ޝާހްރުކް ހާން

ރާޖްކުމާރު ރާއޯ: ދެވަނައެއް ނެތް ޝާހްރުކްގެ ފޭނެއް

މަޝްހޫރު އެކްޓަރު ރާޖްކުމާރު ރާއޯ އަކީ އެފަދަ ދެވަނަ އެއް ނެތް ވަރުގެ ޝާޙްރުކް ޚާން ފޭނެކެވެ. އޭނާ ފިލްމު ކުޅުމަށް ޝައުގުވެރިވީ ވެސް ޝާހްރުކްގެ ކާމިޔާބު ވާހަކައިން ހިތްވަރު ހޯދައިގެންނެވެ.

'ނޯ ފިލްޓާ ނިހާ" ޝޯގައި ވާހަކަ ދައްކަމުން ރާޖްކުމާރު ބުނި ގޮތުގައި ލޮލުކޮޅުން ވެސް ޝާހްރުކް ދެކިލުމުގެ އުންމީދުގައި އޭނާ ޝާހްރުކްގެ މަންނަތު ބަންގްލޯގެ ބޭރުގައި އެތައް ގަޑިއެއްގެއިރު ހޭދަކޮށްފައިވާ ކަމަށެވެ. އަދި މުމްބާއީ އަށް ދިރިއުޅުން ބަދަލުކުރި ފަހުން ދުވާލަކު ހަ ގަޑިއިރު ޝާހްރުކްގެ ގޭގެ ބޭރުގައި އޭނާ ފެނޭތޯ އިންތިޒާރުގައި ހުރެފައިވާނެ ކަމަށެވެ. އެވަރުން ވެސް ޝާހްރުކް އާ ބައްދަލުވުމުގެ ފުރުސަތު އޭރު އޭނާއަކަށް ނުލިބުނެވެ.

ރާޖްކުމާރަށް ޝާހްރުކް އާ ފުރަތަމަ ވެސް ބައްދަލުވުމުގެ ފުރުސަތު ލިބުނީ އޭނާ ފިލްމު ކުޅެން ފެށި ފަހުން އެއް ދުވަހު މެހެބޫބް ސްޓޫޑިއޯ އިންނެވެ.

ފުރަތަމަ ދުވަހުގެ ބައްދަލުވުމުގެ ވާހަކަތައް ކިޔައި ދެމުން ރާޖްކުމާރު ބުނީ ޝާހްރުކް އޭނާއަށް ވަރަށް ގަދަރާއި އިހްތިރާމް ދިން ކަމަށެވެ. އަދި އޭނާ ކުޅެފައިވާ ފިލްމުތަކުގެ މައުލޫމާތު ޝާހްރުކް އަށް އެނގިފައި އޮތުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އޭނާއަކީ އާދަޔާޚިލާފު ރަނގަޅު މީހެއް. މިހާރު އަހަރެމެން ދެ މީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އެބައޮތް. އަހަރެން ބޭނުން އިރަކު އޭނާއަށް ގުޅާ މެސެޖްކޮށް ހެދޭ މިހާރު. އަދި ޝާހްރުކް ގުޅާލުމުން އަހަންނަށް ބުނަން ވެސް ނޭނގޭ ކަހަލަ އުފަލެއް ލިބޭ. އޭނާގެ ފޭނެއްގެ ހުރި ހުރުމަށް ދުވަހަކު ވެސް ނިމުމެއް ނާންނާނެ،" ރާޖްކުމާރު ބުންޏެވެ.

ރާޖްކުމާރުގެ އެންމެ ފަހުގެ ފިލްމު "މޭޑް އިން ޗައިނާ" އަށް އޯޑިއަންސް އާއި ކްރިޓިކްސް ދިނީ ވަރަށް މަސްހުނި އިޖާބައެކެވެ. އަދި ބޮކްސް އޮފީހުގައި މި ފިލްމަށް މާ އެދެވޭ ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. ނަމަވެސް ރާޖްކުމާރުގެ އެހެން ފިލްމު ތަކެކޭ އެއްފަދައިން މި ފިލްމުގައި ވެސް އޭނާގެ އެކްޓިން އާ މެދު ޝަކުވާ ކުރެވޭނެ ތަނެއް ނެތެވެ. ފާޑުކިޔުންތެރިން ވެސް ބުނަނީ ރާޖްކުމާރުގެ ހުނަރުން ފިލްމު ހިނގާނެނަމަ މި ފިލްމު ހިނގީސް ކަމަށެވެ. ފިލްމު ރިލިޒްކުރިތާ ހަފުތާއެއް ވީއިރު ލިބުނީ އެންމެ 10 ކްރޯޑު ރުޕީސް އެވެ.