ފްރެންކްފާޓް އަތުން 5-1 ވީ ބޮޑު ބައްޔާއެކު ބަޔާން މިޔުނިކްގެ ކޯޗް ނިކޯ ކޮވާކް ވަޒީފާއިން ވަކި ކޮށްފި އެވެ.
ކޮވާކްގެ ބަދަލުގައި ބަޔާންގެ ވަގުތީ ކޯޗަކަށް ހަމަޖައްސާފައި ވަނީ، އެސިސްޓެންޓް ކޯޗް ހެންސީ ފުލިކް އެވެ. ބުދަ ދުވަހު ޗެމްޕިއަންސް ލީގްގައި އޮލިމްޕިއާކޯސް އާ ދެކޮޅަށް ކުޅޭ މެޗާއި އަދި އަންނަ ހޮނިހިރު ދުވަހު ވާދަވެރި ބޫރޫޝިއާ ޑޯޓަމުންޑާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ބަޔާން އަށް އިރުޝާދު ދެނީ ޖަރުމަންގެ ގައުމީ ޓީމުގައި ޔޯކިމް ލޯ ގެ ދަށުން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް ކުރިން މަސައްކަތް ކުރި ފްލިކް އެވެ.
ފްރެންކްފާޓަށް ކުރިން ކޯޗް ކޮށްދިން ކޮވާކް ބަޔާންގެ ކޯޗް ކަމާ ހަވާލުވީ މިދިޔަ ސީޒަން ފެށުމުގެ ކުރިންނެވެ. ވަރަށް އުނދަގޫކޮށް ދިޔަ ސީޒަންގައިވެސް އޭނާ ވަނީ ޖަރުމަން ލީގާއި ކަޕްވެސް އޭނާ ކުރިން ކުޅުނު ކުލަބަށް ކާމިޔާބު ކޮށްދީފަ އެވެ. ބަޔާން އަށް ކުރިން ކުޅުނު މިޑްފީލްޑަރު ކޯޗެއްގެ ގޮތުގައި ހޯދި އެ ކާމިޔާބާއެކު އޭނާ ވެފައި ވަނީ ކުޅުންތެރިޔެއްގެ ގޮތުގައިވެސް އަދި ކޯޗެއްގެ ގޮތުގައިވެސް ބަޔަން އަށް އެ ކާމިޔާބު ހޯދި ފުރަތަމަ ކޯޗުގެ ގޮތުގަ އެވެ.
ބަޔާން އިން ކޮވާކް ވަޒީފާއިން ވަކި ކުރީ ދެފަރާތުން ވާހަކަ ދެކެވިގެން އެއީ ދެފާރަތަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ އެވެ. "އަހަންނަށް ހީވަނީ މިއީ ކުލަބަށް މިވަގުތަށް އެންމެ ރަނގަޅު ގޮތް ހެން،" ކޮރޮއޭޝިއާ އަށް ނިސްބަތްވާ ކޮވާކް ބަޔާންގެ ވެބްސައިޓްގައި ބުނެފައި ވެއެވެ. "ނަތީޖާ ތަކާއި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޓީމުގެ ކުޅުން ހުރި ގޮތުން މިހާހިސާބަށް ދާން ޖެހުނީ."
ބަޔާންގެ މި ސީޒަންގެ ނަތީޖާތައް ރަނގަޅު ނުވުމުގައި ޓްރާންސްފާގައި ރަނގަޅު ޑީލްތަކެއް ނުހެދުން ސަބަބެއްކަމަށް ހިމެނެ އެވެ.