ހަބަރު

ޖޫސް ޕެކެޓަކަށް ބަނގުރާ އަޅައިގެން 21،000 ރުފިޔާއިން ޖޫރިމަނާ

ދެ މީހަކު ބަލައި ފާސްކުރި އިރު އެކަކުގެ އަތުން ފެނުނު ޖޫސް ޕެކެޓެއްގައި ބަނގުރާ ހުރިކަން ސާބިތުވެ 21،600 ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި ކުށް ސާބިތުވި ކަމަށް ކަނޑައަޅައި ޖޫރިމަނާކޮށްފައި ވަނީ ތ. ދިޔަމިގިލި / މަޑުފެހިވިލާ، އިސްމާއީލް ނިހާން އަށެވެ. މިއީ ތިން މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމުގެ ބަދަލުގައި ކުރި ހުކުމެކެވެ.

އެ ހުކުމުގައި ބުނާގޮތުން، ނިހާން އާއި އިތުރު މީހަކު އިންޑަސްޓްރިއަލް ޒޯން ތެރޭގައި ތިބިއިރު އަމަލުތައް ހުރިގޮތުން، ގާނޫނާ ހިލާފު އެއްޗެއް ގެންގުޅޭ ކަމަށް ޝައްކުވެގެން އޮގަސްޓް، 15، 2018 ވަނަ ދުވަހުގެ ރޭ 9:20 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އެވެ. އަދި ދެ މީހުންގެ ހަށިގަނޑު ފާސް ކުރުމުގެ ތެރޭގައި ދެ މީހުންގެ އަތުން ފެނުނީ "ދަ ބެރީ ކޮމްޕެނީ"ގެ ޖޫސްޕެކެޓެއް ކަމަށެވެ.

އަދި، އެ ޖޫސް ޕެކެޓަށް ބަނގުރާ އަޅާފައި ހުރިކަން ތަހުލީލުތަކުން އެނގޭ ކަމަށް ގަޒިއްޔާ ނިމުނުގޮތުގެ ހުލާސާ ރިޕޯޓުގައި ވެ އެވެ.

ޖޫސް ޕެކެޓު ފެނުނު މައްސަލާގައި ކޮށްފައިވަނީ ކުށް ކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުުމުގެ ދައުވާ އެވެ.

ގާނޫނުލް އުގޫބާތުގައި ބުނާ ގޮތުން ކުށް ކުރުމުގެ އާލާތެއް ކަމަށް ބަލާނީ ކުށެއް ކުރުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ނުވަތަ އެ މަގްސަދަށްޓަކައި ހާއްސަކޮށް ބަދަލުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ. އަދި އާންމު ގޮތެއްގައި ކުށް ކުރުމުގެ ބޭނުމުގައި ގެންގުޅޭ އެއްޗިއްސާއި ކުށުގެ ނިޔަތް ފުރިހަމަ އަށް ހާމަކޮށްދޭ ފަދަ ހާލަތެއްގައި ގެންގުޅޭ ކޮންމެ އެއްޗަކީ ވެސް ކުށް ކުރުމުގެ އާލާތެއް ކަމުގައި ބެލެވޭނެ އެވެ.

މައްސަލައިގައި ކުރި ދައުވާގެ ޝަރީއަތުގައި ނިހާން ކުށްވެރިވާ ކަމަށް ކަނޑައެޅީ އިއުތިރާފަށް ބިނާކޮށެވެ. އަދި، ތިން މަހާއި 18 މަހާ ދޭތެރޭގެ ޖަލު ހުކުމް ޖޫރިމަނާ އަށް ބަދަލުކުރީ އެވެ. އަދި ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން، ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައި ވެ އެވެ.

މި މައްސަލާގައި ހިމެނޭ އަނެއް މީހާ އަކީ ކެނެބިސް ބޭނުންކުރުމުގެ މައްސަލައެއްގައި ޑްރަގް ކޯޓުން ރިހެބިލިޓޭޝަން އަމުރު ނެރެފައިވާ މީހަކަށް ވާތީ އޭނާ އަށް ވަކި ދައުވާއެއް ކުރަން ބޭނުންވެގެން އޭނާގެ ބައި އަނބުރާ ފޮނުވައި ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިފައިވާތީ ކޯޓުން ވަނީ އެގޮތަށް ނިންމައިފަ އެވެ.