތަކުން އަވަަސްއަށް މައުލޫމާތު ދިން ގޮތުގައި މިރޭ ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމެއް ބާއްވަނީ މިފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށެވެ.

އެ އިސްލާހުތަކުގެ ތެރޭގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖޭއެސްސީގެ ދަށަށް ގެންދިޔުމާއި ފަނޑިޔާރުންނަށް ފިޔަވަޅު އެޅޭނެ ގޮތްތައް ހިމެނެ އެވެ.

މީގެކުރިން ޑީޖޭއޭ އޮތީ ސުޕްރީމް ކޯޓުން އަމިއްލައަށް ނިންމި ނިންމުމެއްގެ ދަށުން އެ ކޯޓުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އެންމެ ފުރަތަމަ ގާނޫނު އަސާސީގެ ދަށުން ޖޭއެސްސީ ވުޖޫދުވެގެން އައިއިރު ވެސް ޑީޖޭއޭ އޮތީ ޖޭއެސްސީގެ ދަށުގަ އެވެ.

ޖުޑިޝަލް ކައުންސިލްގެ ބައްދަލުވުމެއް ބާއްވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީއިން ދަނީ ތަހުގީގު ކުރަމުންނެވެ. އެ ކައުންސިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައިކޯޓުގެ އިސް ފަނޑިޔާރާއި ސްޕީރިއާ ކޯޓުތަކުގެ އިސް ގާޒީންނާއި އުތުރާއި ދެކުނުން މެޖިސްޓްރޭޓަރަކު އިންނަވަ އެވެ.