އިސްލާމްދީނަކީ ސައެންސާއި ޓެކްނޮލެޖީއާ ތަޢާރުޟްވާ ދީނެއް ނޫނެވެ. ކައުނުގައިވާ ޙަޤީޤަތްތައް ދެނެގަތުމާއި ޚުދު އިންސާނާގެ އަމިއްލަ ނަފްސުގައި ލައްވާފައިވާ ޤުދުރަތްތެރިކަމުގެ މަތިވެރި ހެކިތައް ބަލައި ދިރާސާ ކުރުމަށް ﷲ އަންގަވާފައި ވެއެވެ. ޢިލްމީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ ކޮންމެ އާ ހޯދުމަކަށް އިސްލާމީ ޝަރީޢަތް މަރުޙަބާ ކިޔައެވެ. އެއިން ކޮންމެ ހޯދުމެއްގެ ފަހަތުން ފެނިގެންދާނީ ﷲ ގެ މަތިވެރި ކުޅަދުންވަންތަ ކަމެވެ.
މި މަޒްމޫނުގައި ކުރު ގޮތަކަށް މި ހުށައަޅަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސްގެ ފިޤުހު އެންޑް އުޞޫލުލްފިޤުހު ޑިޕާޓްމަންޓްގައި (2008) ވަނަ އަހަރު މާސްޓާސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (ފިޤުހު އެންޑް އުޞޫލު ފިޤުހު) ގެ ދާއިރާއިން މާސްޓަސް ފުރިހަމަކުރުމަށް އަޅުގަނޑު ހުށަހެޅި ތީސިސް ގެ މުހިންމު ބައެއް ބައި ތަކެވެ.
އެ ތީސިސް ލިޔެފައިވަނީ ލިޢާންގެ މައްސަލައިގައި ޤަރީނާއެއްގެ ގޮތުން ޑީއެންއޭގެ ޙުއްޖިއްޔަތުގެ މައްޗަށެވެ. މިގޮތުން ޑީއެންއޭގެ ޙަޤީޤަތާއި ޑީއެންއޭގެ ތެދުކަމާއި އިސްލާމީ ނަޒަރަކުން ޑީއެންއޭ ޤަރީނާއަކަށް ވާގޮތާއި ޑީއެންއޭގެ ޙުއްޖިއްޔަތާމެދު އިސްލާމީ ފިޤުހުވެރިންގެ ރައުޔުތަކާއި އެކަމާ ގުޅިގެން ހެދިފައިވާ ދިރާސާތަކުގެ ނިންމުންތަކާއި ލިޢާންގެ މަފްހޫމާއި ލިޢާން ކުރެވޭ ގޮތާއި ލިޢާންގެ މައްސަލައިގައި ޑީއެންއޭ އަށް ދައުރެއް އަދާ ކުރެވިދާނެތޯ އާއި ޑީއެންއޭ ތަޙުލީލު ކުރުމުގެ ކަމާބެހޭ ފަރާތްތަކާއި ޖުޑިޝަރީގެ ދައުރާއި މިކަމާ ގުޅުން ހުރި ގިނަ ކަންކަމެއް ތީސިސްގައި ބަޔާން ވެފައިވާނެ އެވެ.
މި ތީސިސް ސުޕަވައިޒްކޮށް ދެއްވީ މެލޭޝިޔާގެ ބޭފުޅެއް ކަމުގައިވާ އެއިރު ފިޤުހު އުޞޫލު ފިޤުހު ޑިޕާޓްމަންޓްގެ ހެޑް، ޕްރޮފެސާ ޑރ. ޢަޙްމަދު ބަޞްރީ އެވެ. އަދި ކޯ ސްޕަވައިޒަރެއްގެ ގޮތުން ހުންނެވީ ޢިރާޤުގެ ބޭފުޅެއް ކަމުގައިވާ ޕްރޮފެސާ ޑރ. ޢާރިފް ޢަލީ ޢާރިފެވެ. އެއީ އަރަބި ބަހުން ލިޔެވިފައިވާ ތީސިސްއެކެވެ. އަދި ފަހުން ފޮތެއްގެ ސިފައިގައި ޕަބްލިޝް ކުރެވިފައި ވެއެވެ.
ޝައްކެތް ވަސްވާހެއްނެތެވެ. މިޒަމާނުގެ ޢިލްމީ ހޯދުންތަކުގެ އުދަރެހަށް އުންމީދު ގެނެސްދީ ޖިނާއީ ތަޙުޤީޤުތަކަށް ކުރިއެރުން ގެނައި ޢިލްމީ އެއް ވަސީލަތަކީ ޑީއެންއޭ އެވެ. ޑީއެންއޭ ޤަރީނާގެ ސަބަބުން ޖިނާއީ އެތައް ކަމެއްގައި ޢަދުލުވެރި ކަމަށް ވާޞިލްވެވިފައި ވެއެވެ. ޖިނާއީ ތަޙުޤީޤުތަކުގައި ޑީއެންއޭ ޤަރީނާ ބޭނުން ކުރުމަކީ އިސްލާމީ ޝަރީޢަތާ ތަޢާރުޟްވާ ކަމެއްނޫނެވެ.
ވައްކަމާއި ފޭރުމާއި ރޭޕްކުރުން ފަދަ ޖިނާއީ ކުށްތަކުގެ އިތުރުން ގެއްލިފައިވާ މީހުން ކަށަވަރު ކުރުމާއި މަރުގެ ޙާދިސާތަކާއި ހަނގުރާމައިގައި މަރުވާ މީހުންނާއި އަލިފާނުގެ ޙާދިސާތަކުގައި ވަކި ނުކުރެވޭ ވަރަށް ހަށިގަނޑު އަނދާފައިވާ މީހުންގެ ޙަޤީޤަތް ދެނެގަތުމަށް ޑީއެންއޭ ޤަރީނާގެ ބޭނުން ކުރެވެއެވެ.
މިދެންނެވި ކަންކަމުގައި ޤަރީނާއެއްގެ ގޮތުން ޑީއެންއޭ ބޭނުން ކުރުމުގައި އިސްލާމީ ފިޤުހުވެރިންގެ މެދުގައި މާ ބޮޑު ޚިލާފެއް އޮތް ކަމަށް ފާހަގަ ވެފައި ނެތެވެ. އަދި ކިއެއްތޯ އެވެ. ހެއްކާއި ޤަރީނާއަކީ ހަމަ އެކަނި ފެނުމާއި އަޑުއިވުން ކަމުގައި ތަޤުލީދީ ގޮތުން ޤަބޫލު ކުރެވިފައިވީ ނަމަވެސް، ޢަދުލުވެރިކަން ޤާއިމުކުރުމާއި ޙައްޤު ގޮތް ދެނެގަތުމަށް އެހެން ވަސީލަތެއްގައި ހިފުމަކީ އިސްލާމްދީން ތަރުޙީބު ދޭ ކަމެއް ކަމުގައި ފިޤުހުވެރި މުޖުތަހިދުން ބަޔާންކުރައްވާފައިވެއެވެ. އެހެން ކަމުން ( ބައްޔިނާތު) ހެއްކާއި ޤަރީނާގެ ތެރެއަން މިޒަމާނުގައި ބައެއް ކަންކަން ވަދެފައިވެއެވެ. ފޮރެންސިކް ތަޙުލީލުތަކާއި ވީޑިއޯއާއި އޯޑިއޯއާއި އަދި ޕޮލިސް ކުއްތާއާއި ފޮޓޯއާއި މި ނޫންވެސް އެހެން ވަސީލަތްތައް ވަދެފައިވެއެވެ.
މިހިސާބުން ކުރެވޭ ސުވާލަކީ ޖިނާއީ ކަންކަމުގެ ޤަރީނާއެއްގެ ގޮތުން ބޭނުން ކުރެވޭ (ޑީއެންއޭ) ދަރި ނަފީ ކުރުމުގައި (ލިޢާން ކުރުމުގައި) ޤަރީނާ އެއްގެ ގޮތުން ބޭނުން ކުރެވިދާނެތޯ ނުވަތަ ނޫން ތޯ އާ މެދު ކުރެވޭ ސުވާލެވެ.
މިކަމުގައި ޢިލްމުވެރިންގެ މެދުގައި ބޮޑު ޚިލާފެއް އުފެދިފައި ވެއެވެ. ސަބަބަކީ ދަރި ނަފީ ކުރެވޭ ގޮތް ކަނޑައެޅިގެން ޤަޠުޢީ ގޮތެއްގައި ޤުރުއާނުގައި ސާބިތުވާން އޮތުމެވެ. ލިޢާންގެ މައްސަލައިގައި މައުޟޫޢީ ގޮތުން ޑީއެންއޭގެ ޙުއްޖިއްޔަތުގެ މައްޗަށް ދެން އަންނަ މަޒުމޫންގައި ވާހަކަ ދެއްކުމުގެ ކުރީން ޑީއެންއޭގެ ތާރީޚާއި ޙަޤީޤަތުގެ މައްޗަށް މި މަޒްމޫނު ޚާއްޞަކޮށްލަން ޤަސްތު ކުރަމެވެ.
ޑީއެންއޭގެ ޢިލްމީ ޙަޤީޤަތާއި ކީރިތި ޤުރުއާން
ޑީއެންއޭ އަކީ ބޮޑުވެގެންވާ ޢިލްމީ އަޖައިބެކެވެ. ޑީއެންއޭގެ ޙަޤީޤަތަށް ވާޞިލްވުމުން ﷲ ގެ ކުޅަދުންވަންތަކަށް ސާބިތު ވެއެވެ. ކަނޑައެޅިގެން އެނގޭ ގޮތުގައި ދަރި އުފެދިގެން އަންނަނީ ނުޠުފާ (މަނި) އިންނެވެ. މިޙަޤީޤަތް ކީރިތި ޤުރުއާނުގެ އެތައް މަޤާމެއްގައި ބަޔާން ވެގެން ވެއެވެ. މިގޮތުން އަލްޤިޔާމަތު ސޫރަތުގެ (37-39) ގައި ބަޔާން ވެގެންވާ އާޔަތްތަކުގެ މާނައިގައި ވެއެވެ. (އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟ ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ. ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ.) މިޒަމާނުގެ ޢިލްމުން ހާމަކޮށްދޭ ގޮތުގައި ދަރި އުފެދެނީ ދެ ބާވަތެއްގެ ނުޠުފާ އެއްވެގެންނެވެ. ނުޠުފާ އެކުލެވިގެންވަނީ ކްރޮމޮޒޮމް (Chromosome) ގެ މައްޗަށެވެ. އެއީ ފިރިހެން ޖިންސުގެ ކްރޮމޮޒޮމް (Y) އާއި އަންހެން ޖިންސުގެ ކްރޮމޮޒޮމް (X) އެވެ. މިގޮތުން ފިރިހެން ޖިންސު ރަމްޒު ކޮށްދޭ (Y) އަންހެން ޖިންސު ރަމްޒުކޮށްދޭ (X) އިސްވެ ގުޅިއްޖެ ނަމަ ލިބެނީ ފިރިހެން ދަރިއެއްކަން ހޯދުންތަކުން ބަޔާންވެފައި ވެއެވެ. އަދި އަންހެން ޖިންސު ރަމްޒުކޮށްދޭ ކްރޮމޮޒޯމް (X) ފިރިހެން ޖިންސު ރަމްޒުކޮށްދޭ ކްރޮމޮޒޯމް (Y) އާ އިސްވެ ގުޅިއްޖެ ނަމަ ލިބިގެންދާނީ އަންހެނުން ދަރިއެއްކަމުގައި ދިރާސާތަކުގައި ބަޔާންވެފައި ވެއެވެ. (ޣާނިމް، މުޙައްމަދު އަޙުމަދު، 63).
އިސްވެ ބަޔާންވެދިޔަ ޢިލްމީ ޙަޤީޤަތް މީގެ އެތައް އަހަރެއްގެ ކުރިން ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކުރެވިފައެވެ. އަލްއިންސާން ސޫރަތުގެ (2) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެވެ. ( إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا) މިބަސްފުޅުގެ މާނައިގައިވެއެވެ. (ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ امتحان ކުރެއްވުމަށްޓަކަ އެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ.) މިއާޔަތުން ދޭހަކޮށްދެނީ ދަރި އުފެދިގެން އަންނަނީ ފިރިހެންނާގެ ނުޠުފާ އާއި އަންހެނާގެ ނުޠުފާ އެއްވެ އިޚުތިލާޠު ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިޒަމާނުގެ ޢިލްމު ބަޔާން ކޮށްފައިވާ ގޮތުން ފިރިހެނާގެ ނުޠުފާގައި (XY) ސެލްތައް ހިމެނެއެވެ. އަދި އަންހެނާގެ ނުޠުފާގައި (XX) ވެއެވެ.
އިސްވެ ބަޔާންކުރެވުނު އާޔަތުގައިވާ ޙަޤީޤަތަށް އިޝާރާތްކުރައްވައި މަޝްހޫރު މުފައްސިރު އަދި ފިޤުވެރިޔާ އަލްއިމާމު އައްޝައުކާނީ ވިދާޅުވެފައިވެއެވެ. މި އާޔަތުގައި ބަޔާންވެގެންވާ (أمْشَاجٍ) އަކީ ނުޠުފާއަށް ނިސްބަތް ކުރެވިފައިވާ ސިފައެކެވެ. އެއީ (مَشْجُ) ނުވަތަ (مَشِيجُ) ގެ ޖަމްޢު ގޮތެވެ. އޭގެ މާނައަކީ އެކަތި އަނެކައްޗާ އެއްވެ މައްސުނިވުމެވެ. މުރާދަކީ ދަރި އުފެދެނީ ފިރިހެންނާއާއި އަންހެނާގެ ނުޠުފާ މައްސުނިވުމުންނެވެ. ( އައްޝައުކާނީ، ފަތުޙުލްޤަދީރު،).
މަޝްހޫރު ޞަޙާބީ މި އުންމަތުގެ އެންމެ ބޮޑު ޢިލްމުވެރި މުފައްސިރު ޢަބްދުލްﷲ ބުނި އައްބާސް ވިދާޅުވެފައި ވެއެވެ. ފިރިހެނާގެ ނުޠުފާއަކީ ހަރު ތެތްކަމެއް ހުންނަ ހުދުކުލައިގެ ފެނެކެވެ. އަނެހެނާގެ ނުޠުފާއަކީ ރީނދޫކުލައަށް ބުރަވެފައިވާ ދިޔާކޮށް ހުންނަ ފެނެކެވެ. މި ދެ ނުޠުފާ އެއްވުމުން ދަރި އުފެދިގެން ދެއެވެ. ކައްޓާއި އާރު އުފެދެނީ ފިރިހެންނާގެ ފެނުންނެވެ. މަހާއި ލެޔާއި އިސްތަށި އުފެދެނީ އަންހެނާގެ ފެނުންނެވެ. (އަލްޤުރުޠުބީ، އަޙްކާމުލްޤުރުއާން.) ފިހެންނާގެ ނުޠުފާ އަންހެނާގެ ނުޠުފާގެ މައްޗަށް ގަދަވެއްޖެ ނަމަ ދަރި ވައްތަރުވެގެންދާނީ ފިރިހެނާއާ އެވެ. އަންހެނާގެ ނުޠުފާ އިސްވެއްޖެ ނަމަ ވައްތަރު ވެގެންދަނީ އަންހެނާއާ އެވެ. (އަލްކަޢުބީ، ޚަލީފާ އަލީ، 20)
ޑީއެންއޭގެ ޢިލްމީ އަދި ފިޤުހީ މަފްހޫމު
ޢިލްމު ކުރިއަރައި ގޮސް އިންސާނާގެ ޖިސްމު އުފެދިގެންވާ ގޮތުގެ ގިނަ ޙަޤީޤަތްތަކަކާ ހަމައަށް ސައެންސްވެރިންވަނީ ވާޞިލްވެފައެވެ. އަދި އިންސާނާގެ ޖީން ވަނީ ދެނެގަނެވިފަ އެވެ. އަދި އިންސާނާގެ ޖިސްމުގައިވާ ސެލްތަކުގައި އެކުލެވިގެންވާ ގިނަ ޙަޤީޤަތްތަކެއް ވަނީ ހޯދިފައެވެ. މިގޮތުން އެ ސެލްތަކުގައި (46) ކްރޮމޮޒޮމް އެކުލެވިގެންވެއެވެ. އެއިގެ ދެބައިކުޅަ އެއްބަޔަކީ ފިރިހެނާގެ ކްރޮމޮޒޯމެވެ. އަނެއް ބަޔަކީ އަންހެނާގެ ކްރޮމޮޒޮމެވެ. ޑީއެންއޭގެ ޙަޤީޤަތާއި އަޞްލަކީ އެ ސެލްތަކެވެ.
(DNA) އަކީ މުޞްޠަލަޙު (Deoxyribonucleic acid) ކުރު ގޮތެވެ. (ވާޞިލް، ނަޞްރު ފަރީދު، 2002 85)
ޑީއެންއޭގެ ޢިލްމީ ތަޢާރުފު އިސްލާމީ ފިޤުހުވެރިން އެކި ގޮތައް ގެންނަވާފައިވެއެވެ. މިގޮތުން މި ތަނުގައި މި ބަޔާން ކޮށްލަނީ މިޞްރުގެ ޢިލްމުވެރިޔާ ޑރ. ސަޢުދުއްދީން ހިލާލީ ގެންނަވާފައިވާ ތަޢާރުފެވެ. ޢިލްމީ ގޮތުން ޑީއެންއޭގެ ޙަޤީޤަތް ވަޒަންކުރުމަށް ފަހު، އޭނާ ވިދާޅުވެފައިވަނީ “ޑީއެންއޭއަކީ ބައިލޮޖިކަލްގޮތުން އިންސާނާގެ ޖިސްމުގައިވާ ސެލްތަކެވެ. އެއިން އެ އިންސާނާގެ އައިޑެންޓިޓީ ހާމަވެއެވެ. އެއިން އިންސާނަކީ ވަކި ކާކުގެ ކާކުކަން ކަން ދަނެގަނެވެއެވެ. އެއިގެ އެއް ބަޔަކީ ބައްޕަގެ ފުށުން ވާރުތަވާ ވިރާސީ ސިފަތަކުގެ މައްޗަށް ޤާއިމުވެގެންވާ ބައެވެ. އަނެއް ބަޔަކީ މަންމަގެ ވިރާސީ ސިފަތަކެވެ. (ހިލާލީ، ސަޢުދުއްދީން،2001، 25).
އާދެ! އިސްލާމީ ނަޒަރަކުން ޑީއެންއޭގެ ފިޤުހީ މަފްހޫމު އެކި ޢިލްމުވެރިންނާއި އެކި ފިޤުހީ މުއައްސަސާތަކުން އެކި ގޮތައް ގެންނަވާފައި ވެއެވެ. ޢިބާރާތްތައް ތަފާތުވި ކަމުގައި ވިޔަސް، އެ މަފްހޫމުގެ އަޞްލުތައް އެއްގޮތް ވެގެން ވެއެވެ. މިގޮތުން މިތަނުގައި ބަޔާން ކޮށްލަނީ ޝަރުޢީ ނަޒަރަނުން ޑީއެންއޭގެ މަފްހޫމުގައި މުސްލިމު ވޯލްޑް ލީގް ގެ އިސްލާމިކް ފިޤުހު އެކަޑެމީގެ ބަޔާންކޮށްފައިވާ މަފްހޫމެވެ. އެކަޑެމީގެ ހަތްވަނަ ޤަރާރުގައި ވާގޮތުން "ޑީއެންއޭ އަކީ އިންސާނާގެ ޖެނެޓިކް އާކިޓެކްޗަރެވެ. އެ ނިސްބަތް ވެގެންވަނީ އިންސާނާގެ ހަށިގަނޑުގައިވާ ވިރާސީ ޖީންތަކަށެވެ. އެއިން، ކޮންމެ އިންސާނަކީ ވަކި ކާކުކަން ބަޔާން ކޮށް ދެއެވެ. އެއީ ވަރަށް އިތުބާރު ހުރި ވަސީލަތެކެވެ. (މުސްލިމު ވޯލްޑްލީގް، އިސްލާމިކް ފިޤުހު އެކަޑެމީ، އަލްބަޞްމައުލްވިރާޘިއްޔާ ވަ މަޖާލާތުލްއިސްތިފާދަތި މިންހާ، މައްކަތުލްމުކައްރަމާ، 2002).
އިސްވެ ބަޔާންވެދިޔަ ވާހަކަތަކުން ހާމަކޮށްދެނީ ޑީއެންއޭ އަކީ ޙަޤީޤަތްތަކެއްގެ މައްޗަށް ޤާއިމުވެގެންވާ އަދި ޝަރުޢުން ބަލައިގެންފައިވާ އިތުބާރު ހުރި ވަސީލަތެއްކަމެވެ.
ޑީއެންއޭގެ ތެދުކަން
އިންސާނާގެ ހަށިގަނޑުގައިވާ ޖީންތަކާއި ސެލްތަކުގެ ޙަޤީޤަތަށް ޑޮކްޓަރުންނާއި އިސްލާމީ ފިޤުހުވެރިން އިޢުތުރާފު ވެފައިވާއިރު، ޑީއެންއޭގެ ތެދުވެރިކަމުގެ ނިސްބަތާމެދު ވެސް ޢިލްމުވެރިން ބަޙުޘް ކޮށްފައި ވެއެވެ. ވިރާސީ ޢިލްމުގެ މާހިރުންނާއި ޑޮކްޓަރުން ބަޔާންކޮށްފައިވާ ގޮތުން ޑީއެންއޭ އަކީ 99%،99 ތެދު އެއްޗެކެވެ. އަނެއް ބަޔަކު ހާމަކޮށްފައިވަނީ ޑީއެންއޭ އަކީ 100% ޞައްޙަ އެއްޗެއް ކަމުގައެވެ.
ޑީއެންއޭގެ މުހިންމުކަން
ޑީއެންއޭ އަކީ ޤަރީނާތަކުގެ ޢާލަމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެވެ. ޑީއެންއޭގެ މުހިންމުކަން ވަރަށް ބޮޑެވެ. މިގޮތުން ހާމަވާ ބައެއް މުހިންމު ކަންކަމުގެ ތޭގައި:
1- ވައްކަމާއި ފޭރުމާއި ރޭޕްކުރުންމާއި މަރުގެ މައްސަލަތައް ފަދަ ޖިނާއީ ކަންކަމުގައި ޙަޤީޤަތް ހޯދުމަށް ޑީއެންއޭ އަކީ އިތުބާރު ހުރި ވަސީލަތެކެވެ. ޖަރީމާއެއް ހިނގި ތަނުން ލިބޭ މުޖުރިމާ ގުޅޭ ކޮންމެ އަސަރަކުން ވެސް ޑީއެންއޭ ހެދިދާނެއެވެ. ހަމާއި ލެ އާއި ދާހިއްޏާއި އިސްތައްޓާއި ކުޅާއި ނުޠުފާއިން ވެސް ޑީއެންއޭ ހެދިދާނެ އެވެ. އެއަށް ކިތައްމެ ވަގުތެއް ހޭދަވެފައި ވިޔަސް ޑީއެންއޭ ހެދިދާނެ އެވެ.
2- ޑީއެންއޭ އަކީ ވިރާސީ ގޮތުން ޙަޤީޤަތް ހާމަކޮށްދޭ އެންމެ ވަރުގަދަ ޤަރީނާ ކަމުގައި ޢިލްމުވެރިން ބަޔާން ކޮށްފައި ވެއެވެ.
3- އެކި އެކި ޖަނަވާރުތަކުގެ ނަސްލުތައް ދެނެގަތުމުގައި ވެސް ޑީއެންއޭ އަކީ ޤަރީނާއެކެވެ.
4- ބައެއް ޤައުމުތަކުގައި ކުއްޖާ ވިހާތަކުން ޑީއެންއޭ ހަދައި ބޭންކު ކުރެވެއެވެ.
އިސްލާމީ ޝަރީޢަތުގައި ޑީއެންއޭއަކީ އެއްވެސް މައްސަލައެއްގެ ޙުއްޖަތެއް ނުވަތަ ޤަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވެނީ އޭގައި ޝަރުޢީ ގޮތުން މުހިންމު ޝަރުޠުތަކެއް ފުރިހަމަވެގެން ކަމުގައި މުސްލިމު ފިޤުހުވެރިން ބަޔާން ކޮށްފައި ވެއެވެ. އެއިގެ ތެރޭގައި ޑީއެންއޭ ތަޙުލީލުގެ ނަތީޖާ ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުގެ އަޞްލަކާ ކަނޑައެޅިގެން ޚިލާފުވެގެން ނުވާނެ އެވެ. އެއީ ޝަރުޢީ ނުޞޫޞްތައް އިހުމާލުވެގެން ހިގައިދާނެތީ އެވެ. މީގެ އިތުރުން ޑީއެންއޭ ތަޙުލީލުގެ ނަތީޖާ ބުއްދީގެ ހަމަތަކާ ވެސް ތަޢާރުޟު ވެގެން ނުވާނެ އެވެ. އިސްލާމީ ކޯޓްތަކުގައި ޤަބޫލު ކުރަނީ ކޯޓްގެ އަމުރަށް ހެދޭ ތަޙުލީލުތަކާއި ކަމާ ބެހޭ ތަޙުޤީޤީ އިދާރާއަކުން ހަދާ ތަޙުލީލުތަކެވެ.
އަދި ހަމަ އެފަދައިން ޑީއެންއޭ ތަޙުލީލު ކުރުމުގައި ޢިލްމީ ގޮތުން ވެސް ޝަރުޠުތަކެއް ކަނޑައަޅާފައިވެއެވެ. މިގޮތުން ޑީއެންއޭ ތަޙުލީލު ކުރަން ވާނީ ކަމާބެހޭ ޢިލްމުގެ ސްޕެޝަލިސްޓުން ކަމުގައި ކަނޑައެޅިފައި ވެއެވެ. އަދި ތަޙުލީލުކުރެވެންވާނީ ކަމާ ބެހޭ އިދާރާއެއްގެ އިޛުނައާއެކު ކަމާއި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ލެބޯޓްރީއަކަށް ވާންޖެހޭނެ ކަމުގައި ވެސް ބައެއް ޢިލްމުވެރިން ބަޔާން ކޮށްފައި ވެއެވެ. ސަބަބީ ޑީއެންއޭ ޤަރީނާއަކީ އެއިގެ މައްޗަށް ބިނާކޮށް ޤަޟާޢީ ޙުކުމެއް އަންނަ ޤަރީނާ އަކަށްވާތީ އެވެ.
ޝަރުޢީ ގޮތުން ޤަބޫލުކުރެވިގެންވާ ޑީއެންއޭ ތަޙުލީކަކީ އެކަކަށް ވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ ސްޕެޝަލިސްޓުންގެ މައްޗަށް އެކުލެވޭ ޓީމަކުން ހަދާ ތަޙުލީލަކަށް ވާންޖެހޭތޯ އާމެދުގައި ވެސް އިލްމުވެރިން ބަހުޘް ކުރައްވާފައި ވެއެވެ. މި މައްސަލައިގައި ޢިލްމުވެރިންގެ ތިން ރައުޔެއްވެއެވެ.
(ހ) ފުރަތަހަމަ ރައުޔުގެ ބޭފުޅުންގެ ނަޒަރުގައި ޝަރުޢީ ގޮތުން ޤަބޫލުކުރެވޭ ޑީއެންއޭ ތަޙުލީލެއް އެކަކަށްވުނެ ގިނަ ސްޕެޝަލިސްޓުން ހިމެނެންޖެހެ އެވެ. މަދުވެގެން ދެމީހުން ހިމެނެންޖެހެ އެވެ. އެއީ އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ހެކިވެރިންގެ ޢަދަދަށް ޤިޔާސް ކޮށެވެ. މި ގޮތައް ބުރަވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ޑރ. މުޙައްމަދު ސުލައިމާން އަލްއަޝްޤަރާއި ޑރ. އަލީ ޤުއްރާދާޣީއާއި ޑރ. ފުއާދު ޢަބްދުލްމުންޢިމާއި ޑރ. ޢުމަރު ޝައިޚް އަލްއަޞައްމާއި ޑރ. ޙަސަން ޝާޛުލީ ހިމެނިވަޑައިގަންނަވައެވެ.
މި ބޭފުޅުން ވިދާޅުވަނީ ޑީއެންއޭގެ ދައުރަކީ ހެކިދޭ މީހެއްގެ ދައުރުކަމުން ޑީއެންއޭ ތަޙުލީލު ކުރުމުގައި އެކަކަށް ވުރެ ގިނަ ޚަރީބުން ހިމެނެންޖެހޭނެ ކަމުގައެވެ. މި ބޭފުޅުން ދަލީލެއްގެ ގޮތުން ގެންނަވަނީ އަލްބަޤަރާ ސޫރަތުގެ (282) ވަނަ އާޔަތެވެ. އެ އާޔަތުގައި ބަޔާންވެގެންވަނީ ދެ ހެކިންގެ ވާހަކައެވެ. އަދި ހަމަ އެހެންމެ، ފިޤުހުވެރިން ޤިޔާފާ (މީހާގެ ވައްތަރަށް ބަލައި ނަސަބު ކިޔައިދިނުން) މުގައި އިހުޒަމާނުގައި އެކަކަށް ވުރެ ގިނަ ޤާއިފުންގެ މައްޗަށް ބުރަވުމަށް ބައެއް ފިޤުހުވެރިން ނެރެފައިވާ ރައުޔުވެސް މި ބޭފުޅުން ރިޢާޔަތްކުރައްވައެވެ. މިޒަމާނުގައި ދޮގުހެދުމާއި އޮޅުވާލުން ގިނަވެފައިވާތީވެ މިފަދަ ޙައްސާސް ކަމެއްގައި އެކަކަށް ވުރެ ގިނަ މީހުން ހިމެނެން ޖެހޭނެކަމުގައި ދެކެވަޑައިގަންނަވައެވެ. ( ޚަލީފާ ޢަލީ ކަޢުބީ، 52).
(ށ) ދެވަނަ ރައުޔުގައިވަނީ ޑީއެންއޭ ތަޙުލީލު ކުރުމުގައި ކޮންމެހެން ގިނަ ސްޕެޝަލިސްޓުން ތިބެން ނުޖެހޭ ކަމާއި އެންމެ މީހެއްގެ މައްޗަށް ވެސް ފުދޭނެ ކަމުގަ އެވެ. މި ރައުޔަކީ ޑރ. ސަޢުދުއްދީން ހިލާލީއާއި ( ހިލާލީ 282،) ޑރ. ވަހުބާ ޒުޙައިލީގެ ރައުޔެވެ. ( އައްޒުޙައިލީ، 10 ) މި ރައުޔުގެ ބޭފުޅުން ވިދާޅުވަނީ އިހުގެ ފިޤުހުވެރިން ޤިޔާފައިގައި އެންމެ ޤާއިފެއްގެ ރައުޔަށް ބުރަވެފައިވާ ކަމަށެވެ. އެއީ ޝާފިޢީ މަޒްހަބާއި ޙަންބަލީ މަޒުހަބުގައި ވެސް އޮތް ރައުޔެއްކަމަށެވެ. އަދި ޡާހިރީ މަޒުހަބާއި އައުޒާޢީގެ ރައުޔަކީ ވެސް އެއީ ކަމުން، ޤިޔާފާގައި އެންމެ މީހެއްގެ ރައުޔަށް ބުރަވެވޭ އިރު، ޑީއެންއޭ ތަޙުލީލުގައި އެންމެ މީހެއްގެ ރައުޔަށް ބުރަނުވެންންވީ ސަބަބެއް ނެތެވެ. ސަބަބަކީ ޤިޔާފާގެ ބަހަށް ވުރެ، ޑީއެންއޭގެ ތެދުކަމުގެ ކަށަވަރުކަމުގެ ނިސްބަތް ބޮޑުކަމެވެ. ޤިޔާފަތަކީ ސިފައަށް ބަލައި ވައްތަރު ބަލައި ކާކުކަން ކިޔައި ދިނުމެވެ. ޑީއެންއޭއަކީ އިންސާނާގެ ޖެނެޓިކް ވިސާސީ ސިފަތަކުން ކާކުކަން ބުނެދިނުމެވެ.
(ނ) ތިންވަނަ ރައުޔަކީ، ޑީއެންއޭ ތަޙުލީލުގައި ބުރަވެވޭ ޢަދަދެއް ކަނޑައަޅާނީ ސަރުކާރުންނެވެ. އެހެނީ އެކަމުގައި އިތުބާރު ހުރި އެންމެ މީހެއްވެސް ސަރުކާރަށް ފާހަގަ ކުރެވިފައި ހުރެދާނެކަމުގައިވާތީއެވެ. މިއީ ޑރ. ޢުމަރު ސުބައްޔިލްގެ ރައުޔެވެ. ( އައްސުބައިޔިލް، 36).
އަޅުގަނޑުގެ ނަޒަރުގައި، މިކަމުގައި ކޮންމެހެން ސްޕެޝަލިސްޓުންގެ ވަކި އަދަދެއް ލާޒިމު ކުރުން މުހިންމެއް ނޫނެވެ. އިތުބާރު ހުރި ލެބޯޓްރީ ޓެސްޓްތަކުން ފުދޭނެ އެވެ. އެކަން ކަނޑައަޅާނީ ކަމާ ބެހޭ ތަޙުޤީޤީ ބާރުވެރި ފަރާތުންނެވެ. ނުވަތަ ސަރުކާރުންނެވެ. ޑީއެންއޭ އާއި ހެކިވެރިންނާ ޤިޔާސް ކުރުމަކީ ހަމަ ޖެހޭ ޤިޔާސެއް ނޫނެވެ. ހެކިވެރިންނަކީ ލޮލަށް ފެނިގެން ހެކިދޭ މީހުންނެވެ. ޑީއެންއޭ އަކީ ތަޙުލީލު ތަކެކެވެ. ޑީއެންއޭ އަކީ ޢިލްމީ އުޞޫލުތަކެއްގެ މައްޗަށް ޤާއިމުވެފައިވާ ޢިލްމީ ތަޙުލީލުތަކެއް ކަމުން ހެކިދޭ މީހާއާއި ޑީއެންއޭ އާ ޤިޔާސް ކުރެވޭނެ މަގެއް ނެތެވެ.
ޑީއެންއޭ ތަޙުލީލުގައި މައްސަލަ ހުރެދާނެ ހެއްޔެވެ؟
ޑީއެންއޭއަކީ އެއިގެ ޒާތުގައި ތެދު އެއްޗެކެވެ. ނަމަވެސް ޑީއެންއޭ ތަޙުލީލު ކުރެވޭ ގޮތުން އޭގެ ނަތީޖާ ތަފާތު ވެދާނެ އެވެ. ކަމާ ބެހޭ ތަޖުރިބާކާރުން ހާމަކޮށްފައިވާ ގޮތުން ޑީއެންއޭއަކީ އޭގެ ޒާތުގައި ޙައްޤު އެއްޗަކަށް ވިޔަސް، ދެ ކަމެއްގެ ސަބަބުން އޭގެ ނަތީޖާއަށް އަސަރު ކޮށްފާނެ އެވެ.
ފުރަތަމަ ކަމަކީ، ޖަރީމާއެއް ހިނގާތަނެވެ. (Crime Scene) އެވެ. ސީނުން ޑީއެންއޭ އަށް ބޭނުންވާ މާއްދާތައް ނެގޭ އިރު ރަނގަޅަށް އެކަން ނުކޮށްފި ނަމަ ނަތީޖާއަށް ބަދަލު އަތުވެދާނެ އެވެ. މިސާލަކަށް ރޭޕް ކުރުމާއި މަރުގެ މައްސަލަތައް ފަދަ ޖިނާއީ ކަންކަމުގެ ތަޙުޤީޤަށް ބޭނުންވާ މާއްދާތައްކަށް ނެގުމުގައި އެކަންކުރަން އޮންނަ ގޮތް ނޫން ގޮތަކަށް ކޮށްފި ނަމަ، ނުވަތަ އެމާއްދާތަކަށް ގެއްލުންލިބިފަ ހުރި ނަމަ، ނުވަތަ މާއްދާތައް ފޮހެލާފައި ހުރި ނަމަ ރަނގަޅު ނަތީޖާއެއް ނުނިކުމެދާނެ އެވެ.
ދެވަނަ ކަމަކީ ތަޙުލީލުކުރާ ލެބޯޓްރީ އެވެ. ބައިލޮޖިކަލް ތަޙުލީލުތައް ހެދުމުގައްޔާއި ޑީއެންއޭގެ ނަތީޖާ ނެރެދޭ ތަނަކީ އާޚިރުގައި ލެބޯޓްރީ އެވެ. އެހެންކަމުން އެތަނުގައި ހުރި ވަސީލަތްތައް ފުރިހަމަ ވާންޖެހޭނެ އެވެ. ފަންނީ ރިޕޯޓް އެކުލަވާލުމުގައި ގޯހެއް ހެދިދާނެކަމުގެ އިޙުތިމާލު އޮތުމެވެ. (އަބުލްވަފާއު، 692)
ޑީއެންއޭ އަކީ ޤަރީނާއެއް ހެއްޔެވެ؟
ޤަރީނާއަކީ ކަމެއް ސާބިތު ކޮށްދިނުމަށްޓަކައި ނުވަތަ ކަމެއް ނަފީ ކުރުމަށްޓަކައި ދިލާލަތުކޮށްދޭ ޢަލާމާތެވެ. ނުވަތަ ނިޝާނެވެ. މިސާލަކަށް ގެއަކުން މީހަކު ނިކުތް އިރު އޭނާގެ އަތުގައި ލޭގެ އަސަރާއެކު ޚަންޖަރު އޮތް ތަން ފެނުމާއެކު، އެގެއަށް ބަޔަކު ވަން އިރު މީހެއްގެ ކަރުގައި ޚަންޖަރު އަޅާފައިވަނިކޮށް ފެނިއްޖެ ނަމަ އެ ގެއިން ޚަންޖަރު ހިފައިގެން ނިކުތް މީހާއަކީ ކުށްވެރިއާކަމަށް ވުމުގެ އިޙުތިމާލު ސާބިތު ކުރުމަށް އެ ޤަރީނާ ބޭނުން ކުރެވިދާނެ އެވެ. (ޒައިދާން، ޢަބްދުލްކަރީމް 2002، 185).
އިސްލާމީ ޝަރީޢަތުގައްޔާއި އިސްލާމީ ޤަޟާއީ ނިޒާމުގައި ޤަރީނާއަކީ މުޢުތަބަރު ވަސީލަތެކެވެ. ޤަރީނާއަކީ މުޢުތަބުރު އެއްޗެއްކަމުގައި ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުން ދިލާލަތު ކޮށްދެ އެވެ. މި ގޮތުން، މިނިކާ ކުއްތާއެއް ޔޫސުފްގެފާނު ކައިލި ކަމަށް ސާބިތު ކޮށްދިނުމަށް ލެއާއެކުވާ ޤަމީހެއް އެކަލޭގެފާނުގެ ބައްޕާއަށް ފުޅަށް އަޚުންގެ ފަރާތުން އެރުވުނު ވާހަކަ ޔޫސުފް ސޫރަތުގެ (18) ވަނަ އާޔަތުގައި ބަޔާންވެފައި ވެއެވެ. އަޚުންގެ ފަރާތުން އެ ޤަމީސް އެރުވީ އެމީހުންގެ ބަސް ތެދުކުރުމަށްޓަކައި ޤަރީނާއެއްގެ ގޮތުގަ އެވެ. ނަމަވެސް، ޔޫސުފު ސަލާމަތުން ހުންނެވި ކަމުގެ ޔަޤީންކަން ބައްޕާފުޅަށް ލިބިވަޑައިގެންނެވީ ވެސް އެ ޤަރީނާއިނެވެ. ބައްޕާފުޅު ވިދާޅުވީ މިނިކާ ކުއްތާ ޔޫސުފް ކައިލި ނަމަ ޔޫސުފް ލައިގެން ހުރި ތި ގަމީސް ނުވީދި ތިއޮތީ ކީއްވެގެން ހެއްޔެވެ؟ (މުޙައްމަދު ރައުފަތު، 2، 572) މިހެންވުމުން ޔޫސުފާ މެދު، ބައްޕާފުޅު ޔަޢުޤޫބުގެ ހިތްޕުޅުގައި އުންމީދު އާވެގެން ދިޔައެވެ. އަދި އެ ދެބަފައި ކަލުން ބައްދަލުވެއްޖައުމަށް ދާންދެން އެ އުންމީދުގައި ހުންނެވިއެވެ.
ޤަރީނާގެ ދެވަނަ ދަލީލަކީ ވެސް ޔޫސުފްގެފާނާ ގުޅިފައިވާ ކަމެކެވެ. މިޞްރުގެ ޢަޒީޒުގެ އަނބިކަލނބަލުން އެކަލޭގެފާނުގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމުން އެކަލޭގެފާނު ބަރީއަވެގެންވާ ކަމަށް ހާމަވީ ވެސް ޤަރީނާއަކުންނެވެ. އެއި ގަމީސްކޮޅު ފުރަގަހުން ވީދިފައި ހުރުމެވެ. ފުރަގަހުން ވީދިފައި ހުންނާނީ އެކަލޭގެފާނުގެ ފަހަތްޕުޅުން މީހަކު ދެމީމަ އެވެ. ކުރިމަތިން ވީދިފައި ހުރި ނަމަ ޒުލައިޚާގެ ބަސް ތެދުވެގެންވާނެ ކަމަށް އެ މައްސަލައިގައި ގޮތް ނިންމި ފަރާތުން ކަނޑައެޅި އެވެ. މި ވާހަކަ ޔޫސުފް ސޫރަތުގެ (26-28) ވަނަ އާޔަތުގައި ބަޔާން ވެގެން ވެއެވެ.
ކީރިރި ރަސޫލާގެ ސުންނަތަށް ނަޒަރު ހިންގައި ދިރާސާކޮށްލާއިރު ވެސް ޤަރީނާއަށް ޢަމަލުކުރައްވާފައިވާ ތަން ފެނެއެވެ. މިގޮތުން ޤިޔާފާ (ވައްތަރާއި ސިފައަށް ބަލައި ނަސަބު ކިޔައި ދިނުން). މިކަމުގައި ބަލަނީ ސިފައާއި ވައްތަރަށެވެ. އެއީ ޢަލާމާތްތަކެކެވެ. ފިޤުހުވެރިންގެ ނަޒަރުގައި ޤިޔާފާއަކީ އިސްލާމީ ޤަޟާއީ ނިޒާމުގައި މުޢުތަރު ޤަރީނާއެކެވެ. މާލިކީ މަޒުހަބުގެ މުޖުތަހިދު ޢިލްމުވެރިޔާ އިމާމު އިބުނު ފަރްހޫން ވިދާޅުވެފައި ވެއެވެ. މާލިކީ މަޒުހަބުގައިވާ ގޮތުން ޤަރީނާތަކަށް ޢަމަލު ކުރުމަކީ ޤަޟާއީ ނިޒާމުގައި ޙުކުމް ކުރުމުގެ އެއްގޮތެވެ. އަދި ޙަންބަލީ މަޒުހަބުގައި ވެސް މި ކަން އޮތް ގޮތަކީ މާލިކީ މަޒުހަބާ ގާތް ގޮތަކަށެވެ. އިމާމު އިބުނުލްޤައްޔިމު ވިދާޅުވެފައިވަނީ ބައެއް ފިޤުހުވެރިން ޤަރީނާތަކުގެ ވާހަކަ ޞަރީޙަ ބަހުން ގެންނަވާގައި ނެތެއްކަމަކު، އެބޭކަލުން ޙުކުމްތައް ތަރުތީބު ކޮށްފައިވަނީ ޤަރީނާގެ އަސާސަށް ބަލައިގެން ކަމުގައި ފާހަގަ ވެއެވެ. (ޒައިދާން، ޢަބްދުލްކަރީމް 187).
އިސްވެ ދިޔަ އާޔަތްތަކާއި ސުންނަތުގެ ދަލީލުތަކާއި ފިޤުހުވެރިންގެ ރައުޔުތަކުން ދޭހަ ކޮށްދެނީ ޤަރީނާއަކީ އެއިގެ ޒާތުގައި މުޢުތަބަރު އެއްޗެއް ކަމެވެ. މިއިން ކަމުން ޖިނާއީ ކަންކަމުގައި ޙަޤީޤަތަށް ވާޞިލްވުމަށް ޑީއެންއޭގައި ހިފުމަކީ އިސްލާމީ ޝަރީޢާއާއި ތަޢާރުޟްވާނެ ކަމެއްނޫނެވެ. ސަބަބަކީ ޑީއެންއޭ އަކީ ޙައްޤަށް ވާޞިލްކޮށްދޭ ޢަލާމާތެކެވެ.
ނަސަބު ނޫން ކަންކަމުގައި ޤަރީނާއެއްގެ ގޮތުގައި ޑީއެންއޭ ބޭނުން ކުމުގައި ދެބަސްވުމެއް ނެތެވެ. ނަމަވެސް ޑީއެންއޭއަކީ ޢިލްމީ ހޯދުމެއްގެ މައްޗަށް ބިނާވެގެންވާ ވަސީލަތެއް ކަމުން، ނަސަބު ނަފީ ކުރުމާއި ސާބިތުކުރުން ފަދަ ޤަޠުޢީ ގޮތުން ވަކި ޙުކުމްތަކެއް ކަނޑައެޅިފައިވާ ޙައްސާސްކަމެއްގައި ޑީއެންއޭއަކީ ހަމަ އެއާ އެއްފަދަ ޤަތުޢީ ޤަރީނާއެއްގެ ގޮތުގައި ބޭނުންކުރުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުމެއް އުފެދިފައިވެއެވެ. މިކަމުގައި ތިން ތައުޔެއް ވެއެވެ.
ފުރަތަމަ ރައުޔަކީ، ޑީއެންއޭ އަކީ ސައްތައިން ސައްތަ އެއިގެ ޞައްޙަކަމާމެދު ސުވާލެއް ނެތް، ޤަޠުޢީ ޤަރީނާއެކެވެ.
މިގޮތައް ބުރަވެވަޑައިގަންނަވަނީ ޑރ، ޢަބްދުލްޤާދިރ ޚައްޔާޠު ( އަލްޚައްޔާޠު 4، 1507 ) ޑރ ސަޢުދުއްދީން ހިލާލީ ( ހިލާލީ، 273) ޑރ ނަޞްރު ފަރީސު ވާޞިލް ( ވާޞިލް، 43 ) ޑރ މުޙުޔިއްދީން ޢަލީ ( ޤުއްރާ ދާޣީ، 27-30) އަދި 1998 ވަނަ އަހަރު ކުވައިތުގައި އޮތް އިސްލާމީކް އޮގަނައިޒޭޝަންގެ ނިންމުމަކީ ވެސް އެއީއެވެ. މި ރައުޔުގެ ބޭފުޅުން ދަލީލެއްގެ ގޮތުގައި ގެންނަވަނީ އަލް އަޙުޒާބު ސޫރަތުގެ ( 5) ވަނަ އާޔަތެވެ. އެ އާޔަތުގައި ވަނީ ދަރިންގެ ބަފައިންނަށް އެމީހުން ނިސްބަތްކުރުމަށެވެ. އެ ބޭފުޅުން ވިދާޅުވަނީ މި އާޔަތުގައި އެވަނީ ބައްޕަ ކަށަވަރު ކުރުމަށެވެ. ބައިލޮޖިކަލް ގޮތުން ދަރިފުޅުގެ އަޞްލުގެ ބައްޕައަށް އޭނާ ނިސްބަތްކުރުމަކީ ޙައްޤުގޮތެވެ. ވީމާ ޑީއެންއޭ މެދުވެރިކޮށް އެ ކަމަށް ވާޞިލްވެވެން އޮތް ކަމަށް މި ބޭފުޅުން ވިދާޅުވެއެވެ. މީގެ އިތުރުން މި ބޭފުޅުން ވިދާޅުވާ ގޮތުން ޑީއެންއޭގެ ތަޙުލީލުތަކަކީ ސައްތައިން ސައްތަ ޞައްޙަ ތަޙުލީލުތަކެވެ.
މި ރައުޔަށް އިޢުތިރާޟް ކުރައްވާ ބޭފުޅުން ވިދާޅުވަނީ މި ގޮތަށް މި ދޮރު ހުޅުވިއްޖެ ނަމަ ގިނަ ބަޔަކު ދަރިންނާ މެދު ޝައްކު އުފައްދައި ޓެސްޓުތައް ހަދަން ފަށާފާނެ ކަމާއި އަނެއްކޮޅުން ޑީއެންއޭ ތަޙުލީލު ކުރުމުގެ ގޯހެއް ހިނގުމުގެ އިޙުތިމާލު އޮތް ކަމަށެވެ. އެ ފަދަ ކަމެއްގެ މައްޗަށް ނަސަބުގެ ކަންކަން ނުނިންމޭނެ ކަމުގައެވެ. އިޙުތިމާލު އޮތުމުން އެކަމެއްގައި ޙުއްޖަތެއް ނެތެވެ.
ދެވަނަ ރައުޔަކީ، ޑީއެންއޭ އަކީ ޡައްނީ ޤަރީނާއެކެވެ. ޤަޠުޢީ ޤަރީނާއަކާ އެއް ދަރަޖައަށް ގޮސްފައިވާ ޤަރީނާއެއް ނޫނެވެ. އަދި އެއީ ނަސަބު ސާބިތު ކުރުމާއި ނަފީކުރުމުގައި ބޭނުން ކުރެވޭ ވަރުގެ މުޢުތަބު ޤަރީނާއެއް ވެސް ނުމެ ނޫން މެއެވެ. ނަމަވެސް އެއީ ކޯޓަށް ފެނިއްޖެ ޙާލަތެއްގައި ހަމަ އެކަނި ބޭނުންކުރެވޭ ޤަރީނާއެކެވެ. މިގޮތުން ކޯޓަށް ފެނިއްޖެ ޙާލަތެއްގައި ނަސަބު ސާބިތުކުރުމާއި ނަފީ ކުރުމުގައި ޑީއެންއޭ ބޭނުންކުރެވިދާނެކަމުގައި ޑރ ވަހުބާ އައްޒުޙައިލީ ( އައްޒުޙައިލީ، 2,، 529) އާއި ޑރ ޢުމަރު އައްސުބައްޔިލް(އައްސުބައްޔިލް، 27 ) ވިދާޅުވެފައިވެއެވެ. މި ރައުޔުގެ ބޭފުޅުންގެ ނަޒަރުގައި ޑީއެންއޭއަކީ އޭގެ ޒާތުގައި ޝަރުޢީ ދަލީލެއްނޫނެވެ. ނަސަބު ސާބިތުކުރުމުގައި ލޭގެ ތަޙުލީލު ހެދުމަކީ ފިޤުހުވެރިން އެއްބަސްވެފައިވާ ޝަރުޢީ ދަލީލެއްނޫނެވެ. ނަސަބު ސާބިތު ކުރުމާއި ނަފީ ކުރުމުގައި އޮތް ގޮތަކީ އިޤުރާރުވުމާއި ހެއްކާއި ޝަރުޢީ އުޞޫލުގެ މަތިން އޮތް ކައިވެނީގެ ގުޅުމެވެ. އަދި ހަމަ އެހެންމެ ޑީއެންއޭ އަކީ ޤަޠުޢީ ޤަރީނާއެއްކަމުގައި ނުބެލެވެނީ އެއިގެ ތަޙުލީލުތައް ހެދުމުގައި ގޯހެއް ހިގާފާނެކަމާއި ރިޕޯޓް އޮޅުވާލުމުގެ އިޙުތިމާލު އޮތްކަމަކަށްވާތީއެވެ. އެކަންކަމާމެދު އެއްވެސް ޚިލާފެއް ނެތް ޤަޠުޢީ ހެއްކާއި ޤަރީނާ ހުއްޓައި ޡައްނީ ޤަރީނާއެއްގެ މައްޗަށް ބުރަ ނުވެވޭނެކަމުގައި ވިދާޅުވެފައިވެއެވެ. މި ހެން އޮތްކަމުގައި ވިޔަސް، ދެ ފިރިހެނުން ދަރިއަކާ މެދު އަރާރުންވުން ފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެ ކުއްޖާގެ ނަސަބު ނިސްބަތްވާ މީހާ ކަނޑައެޅުމަށް ކޯޓުގެ އަމުރަށް ޑީއެންއޭ ހެދިދާނެކަމުގައި މި ރައުޔުގެ ބޭފުޅުން ވިދާޅުވެފައިވެއެވެ.
ތިންވަނަ ރައުޔުގެ ބޭފުޅުން ވިދާޅުވަނީ ޑީއެންއޭއަކީ ޤަޠުޢީ ޤަރީނާއާއި ގާތްކުރާ ޤަރީނާއެއްކަމުގައެވެ. މިއީ ޑރ، ނާޞިރު އަލް މައިމާންގެ ރައުޔެވެ. ( އަލްމައިމާން، 613). މި ރައުޔަށް އެހެން ބައެއް ޢިލްމުވެރިން ވެސް ތާއިދު ކުރައްވާފައިވެއެވެ.
މި މައްސަލައިގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ރައުޔުތަކަށް ނަޒަރު ހިންގައި އަޅުގަނޑު ބުރަވާނީ، ޑީއެންއޭ އަކީ ވަރުގަދަ ޤަރީނާއެއްކަމުގައެވެ. ނަމަވެސް ނަސަބު ނަފީކުރުމާއި ސާބިތުކުރުމުގައި ޝަރުޢީ ގޮތުން ހުރި ޤަޠުޢީ ކަންކަމުގެ މައްޗަށް މި ޤަރީނާ އިސްވެގެން ނުވެއެވެ. އެހެން ނަމަވެސް ޤަޠުޢީ ކަންކަމަށް ބާރުދޭ ޤަރީނާއެއްގެ ގޮތުގައި ކޯޓުގެ އަމުގެ ދަށުން ބޭނުންކުރެވިދާނެއެވެ. މި ކަމުގެ ތަފްސީލް ލިޢާންގެ މައްސަލައިގައި ޑީއެންއޭގެ ޙުއްޖަތުގެ މައްޗަށް ލިޔެވޭ މަޒްމޫނުގައި ބަޔާންކުރާހުށީމެވެ.
މި ހިސާބުން ޑީއެންއޭގެ ޙަޤީޤަތުގެ މައްޗަށް ލިޔާން ޤަސްތުކުޅަވަރު ނިމުނީއެވެ. ދެން އަންނަ މަޒްމޫނުގައި ގެންނެވޭނީ އަޞްލު މައުޟޫޢެވެ. އެއީ ލިޢާންގެ މައްސަލައިގައި ޑީއެންއޭ ޤަރީނާގެ ބޭނުންކުރުމުގެ ޙުކުމެވެ. ޑީއެންއޭގެ ޙަޤީޤަތާ ބެހޭ ގޮތުން މިގެނެވުނު ވާހަކަތަކަކީ ތީސީސްގައި ބަޔާންކުރި ޗެޕްޓަރ ތަކުގެ ޚުލާޞާއެކެވެ. ބައެއް ބައިތައް ކުރުގޮތަކަށް ގެނެވިފައިވާނެއެވެ. އަޞްލު މަޤުޞަދަކަށް ވީ ލިޢާންގެ މައްސަލައަށް ވާހަކަ ދެއްކުމުގެ ކުރީން އިސްލާމީ ނަޒަރަކުން ޑީއެންއޭގެ ޙަޤީޤަތަށް ނަޒަރެއް ހިންގާލުމެވެ. އަދި އޭގެ ތެދުކަމާއި ތަޙުލީލުތަކުގެ ގޯހެއް ހިނގައިފާނެކަމުގެ އިޙުތިމާލު އޮތް ވަރު ދެނެގަތުމެވެ. ސަބަބަކީ ލިޢާންގެ މައްސަލައަކީ ޝަރުޢުގައި ޤަޠުޢީ ޙުކުމެއް އޮތް ކަމަކަށްވާތީވެ، ޡައްނީ ޤަރީނާއަކުން ނުވަތަ ގޯހެއް ހިގައިފާނެ އިޙުތިމާލު އޮތް ތަޙުލީލެއް ޤަޠުޢީ ޙުކުމެއްގެ މައްޗަށް އިސް ފަސް ކުރުމަކީ ލިޢާންގެ މައްސަލަގައި ޢިލްމުވެރިންގެ ބަޙުޘްބިނާކުރި އަސާސްކަމުގައިވީތީއެވެ.