ބާސެލޯނާ

ބާސާގެ މުސާރަތައް ދަށްކުރާކަށް ނޫޅޭ: ވަލްވެރުޑޭ

ބާސެލޯނާގެ ކުޅުންތެރިންނާއި ކޯޗުން ސްޓާފުންނާއި އޮފިޝަލުންގެ މުސާރަތައް ދަށް ކުރަން ކުލަބަކުން ނޫޅޭ ކަމަށާއި އެކަމާ ބެހޭ ގޮތުން ވާހަކަވެސް ނުދައްކާ ކަމަށް ހެޑް ކޯޗް އެރުނަސްޓޯ ވަލްވެރުޑޭ ބުނެފި އެވެ.

ސްޕެއިންގެ މީޑިއާގައި ދައުރުވަމުންދާ ވާހަކައަކީ، ނޭމާ އަލުން ބާސާއަށް ގެނައުމަށް މަގުފަހި ކުރުމުގެ ގޮތުން ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއަށް ފެއްތުމަށް ކުލަބުގެ މުސާރަތައް ދަށް ކުރުމާ ބެހޭގޮތުން ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ، ކުލަބުގެ ރައީސް ޖޯސްފް މާރިއާ ބާޓެމެއު އާ ވާހަކަ ދެއްކި ކަމަށެވެ.

ދާދިފަހުން ޕީކޭ ބުނެފައި ވަނީ ނޭމާ ކުލަބަށް ގެންނާނެ ކަމަށް އޭނާގެ ގާތުގައި ބުނެފައިވާ ކަމަށާއި އަދި އެކަމަށް މަގުފަހި ކުރުމަށް ކުލަބުގެ މުސާރަތައް ވަކި މިންގަނޑެއްގައި ބެހެއްޓުމަށް ބާޓެމެއު އާ ވާހަކަ ދައްކާފައިވެސް ވާނެ ކަމަށެވެ.

"އަހަރެމެން ބާޓެމެއު ގާތު ބުނެފިން ނޭމާ ގެނައުމަށް ފައިނޭންޝިއަލް ފެއާޕްލޭގެ މައްޗަށް ކުލަބުގެ ހަރަދުތައް ފައްތަން ޖެހޭނަމަ އަހަރެމެން މިތިބީ އެކަމަށް ތައްޔާރަށޭ." ޕީކޭ ބުނެފައި ވެއެވެ.

ޕީކޭގެ އެ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ވަލްވެރުޑޭ އާ ސުވާލު ކުރީ ކުލަބުގެ މުސާރަތައް ދަށް ކުރުމަށް ޕީކޭ، ބާޓެމެއު އާ ވާހަކަ ދެއްކިތޯ އެވެ. އެ ސުވާލަށް ޖަވާބު ދެމުން ވަލްވެރުޑޭ ބުނީ އޭނާ އަށް އެކަން ނޭންގޭ ކަމަށެވެ.

"ހަމަ ގައިމުވެސް އެއްވެސް މީހަކު އަހަރެންގެ މުސާރަ ދަށް ކުރުމަކަށް ހުށަހަޅަފައި ނެތް،" ވަލްވެރުޑޭ ބުންޏެވެ. "ނޭމާ ކުލަބުން ދިޔަ ފަހުންވެސް އަދި އޭނާ ކުލަބަށް އެނބުރި އަންނަން ވެގެން ވާހަކަ ދެއްކިއިރުވެސް އަހަރެންގެ މުސާރަ ދަށް ކުރުމަށް ހުށަހަޅާފައެއް ނެތް."