ޖުމްހޫރީ ޕާޓީ

ނަޝީދަށް ފާޑު ކިޔުމަކީ ސަރުކާރަށް ފާޑުކިޔުމެއް ނޫން: ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔަން ޖެހެނީ ދިވެހިންނާ ބީރައްޓެހި، އަދި ދިވެހިންގެ ގައުމީ ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީން މިހެން ބުނީ އެމްޑީޕީއަށް ފާޑު ކިޔާނަމަ ސަރުކާރު ކޯލިޝަނުން އެ ޕާޓީ ބޭރުވާންޖެހޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވުމާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

ޖުމްހޫރީ ޕާޓީން ބުނީ ކޯލިޝަން ޕާޓްނަރެއްގެ ގޮތު ސަރުކާރު ދެމެހެއްޓުމަށް އެ ޕާޓީ ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ. އަދި ޕާޓީތަކުން ކޯލިޝަނެއް ހެދީ ޚިޔާލު ތަފާތުވާން ޖެހޭ ކަންކަމުގައި ޚިޔާލު ތަފާތުވެ މަޝްވަރާގެ އުސޫލުން ޚިޔާލުތައް އެއްގޮތްކުރާ ލީޑާޝިޕެއް ދަމަހައްޓަން ކަމަށެވެ.

އެ ބަޔާނުގައި ވެއެވެ: "... މިހާތަނަށް ޖުމްހޫރީ ޕާޓީން ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް މިންވަރަކަށް ފާޑުކިޔާފައި ނުވާ ހިނދު އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަން ފާހަގަ ކުރަން."

އެ ޕާޓީން ބުނީ ރައީސް ނަޝީދު ކުރައްވާ ކަންކަމުގައި ފާޑުކިޔަން ޖެހެނީ ފާޑު ކިޔޭނެ މިންވަރަށް އެކިއެކި ކަންކަމުގައި ގެންގުޅުއްވާ ދިވެހިންނާ ބީރައްޓެހި، ގައުމީ އަދި ދީނީ އެއްބައިވަންތަކަން ގެއްލޭ މިންވަރަށް ދައްކަވާ ވާހަކަފުޅާ އަމަލުފުޅުތަކުގެ ސަބަބުން ކަމަށެވެ.

"... ކޯލިޝަންގައި އޮތް ނަމަވެސް އިސްލާމްދީނާ ގައުމާއި ދިވެހި ރައްޔިތުންނަށް ގެއްލުމެއް ކުރާނަމަ އެކަމާ ދެކޮޅަށް ޖުމްހޫރީ ޕާޓީން ވާހަކަ ދައްކާނެ. އަދި ކަންކަން އިސްލާހު ކުރަން ބާރު އަޅާނެ. މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ޖުމްހޫރީ ޕާޓީން މަރުހަބާ ކިޔަން."


ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ބުނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަހަކަށް އައިސް ސަރުކާރުގެ ކަންކަމުގައި ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވުން އާންމުވެފައި ވާއިރު، އަލީ އާޒިމްގެ ވާހަކައިން ރައީސް ސޯލިހުގެ ސަރުކާރަކީ އެމްޑީޕީ އާއި ރައީސް ނަޝީދު ހިމެނޭ ސަރުކާރެއް ނޫން ކަމަށް ދޭހަވާ ކަމަށެވެ.

އާޒިމް ވަނީ އެމްޑީޕީ އަށް ފާޑުކިޔާނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ވެސް ޖުމްހޫރީ ޕާޓީ ވެސް ކޯލިޝަނުން ނިކުމެގެން ދާންވީ ކަމަށް ވިދާޅުވެފަ އެވެ.