ކުޅިވަރު

އަލީއަށް ޕްރެޝަރު ނުކުރަން ޕޮޗެޓިނޯ އެދިއްޖެ

މިދިޔަ ސީޒަންތަކުގައި ފެނުނު ކުޅުން ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑާ ޑެލީ އަލީގެ ކިބައިން މި ސީޒަންގައި ފެނިންގެ ނުދާ ކަމަށް ބުނެ އޭނާ އަށް ޕްރެޝަރު ނުކުރަން ސްޕާސްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނެ އެދިއްޖެ އެވެ.

މިއަހަރު ޕޮޗެޓިނޯގެ ކިބައިން ކުރިން އޭނާގެ ކިބައިން ފެނުނު ކުޅުން ނުފެންނާތީ މީޑިއާއިންނާއި ފުޓްބޯޅައިގެ އެކި ފަރާތްތަކުން ދަނީ އަލީއަށް ފާޑު ކިޔަމުންނެވެ. އެންމެ ފާޅުކަން ބޮޑު ގޮތެއްގައި އެކަމަށް ފާޑުކީ މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ކެޕްޓަން ރޮއީ ކީން އެވެ. އޭނާ ބުނީ އަލީގެ ކިބައިން ކާމިޔާބަށް މަސައްކަތް ކުރުމުގެ ދަހިވެތިކަން މިހާރު ގެއްލިފައިވާ ކަމަށެވެ.

ޕޮޗެޓިނޯވެސް ގަބޫލު ކުރާގޮތުގައި މި ސީޒަންގައި އަލީގެ ފަރާތުން އަދި އެންމެ ރަނގަޅު ކުޅުން ނުދެއްކެ އެވެ. ނަމަވެސް ޕޮޗެޓީނޯ ބުނީ އަލީ ހޭދަ ކުރަމުން ދަނީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ކަމަށާއި މާބޮޑަށް ޕްރެޝާ ކުރިމަތި ނުކޮށް އޭނާއަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.

"އަހަރެމެން ހަނދާން ކުރަން ޖެހޭނެ ޑެލީ އަދި ވަރަށް ޒުވާން ކަން އަދި އޭނާ ޕްރެޝަރު މާބޮޑަށް އެބައޮތް،" ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޮޗެޓިނޯ ބުންޏެވެ. "އެންމެންވެސް އޭނާ އާ މެދު ބޮޑެތި ކަންތައްތަކަށް އުންމީދު ކުރާނެ، އޭނާ އަކީ އިނގިރޭސި ގައުމީ ޓީމު ކުޅުންތެރިޔެއް ހަމައެޔާއެކު އަދި އޭނާއަށް 23 އަހަރު، ޕްރެޝަރު ދިނުމުގެ ބަދަލުގައި އަހަރެމެން ޖެހޭނެ އޭނާއަށް އެހީވާން."