ހަބަރު

38 މިލިއަނަށް ތިނަދޫގައި ފެން ހިންދާ ނިޒާމު ގާއިމް ކުރަނީ

ގދ. ތިނަދޫގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް 38 މިލިއަން ރުފިޔާއަށް ފެން ހިންދާ ނިޒާމު ގާއިމް ކުރަން ބަޔަކާ ހަވާލު ކޮށްފި އެވެ.

އެންވާރަމަންޓު މިނިސްޓްރީން މި މަސައްކަތް އިއްޔެ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ތިނަދޫއަށް ކުރައްވާ ރަސްމީ ދަތުރެއްގައި އެ ރަށުގަ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ އެވެ.

މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓަރު ސޮއި ކުރެއްވި އިރު ސެނޮކްގެ ފަރާތުން ސޮއި ކުރީ ކުންފުނީގެ އެކައުންޓަންޓް ޕްރަބަތް ރަވަންޕޫރާ އެވެ. މި މަސައްކަތް ނިންމަން ހަމަޖައްސާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.

މީގެއިތުރުން ތިނަދޫގައި ދެ މެގަވޮޓްގެ ސޯލާ ފާމެއް ގާއިމުކުރުމުގެ މަސައްކަތްކުރުމަށް ތިނަދޫ ކައުންސިލާއި މިނިސްޓްރީއާ ދެމެދު ވެސް ވަނީ އެމްއޯޔޫއެއްގައި ސޮއި ކުރި ކަމަށް ވެސް އެންވާރަމަަންޓުން މައުލޫމާތު ދެ އެވެ. އަދި ތިނަދޫ ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސިނެރޭޓަރެއް ބެހެއްޓުމަށް ވެސް ބަޔަކާ ހަވާލު ކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ތިނަދޫއަށް ކުރައްވާ ދަތުރުގައި ތިނަދޫ ކައުންސިލާއި ބައްދަލުކޮށް އެރަށުގެ ކުނި މެނޭޖްކުރުމުގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލައާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.