ސިއްހަތު

ދުޅަހެޔޮ ސިއްހަތާ ގުޅޭ ގޮތުން މަހާސިންތާއެއް ފަަށައިފި

ސިއްހީ ދާއިރާގައި ހިމެނޭ ގިނަ ފަރާތްތަކުން ބައިވެރިވާ ދުޅަހެޔޮ ސިއްހަތާގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް ހާއްސަ މަހާސިންތާއެއް ފަށައިފި އެވެ.

ޕެރެޑައިސް އައިލެންޑްގައި މިއަދު ހެނދުނު ފެށި މި މަހާސިންތާ ފައްޓަވައިދެއްވާފައިވަނީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާގައި ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހު އެކި ފަރާތްތަކުން ކަރުދާސް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

ސަރުކާރުން ސިއްހީ ދާއިރާއާ ގުޅޭ ގޮތުން ހަދާފައިވާ ސްޓްރެޖެޓިކް އެކްޝަން ޕްލޭންގައި ފާހަގަކޮށްފައިވާ ކަނތައްތައް ކާމިޔާބު ކުރުމުގައި މި މަހާސިންތާގައި މަޝްވަރާ ކުރުމަށް ނިންމާފައިވާއިރު ދުނިޔޭގެ ފެންވަރު ރާއްޖޭގެ އާންމު ސިއްހަތުގެ ބަލައިގަންނަ ކަންކަން ފާހަގަކޮށް އެކަންތައް އިތުރަށް ކުރިއަށް ގެންދިޔުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މަހާސިންތާ ރަސްމީކޮށް ފައްޓަވައި ދެއްވާ ވާހަކަ ދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މިފަދަ މަހާސިންތާއެއް ބޭއްވިގެންދާއިރު މި މަހާސިންތާގައި ބައިވެރިވި ބައިވެރިން ވިސްނަން ޖެހޭނީ މިމަހާސިންތާގައި ބައިވެރިން ހޯދާ ހޯދުންތައް ބަރާބަރަށް ނިންމުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރައްކާތެރިކަމާއި ސަލާމަތުގެ ތަޅުދަނޑިއަކީ ދުޅަހެޔޮ ސިއްހަތު ކަން މިއަދު ކަށަވަރުވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ބާއްވާ ފުރަތަމަ އާންމު ސިއްހަތުގެ މަހާސިންތާ ކުރިއަށް ގެންދަނީ ވަރަށް ގިނަ އުއްމީދުތަކަކާއެކުގައި ކަމަށާއި ސާބިތު ހެއްކާއެކު އާންމު ތަޖުރިބާއން ފުރިހަމަ ސިއްހަތަކަށް ދަތުރު ކުރެވެން އޮތް މަގަކީ އާއްމު ސިއްހަތުގެ މަގުކަން ކަށަވަރުވުމުން އެމަގުން ކުރިއަށް ދާން މިހާރު ކޮޅަށް ތެދުވެ ތައްޔާރުވެފައިވާ ކަމަށެވެ.

ސިއްހަތަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދާއިރު ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް ހޭދައިގެ ނިސްބަތުން އަސަރު ކުރޭތޯ މިނިސްޓަރު ވަނީ ސުވާލު އުފައްދަވާފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މި މަހާސިންތާގެ މައިގަނދު މަގުސަދަކީ ކުރިއަށް އޮތް ތާނގައި ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ގާއިމްކުރުމުގެ މަގުޗާޓެއް އެކުލަވާލުން ކަމަށެވެ.