ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކޮށް، ރަހްމަތްތެރިންނާ އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ދެއްވައިފި އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ނޮވެމްބަރު 3، 1988 ގައި ފެނުނީ ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތަށް ހުރި ގޮންޖެހުންތަކާއި އެފަދަ ގޮންޖެހުންތަކަށް ކުދި ގައުމުތައް ހުޅުވިފައިވާ މިންވަރު ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ރާއްޖެއިން އދ.ގައި ވަކާލާތުކޮށް އޭގެ ސަބަބުން ކުދި ގައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން އެތައް ގަރާރެއް ފާސްވެގެންދިޔަ ކަން މިނިސްޓަރުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ. އަދި، ރާއްޖޭން ކުރި މަސައްކަތުގެ ސަބަބުން ބައިނަލްއަގުވާމީ ސަލާމަތާ ގުޅޭ މަޝްވަރާތަކުގައި، ކުދި ގައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރެވޭ ގޮތް ބަދަލުވެގެންދިޔަ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދުގެ ދުނިޔޭގައި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ބައްދަލުކޮށް ނުރައްކާތަކުން އަރައިގަތުމަށްޓަކައި ގައުމުގެ ފުދުންތެރިކަމާއި ކަންކަމާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރަށް ވަރުގަދަ ކުރުމުގެ މުހިންމުކަން ވަނީ ބޮޑުވެފަ އެވެ. އެއާއެކު، ބައިނަލްއަގުވާމީ މުޖުތަމައާއެކު އޮތް ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަންވެސް ބޮޑުވެއްޖެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އަދި، މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކޮށް ބައިވެރިންނާއެކު އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު އެރުވި އެވެ.
މީގެ އިތުރުން، މިނިސްޓަރު އިމްރާން ވަނީ 3 ނޮވެމްބަރު 1988 ގައި އިންޑިއާ ސަރުކާރުން ވެދެއްވި އަސްކަރީ އެހީތެރިކަމަށް އެ ސަރުކާރަށް ޝުކުރުވެސް އަދާ ކޮށްފަ އެވެ.
"މިއަދަކީ ހަގީގީ ރަހްމަތްތެރިންނާއި ބައިވެރިންގެ އަގު ވަޒަންކުރާ ދުވަހެވެ. 3 ނޮވެމްބަރު 1988 ގައި އިންޑިއާ ސަރުކާރުން ވެދެއްވި އަސްކަރީ އެހީތެރިކަމަކީ އަބަދުމެ، ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާނެ ކަމެކެވެ. އެކަމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޝުކުރު ދުވަހަކުވެސް ފަނޑުވެގެންނުދާނެއެވެ" ބަޔާނުގައި ވެ އެވެ.
ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން ރާއްޖެ ހިފަން ދިން ހަމަލާއަށް މިއަދު 31 އަހަރު ފުރުނީ އެވެ.