ހަބަރު

ބަޖެޓު: މާލެ ސަރަހައްދަށް 3 ބިލިއަން، އަތޮޅުތަކަށް 2.5 ބިލިއަން

Nov 4, 2019
8

ތަރައްގީގެ މަޝްރޫއުތަކަށް އަންނަ އަހަރު ސަރުކާރުން ލަފާ ބަޖެޓުގައި ޕީއެސްއައިޕީއަށް 10.1 ބިލިއަން ރުފިޔާ ހޭދަކުރަން ނިންމައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާއިރު، ޕީއެސްއައިޕީގެ ގޮތުގައި ބަޖެޓު ހަރަދުގެ 27 ޕަސަންޓް ވަނީ ކަނޑައަޅައިފަ އެވެ.

މައިގަނޑު 10 ދާއިރާއަކަށް ބަހާލައިގެން ހިންގާ މަޝްރޫއުތަކުގައި، މާލޭ ސަރަހައްދުގައި 3.3 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާއިރު އަތޮޅުތަކުގައި 2.5 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނެ ކަމަށް ބަޖެޓް ފޮތުގައިވެ އެވެ.

އަތޮޅު ތެރޭގައި މަޝްރޫއުތައް ހިންގުމަށް މީގެކުރިން ހިމާނާފައިނުވާ އަދަދެއް ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 900 މަޝްރޫއު ހިންގުމަށް އަމާޒު ހިފައިގެންނެވެ.

އެގޮތުން، 523 މިލިއަން ރުފިޔާއާއެކު އެންމެ ބޮޑު ހޭދައެއް ކުރާ ގޮތަށް ރާވާފައި ވަނީ އައްޑޫއަށެވެ.

މީގެ އިތުރުން އެންމެ ބޮޑު ހޭދައެއް ކުރާ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހދ. އަތޮޅުގައި 362 މިލިއަން ރުފިޔާ، ރ. އަތޮޅުގައި 309 މިލިއަން ރުފިޔާ، ތ. އަތޮޅުގައި 332 މިލިއަން ރުފިޔާ، ގދ. އަތޮޅުގައި 486 މިލިއަން ރުފިޔާގެ މަޝްރޫއެވެ. ފުވައްމުލަކުގައި 228 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ސަތޭކަ މިލިއަނަށް ވުރެ މަދު އަދަދެއްގެ މަޝްރޫއު ކަނޑައެޅިފައިވަނީ ވ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ދ. އަތޮޅަށެވެ.

އަންނަ އަހަރުގެ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ހައުސިން އާއި ތިމާވެށީގެ މަޝްރޫއުތަކާއި އިޖުތިމާއީ އަދި ސިނާއީ މަޝްރޫއުތައް ހިންގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.