ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން ރާއްޖޭގެ ގާނޫނީ ވެރިކަން ބަގާވާތަކުން ބަދަލުކޮށްލަން ރާޢްޖެ އަރައި ދިން އުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ހަނދާނުގައި ފާހަގަ ކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 6:30 ގަ އެވެ. މި ރަސްމިއްޔާތުގައި ދިދަ ޖަހައި ގާޑް މައުންޓްކޮށްފައިވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި ގާޑު މާއުންޓް ކުރުމުން ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި ހަތްބަޑީގެ ސަލާމެއް އަރުވައި ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެވިފަ އެވެ.
އެމްއެންޑީއެފުން ބުނީ މި ރަސްމިއްޔާތުގައި ސިފައިންގެ އަޒުމް އާ ކުރުން އޮތް ކަމަށާއި އަޒުމް އާ ކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ކަމަށެވެ.
ރާއްޖޭގެ 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، ޝަހީދުންގެ ބިނާގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކޮށްފައިވާ އެކިރޭންކުތަކުގެ ބޭފުޅުންނާއި، ސީނިއާ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފަ އެވެ.
ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖަހައި ގާޑު މައުންޓް ކުރިއިރު ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ގާއިމްވެތިބޭ ހުރިހާ މަރުކަޒުތަކެއްގައި މިއަދުގެ ފަތިސް ނަމާދު ވަނީ އެއްޖަމާއަތެއްގައި ކޮށްފަ އެވެ. އެމްއެންޑީއެފް މާލޭ އޭރިއާގައި ސިފައިން ފަތިސް ނަމާދަށް ޖަމާވެފައިވަނީ އިސްލާމީ މަރުކަޒު އަށެވެ. ނަމާދަށްފަހު ނަސްރުގެ ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވަނީ ކޮށްފަ އެވެ.